ފައިސާ ޗާޕުކުރުމާ ދެކޮޅު ހައްދަވައި ޑެޕިއުޓީ ގަވަރުނަރު އިމާދު އިސްތިއުފާ ދެއްވައިފި

އެމްއެމްއޭގެ ޑެޕިއުޓީ ގަަވަރުނަރުކަމުގައި ހުންނެވި އަހުމަދު އިމާދު --

މަރުކަޒީ ބޭންކް، އެމްއެމްއޭ މެދުވެރިކޮށް ފައިސާ ޗާޕުކުރާ މައްސަލަ ހޫނުވެފައި އޮއްވައި، އެކަމާ ދެކޮޅު ހައްދަވައި، ނިންމުންތަކާމެދު ހިތްހަމަޖެހިވަޑައިނުގެން، ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

އިމާދަކީ އެމްއެމްއޭގައި ހުންނެވި އެންމެ ތަޖުރިބާކާރު ބޭފުޅުންގެ ތެރެއިން އެއް ބޭފުޅާއެވެ.

ޑެޕިއުޓީ ގަވަރުނަރުކަމަށް އިމާދު އައްޔަންކުރީ މިދިޔަ ސަރުކާރުގައި 2020 ވަނަ އަހަރެވެ. އޭނާ އެމްއެމްއޭގައި ޚިދުމަތް ފެއްޓެވީ 2000 ވަނަ އަހަރުން ފެށިގެންނެވެ.

އެއާއެކު އިސްތިއުފާ ދެއްވިކަން ހާމަކުރައްވައި ނެރުއްވި ބަޔާނުގައިވަނީ މި ފަހުން އެމްއެމްއޭއިން ނިންމައިފައިވާ ނިންމުންތަކަކީ އޭނާގެ ނަޒަރުގައި މުއައްސަސާގެ އަސާސީ މަޤްސަދުތަކާ ޚިލާފު ނިންމުންތަކެއް ކަމަށެވެ.

އަދި މިއަދު ރާއްޖޭގެ އިގްތިޞާދީ ހާލަތަށް އަލިއަޅުއްވައިލައްވަމުން އެ ބަޔާނުގައިވަނީ، ބޭރުގެ ދަރަނި އިތުރުވަމުން އައުމަކީ މެކްރޯ އިކޮނޮމިކް ހަމަޖެހުމަށް އެ ކަމުގެ ނޭދެވޭ އަސަރުކުރަމުން އަންނަ ކަމެއް ކަމަށް ފާހަގަކުރައްވައިފައެވެ.

މީގެ އިތުރުން މާލީ ސެކްޓަރުގައި ބޭންކުތަކުން ސަރުކާރަށް ދޫކޮށްފައިވާ ދަރަނީގެ ރިސްކު މަތިވެފައިވާކަމަށާއި، އެ ކަން ކުޑަކުރަން ޕްރޫޑެންޝަން ރެގިއުލޭޓަރީ ފިޔަވަޅުތައް އަޅަން މަޖުބޫރުވެފައިވާކަމަށް ވެސް ވަނީ ފާހަގަކުރައްވައިފައެވެ. އަދި އެކްސްޗޭންޖު ރޭޓުގެ ޕެގް ހިފެހެއްޓުމަށް ޓަކައި ހިފެހެއްޓިފައިވާ (ޓައިޓް މަނިޓަރީ) ފައިސާގެ ސިޔާސަތުތައް ގެންގުޅެން ލާޒިމުވެފައިވާ ކަމަށް ވެސް ވަނީ ފާހަގަކުރައްވައިފައެވެ.

މި ބަޔާނުގައި އިތުރަށް ފާހަގަކުރައްވައިފައިވާ މުހިންމު ކަންކަމުގެ ތެރޭގައިވަނީ:

  • ފައިސާ އިތުރަށް ޗާޕުކުރުމުން ދުރުހެެލިވުމާއި، ސަރުކާރުގެ ޚަރަދު ކުޑަކުރުން މުހިންމުކަމަށް
  • މިހާރުގެ އިގްތިޞާދީ ހާލަތަށް ބަލައި އިތުރަށް ފައިސާ ޗާޕުކޮށްފިނަމަ ނުރައްކާތެރި މެކްރޯ އަސަރުތަކެއް ކުރިމަތިވާނެކަން
  • އިތުރަށް ފައިސާ ޗާޕުކުރުމަކީ މިހާރު ވެސް ބޭންކިން ނިޒާމުގައި ހުރި އެކްސެސް ލިކުއިޑިޓީ ބޮޑުތަނުން އިތުރުވާނެ ކަމެއްކަން
  • އިތުރަށް ފައިސާ ޗާޕުކޮށްފިނަމަ އެކްސްޗޭންޖް ރޭޓު ހިފަހައްޓަން ކުރާ މަސައްކަތަށް ގޮންޖެހުން ކުރިމަތިވާނެކަން
  • އަދި ރުފިޔާގެ ލިކިއުޑިޓީ މެނޭޖްކުރުމަށް މިހާރު ވެސް ކުރަންޖެހިފައިވާ ޚަރަދު އިތުރުވެ އެމްއެމްއޭގެ ބެލެންސް ޝީޓު ހީނަރުވާނެކަން.

އެއާއެކު އިމާދުގެ އިސްތިއުފާގެ ބަޔާނުގައިވަނީ ފިސްކަލް ޒިންމާދާރުކަމަށް އިސްކަންދީ އެމްއެމްއޭގެ މިނިވަންކަން ހިމާޔަތްކުރުމަށް ސަރުކާރުގެ ކިބައިން އެދިފައެވެ. އަދި މެކްރޯ އިކޮނޮމިކް ހަރުދަނާކަން ޔަގީންކުރުމަށް ބޭނުންވާ ފިޔަވަޅުތައް އަޅަން އެދިފައެވެ.

https://sun.mv/203561

މިދިޔަ ހަފުތާގައި އޮތް މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް އޮތީ ޑެޕިއުޓީ ގަވަރުނަރުކަމުން އިމާދު ވަކިކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާދޭން ހުށަހަޅާފައެވެ. އެ ގޮތަށް ހުށަހެޅުއްވީ ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދެވެ. އެ ހުށަހެޅުމަށް ތާއީދުކުރެއްވީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާނެވެ. ދެ މެންބަރުންނަކީ ވެސް މަޖިލީހުގެ ސުޕަމެޖޯރިޓީ އޮތް ޕީއެންސީއަށް ނިސްބަތްވާ ދެ މެންބަރުންނެވެ.

comment ކޮމެންޓް