ފާތިމަތު ޝިއުނާއާއި މަރިޔަމް ޒުބައިރު (މަންދީ) އަންނަ ހޯމަ ދުވަހު ފުލުހަށް ހާޒިރު ކުރަން އަންގައި، ޗިޓު ފޮނުވައިފިއެވެ.
އެމީހުންނަށް ފޮނުވި ޗިޓުގައި ވަނީ ފުލުހަށް ހާޒިރުކުރަނީ މިދިޔަ ހޯމަ ދުވަހުގެ ރޭ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ގާނޫނާ ޚިލާފަށް މާލޭގެ އެކި ސަރަހައްދުތަކުގެ މަގުތަކަށް އެއްވެ، އަޑުގަދަކޮށް މުޒާހަރާ ކުރުމުން ކަމަށެވެ. އަދި، އާންމު ދަތުރުފަތުރަށް ދަތިވާނެހެން ހަރަކާތްތެރިވުމުން ކަމަށާއި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އަޅާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލަގެ ތަހުގީގަށް ސުވާލުކޮށް، ބަޔާން ނެގުމަށް ކަމަށް ޗިޓުގައިވެއެވެ.
އަންނަ ހޯމަ ދުވަހު މެންދުރު 13:30އަށް އެމީހުން ހާޒިރުވާން އަންގާފައި ވަނީ ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގްއަށެވެ.
އެމްޑީޕީގެ މުޒާހަރާއެއްގައި ރައީސް ޑރ. މުޙައްމަދު މުއިއްޒާއި އަނބިކަނބަލުން އަދި ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދުގެ 16 އަހަރުގެ ދަރިކަލުންނާ ގުޅޭ ގޮތުން މަރިޔަމް ޒުބައިރު ދެއްކި ވާހަކައެއް ވަނީ ހޫނުވެފައެވެ. އެގޮތުން އޭނާވަނީ، މިދިޔަ އަހަރު ރާއްޖޭގައި ވޭޕް މަނާކުރީ ރައީސްގެ ދަރިކަލުން ވޭޕް ކުރައްވާތީ ކަމަށް ތުހުމަތު ކުރައްވައިފައެވެ.
މިއަދު ރައީސްގެ އާއިލާގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ އާއިލާ ތަމްސީލުކުރައްވާ ގާނޫނީ ވަކީލު އަދި ކުރީގެ ބަންޑާރަނައިބު އައިޝަތު އާޒިމާ ޝަކޫރުވަނީ، ސާޖިދާގެ ފަރާތުން ބަޔާނެއް އިއްވަވައިފައެވެ. އެ ބަޔާނުގައި އެމްޑީޕީއާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލަށް މިހަފުތާ ތެރޭ މަދަނީ ދައުވާކުރަން ނިންމަވާފައިވާ ކަމަށެވެ.
އެމްޑީޕީގެ މުޒާހަރާގައި ރައީސްގެ ދަރިކަލުންނާ ގުޅޭ ގޮތުން ދެއްކި ވާހަކަ އިލެކްޝަންސް ކޮމިޝަން (އީސީ)އާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އިން ވަނީ ކުށްވެރިކޮށްފައެވެ.
އެމްޑީޕީން ވަނީ، މުޒާހަރާގައި ދައްކައިފައިވަނީ އެއްވެސް ހާލެއްގައި ކުޑަކުއްޖަކަށް ނިސްބަތްކޮށް، އަދި ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން އަންނަ ފަދަ ވާހަކައެއް ނޫން ކަމަށް ބުނެފައެވެ.