ދިވެހި ރުފިޔާއިން އެއް ބިލިއަނާ ގާތްކުރާ އަދަދެއްގެ ބޮޑު ލޯނެއް ނަގަން އިސްލާމިކް ޑިވޮލޮޕްމަންޓް ބޭންކް (އައިޑީބީ)އަށް ހުށަހަޅާފައިވާ ކަމަށް ސަރުކާރުގެ މަސް ކުންފުނި، މިފްކޯއިން މިއަދު ބުނެފިއެވެ.
އެ ލޯނަށް އެދި މިފްކޯއިން ހުށަހެޅީ މަސްވެރިކަމާ ގުޅޭ ބައެއް މަޝްރޫއުތައް ކުރިއަށް ގެންދާށެވެ.
މިފްކޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ސަރުކާރުގެ އެހީއާ އެކު 64.65 މިލިއަން ޑޮލަރުގެ ފައިނޭންސިން ހޯދަން އިސްލާމިކް ޑިވޮލޮޕްމަންޓް ބޭންކަށް ހުށަހަޅާފައިވާ ކަމަށެވެ. އެއީ، ދިވެހި ރުފިޔާއިން ބަލާނަމަ 997 މިލިއަނެއްހާ ރުފިޔާއެވެ.
އެ ކުންފުނިން ބުނީ، މިއީ މަސްވެރިކަމުގެ ސިނާއަތުގެ ކެޕޭސިޓީ އިތުރުކުރަން ކުރިއަށްގެންދާ މަޝްރޫއަށް ހޯދާ ފައިސާ ކަމަށެވެ. އެ ގޮތުން، މިފްކޯއިން ބުނީ އެ މަޝްރޫއުގެ ދަށުން:
- ހއ. އިހަވަންދޫގައި 1،000 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖް އަދި 50 މެޓްރިކް ޓަނުގެ ބްރައިން ފްރީޒިން ގާއިމުކުރާނެ
- އައްޑޫ ސިޓީގައި 500 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖް އަދި 50 މެޓްރިކް ޓަނުގެ ބްރައިން ފްރީޒިން ގާއިމުކުރާނެ
- ކަނޑުއޮތްގިރީގައި ހުރި ފެސިލިޓީއަށް 35 މެޓްރިކް ޓަނުގެ ފިޝް ޕްރޮސެސިން ޔުނިޓެއް ގާއިމުކުރާނެ
- ފެލިވަރުގައި 250 ޔުނިޓުގެ އެކޮމަޑޭޝަން ބްލޮކެއް ގާއިމުކުރާނެ
- ކޫއްޑޫގައި 100 ޔުނިޓުގެ އެކޮމަޑޭޝަން ބްލޮކެއް ގާއިމުކުރާނެ
- މުވައްޒަފުން ތަމުރީނުކުރާނެ
- 10 އަހަރުގެ ބިޒްނަސް ޕްލޭނެއް ހަދާނެ
އެ ކުންފުނިން ބުނީ، މަޝްރޫއު ކުރިއަށް ގެންދާނީ އައިޑީބީގެ އެހީގައި މަޝްރޫއުތައް ކުރިއަށް ގެންދަން ކަނޑައަޅާފައިވާ އުސޫލުތަކުގެ ދަށުން ވާދަވެރި ބިޑިންގެ ތެރެއިން ކަމަށެވެ.
މިފްކޯއިން 64.65 މިލިއަން ޑޮލަރު ހޯދަން އައިޑީބީގައި އެދުނު ކަމަށް ބުނިއިރު، ސަރުކާރުން ބަޖެޓު ކޭޝްފްލޯ ޕްލޭންގައި އަންދާޒާކުރި އަދަދަށް ހިލޭ އެހީއާއި ލޯން އެހީގެ އިތުރުން އާމްދަނީ ވެސް ނުލިބޭކަން މި ފަހުން ވަނީ ހާމަވެފައެވެ.
މާލިއްޔަތު ކޮމިޓީގައި ކުރިން އިންނެވި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ހާމަކުރެއްވި ހިސާބުތަކުން އެނގޭ ގޮތުގައި ސަރުކާރުން ފެބްރުއަރީއާ ހަމައަށް ލިބޭނެ ކަމަށް އަންދާޒާކުރި ހިލޭއެހީއާއި ލޯނުގެ 96 އިންސައްތަ ނުލިބެއެވެ.
ރާއްޖޭގެ މާލީ ހާލަތު ގޯސްވެ، ބައިނަލްއަގުވާމީ އެންމެ ބޮޑު ދެ ކްރެޑިޓް ރޭޓިން އެޖެންސީން ރާއްޖޭގެ ރޭޓިން ދަށްކޮށްފައި އޮންނަތާ އެތައް ދުވަހެއް ވެއްޖެއެވެ.