ދަރިކަލުންނާ ގުޅޭ ގޮތުން ދެއްކި ވާހަކައާ ގުޅިގެން ސާޖިދާ، ފައްޔާޒާއި އެމްޑީޕީއާ ދެކޮޅަށް ކޯޓަށް

ރައީސާއި ފަސްޓް ލޭޑީ: އެ ކަމަނާ ވަނީ ދަރީންގެ ހައްގުގައި، މަދަނީ ދައުވާ ކުރަން ނިންމަވައިފައި -- ފޮޓޯ/ ރައީސް އޮފީސް

ރައީސް ޑރ. މުޙައްމަދު މުއިއްޒާއި އަނބިކަނބަލުން އަދި ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދުގެ ދަރިކަލަކާ ގުޅޭ ގޮތުން ދެއްކި ވާހަކަތަކަކާ ގުޅިގެން، އެމްޑީޕީއާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލަށް މަދަނީ ދައުވާކުރަން ސާޖިދާ ނިންމަވައިފިއެވެ.

މިއަދު ރައީސްގެ އާއިލާގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ އާއިލާ ތަމްސީލުކުރައްވާ ގާނޫނީ ވަކީލު އަދި ކުރީގެ ބަންޑާރަނައިބު އައިޝަތު އާޒިމާ ޝަކޫރުވަނީ، ސާޖިދާގެ ފަރާތުން ބަޔާނެއް އިއްވަވައިފައެވެ.

އެ ބަޔާނުގައި އިޝާރާތް ކުރައްވައިފައިވަނީ، އެމްޑީޕީން ކުރިއަށްގެންދާ ސިލްސިލާ މުޒާހަރާތަކުގައި، އެކްޓިވިސްޓު މަރިޔަމް ޒުބައިރު (މަންދީ)، ރައީސްގެ 16 އަހަރުގެ ދަރިކަލުންނާ ގުޅޭ ގޮތުން ދެއްކި ވާހަކައަކަށެވެ. އެގޮތުން އޭނާވަނީ، މިދިޔަ އަހަރު ރާއްޖޭގައި ވޭޕް މަނާކޮށްފައިވަނީ ރައީސްގެ ދަރިކަލުން ވޭޕް ކުރައްވާތީ ކަމަށް ތުހުމަތު ކުރައްވައިފައެވެ.

އެ މައްސަލައާ ގުޅޭ ގޮތުން ރައީސްގެ އާއިލާއިން ނެރުނު ބަޔާނުގައި ސާޖިދާ ވިދާޅުވީ، ދަރިކަލުން އުމައިރު މުޙަންމަދު މުއިއްޒަށް ނިސްބަތްކޮށް، މިވޭތުވެދިޔަ އަހަރެއްހާ ދުވަހުގެތެރޭގައި، ޚާއްޞަކޮށް މިދިޔަ ދެތިން ދުވަހެއްގެ ތެރޭގައި ހަގީގަތެއްނެތް، ދޮގު ވާހަކަތަކެއް މީޑިއާއާއި ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި ދައްކައިފައިވާ ކަމަށެވެ.

ސާޖިދާ ވިދާޅުވީ އެ ކަންކަން ކުރަނީ ރައީސާ ސިޔާސީ ގޮތުން ޚިޔާލު ތަފާތު އެކި ފަރާތްތަކުން ކަމަށެވެ. އަދި އެ ވާހަކަތަކުގެ ސަބަބުން ދަރިކަލުންނަށް ނުރައްކާ ފޯރާ ހިސާބަށް މިހާރު ގޮސްފައިވާ ކަމަށް އެ ކަމަނާ ވިދާޅުވިއެވެ.

"މިފަދަ ވާހަކަތަކުގެ ތެރޭގައި އަޅުގަނޑުގެ ދަރިފުޅުގެ ތައުލީމީ ހަޔާތަށާއި އިޖްތިމާއީ ހެދިބޮޑުވުމަށް ނޭދެވޭ އަސަރުތަކެއް ކުރާނޭފަދަ ވާހަކަތައްވެސް ވަނީ ދައްކައި ފަތުރާފައެވެ. އަދި މިކަންތައްތަކުގެ ސަބަބުން އޭނާގެ މުޅި މުސްތަގުބަލަށް ނޭދެވޭ އަސަރުތަކެއްކޮށް، އޭނާގެ ރައްކާތެރިކަން ކަށަވަރުނުވާވަރުގެ ކަންތަކަކަށް މަގުފަހިވެދާނޭފަދަ ފުރުސަތުތައް ވަނީ ހުޅުވިގެން ގޮސްފައިކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ." ބަޔާނުގައިވެއެވެ.

އެ ވާހަކަތައް ދައްކަމުންދާއިރު، ރައީސާއި ސާޖިދާގެ ސިޔާސީ ނިންމުންތަކުގައި ދަރިކަލުންގެ އެއްވެސް ބައިވެރިވުމެއް ނެތްކަން އެ ކަމަނާ ފާހަގަކުރެއްވިއެވެ. އަދި 16 އަހަރުގެ ދަރިކަލުންގެ އިތުރަށް އެންމެ ދޮށީ ދަރިފުޅާއި އަށް އަހަރުގެ ހަގު ދަރިފުޅަށް ގަނާ ކުރުމާއި ފުރައްސާރަ ކުރުމުގެ މަސައްކަތްތަކެއް ވެސް މިހާރު ފަށާފައިވާ ކަމަށް ސާޖިދާ ވިދާޅުވިއެވެ. އަދި އެއީ ބަލައިގަންނަން އުނދަގޫކަމެއް ކަމަށް އެ ކަމަނާ ވިދާޅުވިއެވެ.

ރައީސްގެ އާއިލާގެ ގާނޫނީ ވަކީލު އާޒިމާ: ރައީސްގެ ދަރިކަލުންނާ ގުޅޭ ގޮތުން ދައްކައިފައިވާ ވާހަކައާ ގުޅިގެން ދައުވާ ކުރަން އެ އާއިލާއިން ނިންމައިފައިވާ ކަމަށް ވިދާޅުވި -- ސަން ފޮޓޯ/ މުޙައްމަދު މާނިއު

ސާޖިދާ ވިދާޅުވީ، ރައީސް ސިޔާސީ މައިދާން ޚިޔާރު ކުރެއްވީ އަމިއްލަ އިޚުތިޔާރުގައި ކަމުން، އޭގެ ސަބަބުން އާއިލާއަށް ކުރިމަތިވާ އެއްވެސް ފާޑުކިޔުމަކަށް މީގެ ކުރިން އެ ކަމަނާ ރައްދު ދެއްވައިފައިނުވާނެ ކަމަށެވެ. ނަމަވެސް، މިހާރު ދަރިދަރިކަލުންނާ ދިމާކޮށް، އެ ކުދީންގެ ނަމާއި ކަރާމާތާއި ރައްކާތެރިކަން ނަގާލަން މަސައްކަތްކުރާއިރު، މަންމަގެ ހައިސިއްޔަތުން ފިޔަވަޅު އަޅަން ނިންމައިފައިވާ ކަމަށް އެ ކަމަނާ ވިދާޅުވިއެވެ.

"އަޅުގަނޑު މިފިޔަވަޅުތައް މިއަޅަނީ މިކުދިންގެ މަންމަގެ ހައިސިއްޔަތުން އަޅުގަނޑު އަމިއްލައަށް ފަރުދީގޮތުންނެވެ. ސަރުކާރުގެ ބައިވެރިވުމެއް އޮވެގެނެއްނޫނެވެ. އަޅުގަނޑުގެ ބޭނުމަކީ އަޅުގަނޑުމެން އެންމެންގެ ކުދިންނަށް ރައްކާތެރިކަމާއެކު ދިރިއުޅެވޭނޭ މާހައުލެއް ގާއިމުވުމެވެ." ސާޖިދާގެ ބަޔާނުގައިވެއެވެ.

އެ ކަމަނާގެ ބަޔާނުގައިވަނީ، ގާނޫނީ ގޮތުން އަޅާ ފިޔަވަޅުތައް ހާމަކުރާނީ އެ ކަމަނާގެ ގާނޫނީ ވަކީލުން ކަމަށެވެ.

އާޒިމާ ވިދާޅުވީ އެ މައްސަލައިގައި މަންދީއަށް ވެސް ދައުވާ ކުރާއިރު، އެމްޑީޕީއަށް ވެސް ދައުވާ ކުރަނީ އެ ވާހަކަތައް ދައްކައިފައިވަނީ އެ ޕާޓީގެ އެއްވުމެއްގައި ކަމަށްވާތީ ކަމަށެވެ.

"އެހެންވީމަ އަޅުގަނޑުމެން ގަބޫލުކުރަނީ ގާނޫނީ ޒިންމާ އެ ފަރާތަަށް އޮންނާނެ ކަމަށް،" އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ފައްޔާޒަށް ދައުވާކުރަނީ އޭނާ ކުރައްވާފައިވާ ޓުވީޓަކާ ގުޅިގެން ކަމަށް ވެސް އާޒިމާ ވިދާޅުވި ނަމަވެސް، އިތުރު ތަފުސީލެއް ނުދެއްވައެވެ.

އެ މައްސަލަ ކޯޓަށް ހުށަހެޅުމަށް އިތުރު ވީޑިއޯތަކާއި ޓުވީޓުތައް ވެސް ދިރާސާކުރަމުން އަންނަ ކަމަށާއި ނަމަވެސް ދައުވާގެ ތަފުސީލު މިވަގުތު ހިއްސާނުކުރައްވާނެ ކަމަށް އާޒިމާ ވިދާޅުވިއެވެ. އެ ތަފުސީލު ހާމަކުރާނީ ދީރާސާތައް ކުރުމަށް ފަހު، ޝަރީއަތުގެ މަރުހަލާގައި ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ނިންމާފައި އޮތް ނިންމުމެއް މިއީ، ކުޑަކުއްޖެއްގެ ކަރާމަތް ނަގާލެވިއްޖެ، ކުޑަކުދިންގެ ހައްގުތަކާ ބެހޭ ގާނޫނާ ޚިލާފު އަމަލުތަކެއް ކޮށްފި، ގާނޫނުއަސާސީން ކުޑަކުދިންނަށް ލިބިދީފައި އޮތް ރައްކާތެރިކަމާއި ނަމާއި އަބުރުގެ ރައްކާތެރިކަމުގެ އިތުރުން ކުޑަކުދިންގެ ކަރާމާތައި ރައްކާތެރިކަމުގެ ހައްގުތައް ގެއްލުވާލެވިއްޖެ، އެކަމަކަށް އަޅުގަނޑުމެންގެ ޝައްކެއް ނެތް،" އޭނާ ވިދާޅުވިއެވެ.

އެކަންތައްތަކަށް ބަލައި މި ހަފުތާ ތެރޭގައި ދައުވާކުރާނެ ކަމަށާއި އިތުރު މަދަނީ ފިޔަވަޅުތައް އަޅަން ކަމާ ބެހޭ މުއައްސަސާތަކަށް ވެސް ހުށަހަޅާނެ ކަމަށް އާޒިމާ ވިދާޅުވިއެވެ.

އެމްޑީޕީގެ މުޒާހަރާގައި ރައީސްގެ ދަރިކަލުންނާ ގުޅޭ ގޮތުން ދެއްކި ވާހަކަ އިލެކްޝަންސް ކޮމިޝަން (އީސީ)އާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އިން ވަނީ ކުށްވެރިކޮށްފައެވެ.

އީސީން ނެރުނު ބަޔާނުގައި ވަނީ, ސިޔާސީ ހަރަކާތްތައް ރާވައި ހިންގުމުގައި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ކުޑަކުދިންގެ ހައްގުތައް ގެއްލޭގޮތަށް ސާބިތުނުހިފޭ ވާހަކަދެއްކުމާއި އެ ކުދިންގެ ކަރާމާތާއި ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކުރާ ފަދަ ވާހަކަތައް ދެއްކުން ކުށްވެރިކުރާ ކަމަށް ބުނެފައެވެ.

އެޗްއާރްސީއެމުން ނެރުނު ބަޔާނުގައި ވަނީ, އެއްވެ އުޅުމާއި ޚިޔާލު ފާޅުކުރުމުގެ ހައްގު ރައްޔިތުންނަށް ލިބިފައިވާ ކަމަށާއި ނަމަވެސް އެ ހައްގުގެ ބޭނުން ކުރުމުގައި އެކަކު އަނެކަކުގެ ހައްގުތަކަށް އަރައިނުގަތުމަށް ގޮވާލައިފައެވެ.

https://sun.mv/203687

އެމްޑީޕީންވަނީ، މުޒާހަރާގައި ދައްކައިފައިވަނީ އެއްވެސް ހާލެއްގައި ކުޑަކުއްޖަކަށް ނިސްބަތްކޮށް، އަދި ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން އަންނަ ފަދަ ވާހަކައެއް ނޫން ކަމަށް ބުނެފައެވެ.

comment ކޮމެންޓް