75 ރަށެއްގައި ޕޮލިސް ސްޓޭޝަން ހެދުމަށް 3 ކުންފުންޏަކަށް

ރައީސް ޑރ. މުޙައްމަދު މުއިއްޒު، ހޯމް މިނިސްޓަރު އަލީ އިހުސާނާއި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއުއާއެކު: 75 ރަށެއްގައި ޕޮލިސް ސްޓޭޝަން ހެދުމަށް 3 ކުންފުންޏަކާ ވަނީ ހަވާލުކޮށްފައި -- ފޮޓޯ/ ފުލުހުން

ރާއްޖޭގެ 75 ރަށެއްގައި ޕޮލިސް ސްޓޭޝަން ގާއިމްކުރުމަށް ސަރުކާރުގެ ތިން ކުންފުންޏަކާ މިއަދު ހަވާލުކޮށްފިއެވެ.

މިކަމާ ގުޅުވައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވަނީ ރާއްޖެއަކީ އަމާންކަން ގާއިމްވެފައިވާ، ކުށްމަދު މުޖްތަމައަކަށް ހެދުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އިރުޝާދާއެކު ފުލުހުންގެ މަރުކަޒުތައް ބިނާކުރުމަށް ޚާއްސަ މަޝްރޫއެއް މިއަހަރުގެ ތެރޭގައި ހިންގުމަށް ނިންމާފައި ވާކަމަށެވެ.

އެގޮތުން 75 ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ބިނާކުރުމަށް ސަރުކާރު ހިއްސާވާ ތިން ކުންފުންޏަކާ މިދިޔަ ބުރާސްފަތި ދުވަހު ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފައި ވާކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ. އެގޮތުން ފުލުހުންގެ މަރުކަޒުތަށް އިމާރާތްކުރުމަށް ހަވާލުކޮށްފައި ވަނީ، ފެނަކަ ކޯޕަރޭޝަނާއި އެމްޓީސީސީގެ އިތުރުން އާރްޑީސީއާއެވެ.

އެ ވުޒާރާއިން ވަނީ މި މަޝްރޫއުތަކުގެ ދަށުން ފެނަކަ ކޯޕަރޭޝަނަށް 40 ރަށެއްގެ ޕޮލިސް ސްޓޭޝަން އިމާރާތްކުރުމަށް ހަވާލުކޮށްފައި ވާކަމަށް ބުނެފައެވެ. އަދި އާރްޑީސީއަށް 20 ރަށެއްގެ ޕޮލިސް ސްޓޭޝަން ހެދުމަށް ހަވާލުކުރިއިރު 15 ރަށެއްގެ ޕޮލިސް ސްޓޭޝަން ގާއިމްކުރުމަށް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފައެވެ.

އެ ވުޒާރާއިން ވަނީ އެ މަޝްރޫތަކުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށާނެ ކަމަށް ބުނެފައެވެ.

މި ސަރުކާރުން ވެރިކަމަށް އައިރު ފުލުހުންގެ އަމިއްލަ މަރުކަޒުތަކުގެ
ގޮތުގައި 17 މަރުކަޒެއް އޮތްއިރު ފުލުހުންގެ ޚިދުމަތް ގާއިމްކޮށްފައިނުވާ 70 ރަށް އޮތް ކަމަށް ސަރުކާރުން ބުނެއެވެ.

comment ކޮމެންޓް