ސަރުކާރުގެ ލޯނު ސްކީމުގެ ދަށުން ބާސެލޯނާގައި ކިޔަވަމުންދާ ދަރިވަރުންނަށް
މާލީ ގޮތުން ދަތިތަކެއް ދިމާވެ، އެ މައްސަލަތައް ސިޓީއެއް މެދުވެރިކޮށް ހަޔާ އެޑިއުކޭޝާން މިނިސްޓްރީއާ ހިއްސާކޮށްފިއެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރަށް އެޑްރެސްކޮށް މިދިޔަ މަހުގެ 22ގައި ފޮނުވައިފައިވާ ސިޓީގައި ފާހަގަކޮށްފައި ވަނީ މައިގަނޑު ގޮތެއްގައި ތިން މައްސަލައެކެވެ. އެއީ ވިސާ ހޯދުމުގައި ދިމާވާ ދަތިތަކާއި އެކަމަށް އިތުރަށް ދާ ޚަރަދު، ދަރިވަރުންނަށް އެކަށީގެންވާ އަދަދެއްގެ ސްޓައިޕެންޑެއް ނުލިބި އަމިއްލައަށް ޚަރަދު ކުރަން ޖެހުން އަދި ކޯހުގައި ހޭދަވާ މުއްދަތު، ލޯނު ދޭ މުއްދަތަށް ވުރެ އިތުރުވުމެވެ.
އެ ސިޓީ ހުށަހެޅުމުގައި ބައިވެރިވި ދަރިވަރަކު "ސަން"އަށް މައުލޫމާތު ދިން ގޮތުގައި އެ ސިޓީ ހުށަހެޅީ އޭނާ ޕައިލެޓުކަން ކިޔަވަމުންދާ ސްކޫލުގެ ގާތްގަނޑަކަށް 30 ކުދިން މަޝްވަރާކުރުމަށްފަހުގައެވެ. އެ ސިޓީ ފޮނުވިތާ މަހެއްވީއިރު ވެސް މިނިސްޓްރީގެ ޖަވާބެއް ނުލިބޭކަން އޭނާ ފާހަގަކުރިއެވެ.
އެ ސިޓީގައިވަނީ، ސްޕެއިންއަށް ދަތުރުކުރުމަށް ވިސާ ޕްރޮސެސް ކުރުމަށް އިންޑިއާގެ ނިއުދިއްލީގައި ހުންނަ އެމްބަސީއަށް ދަތުރުކޮށް އެކޮމެޑޭޝަނަށް އިތުރު ޚަރަދުތަކެއް ކުރަންޖެހޭ ކަމަށާއި ނަމަވެސް އިންޝުއަރެންސް އަދި ވިސާ ފީގެ ގޮތުގައި ލޯނު ސްކީމުގެ ދަށުން އެއްވެސް މާލީ އެހީތެރިކަމެއް ނުލިބޭ ކަމަށެވެ.
އަދި ކޯހުގައި ބައިވެރިވި ދަރިވަރުންގެ ސްޓޫޑެންޓް ވިސާ ލިބެންޖެހޭ މުއްދަތަކީ 18 މަސް ދުވަސް ނަމަވެސް ބައެއް ދަރިވަރުންނަށް ވިސާ ލިބިފައި ވަނީ 12 މަސް ދުވަހަށް ކަމަށް ވަނީ ބުނެފައެވެ. އެހެންކަމުން ވިސާ އާކުރުމަށާއި ގާނޫނީ އެހީތެރިކަން ހޯދުމާއި ފީތައް ދެއްކުމާއި އެ ކަންކަމަށް ދަރިވަރުންގެ އަތުން 2000 ޑޮލަރު ހަރަދުވެގެން ދިޔަކަން ވަނީ ފާހަގަކޮށްފައެވެ.
"ދެން އެހެންވީމަ ލޯން ދީފައި ހުންނަވަރުން ކޯސް ނުނިންމެނީ. އެއީ އެންމެ ބޮޑު އިޝޫއަކީ، މިސާލަކަށް ސްޓައިޕެންޑުގައި ނުހިމެނޭ އެއްޗެހީގެ ތެރޭގައި އެބައިނދޭ ވިސާ ޕްރޮސެސްއާއި ވިސާއަށްދާ ލާރި، އިންޝޫރެންސްއަށް މަންތުލީ ދައްކަން ޖެހޭ ލާރި، ދެން އަސްލު ހަގީގަތުގައި ލިވިންއަށް ޚަރަދުކުރަން ޖެހޭ ވަރު ވެސް މާ ބޮޑު،" ޕައިލެޓުކަން ކިޔަވަމުންދާ ދަރިވަރު ބުންޏެވެ.
އޭނާ ބުނި ގޮތުގައި ސްޕެއިންނަށް ކަނޑައަޅައިފައިވާ ސްޓްއިޕެންޑަކީ 1300 ޑޮލަރެވެ.
އެ ދަރިވަރުންގެ ސިޓީގައިވާ ގޮތުން ބާސެލޯނާގައި އެވަރެޖްކޮށް ސްޓޫޑެންޓް އެކޮމެޑޭޝަންގެ އަގަކީ ވެސް މަދުވެގެން 1300 ޑޮލަރެވެ. އަދި އެ ގައުމުގައި ކެއިން ބުއިމުގެ ޚަރަދު މިހާރު ބޮޑުވަމުން އަންނަކަން ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން ލޯނުގެ އަދަދު އެކައުންޓަށް ޖަމާވަނީ ދިވެހި ރުފިޔާއިން ކަމަށް ވުމުން އިންޓަނޭޝަނަލް ފީތަކާއި އެ ދުވަހެއްގެ ޔޫރޯ ރޭޓުގެ މައްޗަށް ބިނާވެގެން ލިބޭ ޔޫރޯގެ އަދަދު ވަރަށް މަދުކަން ދަރިވަރުން ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން ކުލި ދެއްކުންފަދަ ޒަރޫރީ ޚަރަދުތައް ފޫބެއްދުމަށް ދަތިވެ، ކާބޯތަކެއްޗާއި ދަތުރުފަތުރުގެ ވަސީލަތްތަކުގެ ޚަރަދު ބަލަހައްޓަން ދަތިވެފައިވާކަން ވަނީ ފާހަގަކޮށްފައެވެ. އަދި ކޮންމެ 12 މަހަކުން މެޑިކަލް ސެޓްފިކެޓް އާކުރަންޖެހޭއިރު އެކަމަށްވެސް ކުދީންގެ އަތުން ގާތްގަނޑަކަށް 800 އެއްހައި ޑޮލަރު ހޭދަވާކަަން ވަނީ ފާހަގަކޮށްފައެވެ.
އެހެންކަމުން ސްޓައިޕެންޑްގެ އަދަދު އެކަށީގެންވާ މިންވަރަށް ނުލިބުމުން ދަރިވަރުން ކޯސް ފުރިހަމަކުރުމުގައި ދަތިތަކާ ކުރިމަތިލާން ޖެހިފައި ވާކަން ފާހަގަކޮށް، ކިޔެވުން މެދުކަނޑާނުލާ ކުރިއަށް ގެންދިއުމަށް ޓޮޕް އަޕް ލޯނެއް ނަމަވެސް ފޯރުކޮށްދިނުމުގެ އިންތިޒާމު ހަމަޖައްސައިދިނުމަށް އެ ޕެޓިޝަނުގައި ވަނީ އެދިފައެވެ.
"ސަން"އަށް މައުލޫމާތު ދިން ދަރިވަރު ބުނި ގޮތުގައި ޓޮޕްއަޕް ލޯނަށް އާންމުކޮށް ކޮންމެ އަހަރަކު ވެސް ހުޅުވާލަނީ ފެބްރުވަރީ ކުރީކޮޅާއި ޖޫން މަހެވެ. ނަމަވެސް މިދިޔަ އަހަރުގެ ޖޫން މަހާއި ފެބްރުވަރީ މަހު އެ ފުރުސަތު ލިބިފައިނުވާ ކަމަށް އޭނާ ބުންޏެވެ.
"ދެން މިނިސްޓްރީން މެއިލްއެއް ކުރިއަސް އެއަށް ރިޕްލައިއެއް ކުރަނީކީއެއް ނޫން ހަމަ މި ޖެހެނީ ފެމިލީ މީހެއް ލައްވާ ގުޅުވަން. ގިނަ ފަހަރަށް ގުޅައިގެން ފޯނު ނުނަގައިގެން ޖެހެނީ މިނިސްޓްރީއަށް ފެމިލީ މީހަކު ފޮނުވައިގެން އެ މައުލޫމާތު ހޯދަން، މީހަކު ގޮސްގެންދޭ މައުލޫމާތު، އެކަމަކު އެއްވެސް އެއްޗެއް ސާފުވާ ގޮތަކަށް ނުދޭ މައުލޫމާތެއް،" އޭނާ ބުންޏެވެ.
އެހެންވެ، ދަރިވަރުންގެ ސިޓީގައިވަނީ މިނިސްޓަރު ހައިދަރާ ރަސްމީކޮށް ވީޑިއޯ ކޮންފަރެންސެއް ހަމަޖައްސައިދިނުމަށާއި ރަސްމީ ޖަވާބެއް ދިނުމަށް އެދިފައެވެ.
"ގާތްގަނޑަކަށް އަހަރުމެން މިހާރު މިތިބީ ހަމަ ބޮޑު ބައި ނިމިފައި، ނިމެން ކައިރިވެފައި ހުއްޓާ އެންމެ ފަހު ޕޭމެންޓް ސްކޫލަށް ނުދެއްކިގެން އަހަރުމެން ކިޔެވުން މެދުކަނޑާލާފައި ދާން ޖެހިއްޖެއްޔާ އަސްލު ވަރަށް ދެރަ،" ދަރިވަރު ބުންޏެވެ.
"ކިޔެވުން ކޮމްޕްލީޓް ނުވެ، ބޮޑު ލޯނެއް ބޮލުގައި އެޅިފައި، މިކަހަލަ ވަރަށް ބޮޑު ޑިސްއެޑްވާންޓޭޖެއް އެ ލިބެނީ އަނބުރާ ގޮސްފައި ވެސް ފައިނޭންޝަލީ."
އެ ސިޓީ ހުށަހެޅީ މީގެ މަހެއްހާ ދުވަސް ކުރިން ނަމަވެސް، އެ ސިޓީގެ މައުލޫމާތު އާންމުވީ ސޯޝަލް މީޑިއާގައި އާންމުވީ މި ފަހުންނެވެ. އެއާއެކު ލޯން ސްކީމްގެ ދަށުން ކިޔަވާ ބައެއް އެހެން ދަރިވަރުން ވެސް ލޯނު ލިބުމުގައި ދިމާވާ ދަތިތައް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.
އެހެން ދަރިވަރުން ވެސް ވަނީ، ސަރުކާރުން ކަނޑައަޅާފައިވާ ސްޓައިޕެންޑްއިން ޚަރަދުތައް ފޫނުބެއްދުމުގެ ކަންބޮޑުވުމުގެ އިތުރުން، ސްޓައިޕެންޑު ދިނުން ލަސްވުމުން އަމިއްލަ ޖީބުން ޚަރަދުތައް ކުރަން ޖެހުމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެ މައްސަލައާ ގުޅޭ ގޮތުން ހައިދަރާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބަހެއް ހޯދަން މަސައްކަތް ކުރި ނަމަވެސް، މިހާތަނަށް ލިބިފައިނުވެއެވެ.