އެމްޑީޕީން މިހާރު ކުރިއަށްގެންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން މުޒާހަރާއެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލަކާ ގުޅުވައި ވާހަކަދެއްކި އެކްޓިވިސްޓު މަރިޔަމް ޒުބައިރު (މަންދީ) އަންނަ އަންގާރަ ދުވަހު ވެސް ފުލުހަށް ހާޒިރުވާން އަންގައިފިއެވެ.
މިއަދު މެންދުރު 13:30ގައި މަންދީ ވަނީ ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގްއަށް ހާޒިރުކޮށްފައެވެ.
އެއީ މިދިޔަ ހޯމަ ދުވަހުގެ ރޭ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ގާނޫނާ ޚިލާފަށް މާލޭގެ އެކި ސަރަހައްދުތަކުގެ މަގުތަކަށް އެއްވެ، އަޑުގަދަކޮށް މުޒާހަރާ ކުރުމުންނެވެ. އަދި، އާންމު ދަތުރުފަތުރަށް ދަތިވާނެހެން ހަރަކާތްތެރިވުމުން ކަމަށާއި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އަޅާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލަގެ ތަހުގީގަށް ސުވާލުކޮށް، ބަޔާން ނެގުމަށެވެ.
މިއަދު ފުލުހަށް ހާޒިރުވުމަށް ފަހު ރާއްޖެޓީވީއަށް ދިން އިންޓަވިއުއެއްގައި މަންދީ ބުނީ، އަންގާރަ ދުވަހު ފުލުހަށް ހާޒިރުވާން އެންގީ ދާދި ދެންމެއަކު ގުޅާފައި ކަމަށެވެ. އެގޮތުން، އަންނަ އަންގާރަ ދުވަހުގެ 10:00އަށް އޭނާ މާފަންނު ފުލުހަށް ހާޒިރުވާން އެންގިކަމަށް އޭނާ ބުންޏެވެ.
"[ފުލުހުން] ގުޅާފަ ބުނީ، އެބައިނޭ ޗިޓެއް. ދެން އަޅުގަނޑު ބުނީ، އަޅުގަނޑަށް ޗިޓު ލިބިފައޭވީ. ބުނީމައި ބުނީ މިއީ އެހެން ޗިޓެކޭ އަދި. 18ވަނަ ދުވަހުގެ 10:00 ޖަހާއިރަށް އެބައިން މާފަންނު ޕޮލިހަށް ދާން." މަންދީ ބުންޏެވެ.
މިހާރު ކޮށަމުން ދަނީ ބިރުދައްކައިގެން އެމްޑީޕީގެ މުޒާހަރާތަކަށް ނުދާނެ މަގެއްކަމަށް ގަބޫލުކުރާ ކަމަށް މަންދީ ބުންޏެވެ. އެހެންނަމަވެސް، މުޒާހާރައަށް ނުގޮސް ނުތިބޭނެކަން އޭނާ ފާހަގަކުރިއެވެ.
މަންދީގެ އިތުރުން އެ ޕާޓީއަށް ނިސްބަތްވާ ފާތިމަތު ޝިއުނާ ވެސް މާދަން ފުލުހަށް ހާޒިރުވާން ވަނީ ޗިޓު ފޮނުވައިފައެވެ.
އެމްޑީޕީގެ މުޒާހަރާއެއްގައި ރައީސް މުއިއްޒާއި އަނބިކަނބަލުން އަދި ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދުގެ 16 އަހަރުގެ ދަރިކަލުންނާ ގުޅޭ ގޮތުން މަންދީ ދެއްކި ވާހަކައެއް ވަނީ ހޫނުވެފައެވެ. އެގޮތުން އޭނާވަނީ، މިދިޔަ އަހަރު ރާއްޖޭގައި ވޭޕް މަނާކުރީ ރައީސްގެ ދަރިކަލުން ވޭޕް ކުރައްވާތީ ކަމަށް ތުހުމަތު ކުރައްވައިފައެވެ.
އިއްޔެ ރައީސްގެ އާއިލާގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ އާއިލާ ތަމްސީލުކުރައްވާ ގާނޫނީ ވަކީލު އަދި ކުރީގެ ބަންޑާރަނައިބު އައިޝަތު އާޒިމާ ޝަކޫރުވަނީ، ސާޖިދާގެ ފަރާތުން ބަޔާނެއް އިއްވަވައިފައެވެ. އެ ބަޔާނުގައި ވަނީ އެމްޑީޕީއާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލަށް މިހަފުތާ ތެރޭ މަދަނީ ދައުވާކުރަން ނިންމަވާފައިވާ ކަމަށެވެ.
އެމްޑީޕީގެ މުޒާހަރާގައި ރައީސްގެ ދަރިކަލުންނާ ގުޅޭ ގޮތުން ދެއްކި ވާހަކަ އިލެކްޝަންސް ކޮމިޝަން (އީސީ)އާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އިން ވަނީ ކުށްވެރިކޮށްފައެވެ.