މިކީ 17އަށް 100 މިލިއަންގެ ގެއްލުމެއް، މި މަހު ޑިޖިޓަލްއަށް

ރޮބާޓް ޕެޓިންސަން ލީޑުން ފެންނަ ސައިފައި ފިލްމު "މިކީ 17"އަށް ބޮކްސް އޮފީހުގައި 100 މިލިއަން ޑޮލަރުގެ ގެއްލުމެއް ލިބި، ފިލްމު ޑިޖިޓަލްއަށް ރިލީޒްކުރުމަށް ތައްޔާރުވެއްޖެއެވެ.

މިހާތަނަށް ނެރުނު އެންމެ މަގުބޫލު އެއް ކޮރިއަން ފިލްމު ކަމަށްވާ "ޕެރަސައިޓް"ގެ ޑައިރެކްޓަރު ބޮންގް ޖޫން ހޯގެ ހޮލީވުޑް ފިލްމު މިކީ 17 އަކީ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އައި ފިލްމެކެވެ. މީގެ ދެ ހަފުތާ ކުރީން ފިލްމު ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ސިނަމާތަކުގައި ދައްކަން ފަށާފައެވެ.

ފިލްމު ދައްކަން ފެށިއިރު ފިލްމަށް ރަނގަޅު އާމްދަނީއެއް ލިބޭނެ ކަމަށް ގިނަ ބަޔަކު ހީކުރިއެވެ. ނަމަވެސް ފިލްމު އަމާޒު ހިފާފައި ހުރީ ފްލޮޕަކާ ދިމާލަށެވެ. ދާދިފަހުން ހާމަކޮށްފައިވާ ގޮތުގައި ފިލްމުގެ ސަބަބުން ވަނީ ޕްރޮޑަކްޝަން ކުންފުނި ވޯނަ ބްރޮސްއަށް ބޮޑު މާލީ ގެއްލުމެއް ލިބިފައެވެ. އެގޮތުން ފިލްމުގެ ސަބަބުން ކުންފުންޏަށް 100 މިލިއަން ޑޮލަރުގެ ގެއްލުމެއް ވެފައިވާނެ ކަމަށް އެ ކުންފުނިން ހާމަކޮށްފައިވެއެވެ.

ފިލްމު ބޮކްސް އޮފީހުގައި މާ ރަނގަޅަށް ނުހިނގާތީ، މިހާރު މަސައްކަތް ކުރަމުން އަންނަނީ ފިލްމު ސްޓްރީމިން އަށް ލުމަށެވެ. އެގޮތުން ފިލްމު ސިނަމާތަކަށް ރިލީޒްކުރާތާ 18 ވަރަކަށް ދުވަސްތެރޭ ސިނަމާއިން ނަގައި މި ފިލްމު ސްޓްރީމިންއަށް ދޫކޮށްލާނެއެވެ. އަދި މި މަހުގެ 25 އިން ފެށިގެން ފިލްމު ސްޓްރީމް ކުރެވޭނެއެވެ.

މި ފަހަކަށް އައިސް ފިލްމުތައް ސިނަމާތަކުގައި ދައްކާ މުއްދަަތު އަންނަނީ ދުވަހެއް ދުވަހަކަށް ކުރުވަމުންނެވެ.

މިކީ 17 އަކީ ސައިންޓިސްޓުންގެ ގްރޫޕެއް އާ ޕްލެނެޓެއް ބަލައި އެ ތަނަށް ދިރިއުޅުން ބަދަލު ކުރުމަށް މަސައްކަތް ކުރާތަން ދައްކައިދޭ ފިލްމެކެވެ.

މި ބަދަލުގެ ތެރޭގައި ދިމާވާ އާދަޔާހިލާފު ކަންތައްތައް ފިލްމުން ފެނެއެވެ. ފިލްމުގައި ޕެޓިންސަންގެ އިތުރުން ޓޯނީ ކޮލެޓާއި ސްޓީވެން ޔޫން ފަދަ ބޮޑެތި އެކްޓަރުން ހިމެނޭނެއެވެ.

comment ކޮމެންޓް