ރޯދަޔާ އެކު ތަޤުވާވެރިކަން އިތުރުވާ ފަސް ގޮތެއް

މާލޭ ހުކުރު މިސްކިތުގައި މީހަކު ނަމާދުކުރަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރޯދައިގެ އަޅުކަން ފަރުޟުކުރައްވައިގެން ﷲ އެދިލައްވަނީ އަޅުގަނޑުމެން ހައިހޫނުކަމުގައި ބައިތިއްބާކަށް ނޫނެވެ. ނުވަތަ ފެނާ ދުރުގައި ބައިތިއްބައިގެން ކަރުހިތްކުވާކަށް ނޫނެވެ. ރޯދައިގެ މަޤްޞަދަކީ ތަޤުވާވެރިކުރުވުމެވެ. ﷲ سبحاته وتعالى ވަނީ ރޯދައިގެ ސަބަބުން ހާސިލުވާ މަޤްޞަދަކީ ތަޤުވާވެރިކަން ކަމުގައި ލައްވަވައިފައެވެ.

ތަޤުވާވެރިވުމަށް ކީރިތި ޤުރުއާނާއި ނަބަވީ ސުންނަތުގައި ވަރަށް ބޮޑަށް ބާރުއަޅުއްވައިފައި ވާއިރު، ތަޤުވާއާ ބެހޭ ގޮތުން ގާތްގަނޑަކަށް 158 އާޔަތް ކީރިތި ޤުރުއާނުގައި ބާވައިލައްވައިފައި ވެއެވެ.

ތަޤުވާއަކީ ކޮބައޮތޯއެވެ؟ އާދެ ތަޤުވާއަކީ ﷲއަށް ބިރުވެތިވުމެވެ. އެއީ ﷲ سبحاته وتعالى އަމުރުކުރެއްވި ކަންކަމަށް ބޯލަނބައި ކިޔަމަންގަތުމާއި އެއިލާހު ނަހީކުރެއްވި ކޮންމެ ކަމަކާ ދުރުވެ އެ ކަންކަމާ ނުރުހުންވެ ހުރުމެވެ. އެހެންވީމާ ރޯދަ ހިފުމާ ތަޤުވާއާ ގުޅުމެއް އޮތިއްޔާ އެއީ ކޮންކޮން ގުޅުންތަކެއްތޯ ބަލައިލުމުގެ ނިޔަތުގައި، ރޯދަޔާ އެކު ތަޤުވާވެރިކަން އިތުރުވާ ފަސް ކަމަކަށް މި ލިޔުމުގައި ބަލައިލަން ގަސްތުކުރަމެވެ.

ސިއްރު އަޅުކަން

ނަމާދާއި ޒަކާތާއި ޙައްޖާ ޚިލާފަށް ރޯދައަކީ ވަރަށް ސިއްރު އަޅުކަމެކެވެ. ރޯދައަށް ހުރިކަމަށް ބުނާ މީހާއަކީ ޙަޤީޤަތުގައި ވެސް ރޯދަވެރިޔެއްކަން ނުވަތަ ނޫންކަން އެނގޭނީ އޭނާއަށެވެ. ދެން އެކަން ދެނެވޮޑިގެންވަނީ އޭނާގެ ވެރިރައްބު އެކަންޏެވެ.

މީހަކު ރަމަޟާންމަހުގެ ދުވާލު ސިއްރިއްޔާތުގައި ކެޔަސް އަދި ބުޔަސް އެކަން އެނގޭނެ އެކަކު ވެސް ނުހުންނާނެވެ. އެހެނަސް އެފަދަ ޢަމަލެއް ކޮސްފި މީހާ އެ ވަނީ އަޅުކަމުގެ ގޮތުން އޭނާ ހިފައިފައި އޮތް އަހުދަށް ޚިޔާނަތްތެރިވެފައެވެ. އެ ޢަމަލަށްފަހު އޭނާ އަކީ އަޅުކަމުގެ މަތީ ހުރި މީހެއް ނޫނެވެ.

މި ސަބަބަށް ޓަކައި ރޯދަ ވެގެންދަނީ އިޚްލާޞްތެރިކަމުގެ އެންމެ މަތީ ދަރަޖައިގެ އަޅުކަމަކަށެވެ. ފެންނަ ތަނާއި ނުފެންނަ ތަނުގައި ވެސް އިޚްލާޞްތެރިވާން ރޯދައިގެ އަހުލުވެރިޔާއަށް ދަސްވެއެވެ. މިއީ ހުރިހާ އަޚުލާޤެއްގެ ވެސް އެންމެ މަތީ ފަންތީގައި ގުނޭ ކަންތަކެވެ. ރަމަޟާންމަހުގެ މަދަރުސާއިން ފާސްވެއްޖެ މީހާ، އޭނާވީ ކޮންމެ ތަނެއްގައި އޭނާގެ ވެރިރައްބަށް އިޚްލާޞްތެރިވާނެއެވެ. މިއީ ރޯދައިގެ ސަބަބުން ތަޤުވާވެރިކަން އިތުރުވާ އެންމެ މަތީ ފާހަގައެވެ.

ޝަހުވަތް

އިންސާނާގެ ޠަބީޢަތުގައި ދެ ޝަހުވަތެއް ވެއެވެ. އެއީ ކެއުމުގެ ޝަހުވަތާއި ޖިންސީ ޣަރީޒާގެ ޝަހުވަތެވެ. ރޯދައަކީ މި ދެ ޝަހުވަތާ ދުރުގައި ހުރުމަށް އިންސާނާއަށް މަޖުބޫރުކުރުވާ އަޅުކަމެކެވެ. އެހެނަސް މި ދެ ކަމަކީ އޭގެ ޒާތުގައި ދުރުގައި ހުރުން އުނދަގޫ ދެ ކަމެވެ. ކެއުމަކީ އެއަށް ލޯބިކުރެވޭ ކަމެކެވެ. ހަމަ އެފަދައިން އަނބިފިރިކަމުގެ ގުޅުމަކީ ވެސް އިންސާނައަށް ލޮބުވެތި ކަމެކެވެ.

ދުވާލުގެ ހުރިހައި ވަގުތެއްގައި މި ކަންކަމާ ދުރުގައި ހުރުމަށް އިންސާނާ އޭނާގެ ނަފުސާ ދެކޮޅަށް ވަރަށް ބޮޑަށް ހިތްވަރުކުރަން ޖެހެއެވެ. މިއީ އަޅުގަނޑުމެން އަޑުއަހާ ނަފުސުގެ ޖިހާދެވެ. މި ޖިހާދުން ކުރިހޯދައި ނަޞްރުލިބިގަނެވޭނީ ތަޤުވާވެރިކަން އިތުރުވެގެންނެވެ. މި ސަބަބަށް ޓަކައި ރޯދަ ވެގެންދަނީ މި ދެ ކަނތަކުން އިންސާނާ ދުރުގައި ބަހައްޓައިގެން އޭނާގެ ތަޤުވާވެރިކަން އިތުރުވާ އަޅުކަމަކަށެވެ.

ދުލުގެ ހިމޭންކަން

ހިތަށް އަރާ ވާހަކަތަކާއި ކަންކަން އެންމެ އަވަހަށް ބޭރުކޮށްލެވެނީ ދުލުންނެވެ. އެ ބަހެއް ބުނެ ނިމޭ އިރަށް އެ ވާހަކަ ނުދެއްކުނު ނަމައޭ ވެސް ގިނަ ފަހަރު ހީވޭނޫންހެއްޔެވެ؟ އެހެންވީމާ ހިތަށް އަންނަހައި އެއްޗެއް ދުލުން ބޭރުނުކޮށް ދުލުގެ ހިމޭންކަން ހިފަހައްޓާށެވެ. ކުޑަ އިރުކޮޅެއް މަޑުކޮށްލާށެވެ. ކެތްތެރިކަން އިސްކުރާށެވެ. ތަޤުވާވެރިކަން ލިބިގަންނާށެވެ. ރަމަޟާންމަސް ގެނައި އެންމެ މުހިންމު އެއް ތަރުބިއްޔަތަކީ ވެސް އެއީއެވެ. ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވި ކަމަށް އަލްއިމާމް ބުޚާރީ ރިވާކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ރޯދައަށް ހުރެ ވިޔާނުދާ ގޯސް ވާހަކަތަކާއި ވިޔާނުވާ ޢަމަލުކުރުން ދޫކޮށްނުލާ މީހާ، ކެއުމާއިބުއިން ދޫކޮށްލައިގެން ހުރުމުގެ އެއްވެސް ހާއްޖަތެއް ﷲއަކަށް ނެތެވެ."

ޣީބަ ބުނުމާ އާޑަފުރައްސާރަ ކިޔުމާއި ހުތުރު ބަހުން ވާހަކަ ދެއްކުން ހުއްޓައިލައިގެން ނޫނީ ރޯދައިގެ ފުރިހަމަ ދަރުމައާއި ސަވާބު ނުލިބޭނެއެވެ. ރޯދައިން ހާސިލުކުރަން ﷲ އެދިވޮޑިގަންނަވާ ތަޤުވާވެރިކަން ހާސިލުކުރެވޭނީ ދޫ ހިމޭންކޮށްގެންނެވެ. ރޯދައަކީ މި ކަމަށް ތަމްރީނުދޭ އަޅުކަމެކެވެ.

ހާލަތު ދެނެގަތުން

އާންމުކޮށް މީސްތަކުންނަށް ފެންނާނީ ވެސް އަޅާލެވޭނީ ވެސް ހާލުބެލޭނީ ވެސް ގާތްތިމާގެ މީހުންގެއެވެ. ނުވަތަ އެކުއުޅޭ ރައްޓެހިންގެއެވެ. މަދު މީހަކަށް ނޫނީ ފަޤީރުކަމާއި ނިކަމެތިކަމުގައި އުޅޭ މީހާ ނުފެނެއެވެ. އަދި މީހަކު ފެނުނު ކަމުގައި ވިޔަސް އޭނާގެ އިހުސާސްތައް ދެނެގަނެވޭ މީހުން ވަރަށް މަދެވެ. އެމީހެއްގެ ހާލަތުން އެމީހަކު މިންކުރަން އެނގޭ ބަޔަކު ނެތޭ ވެސް ދެންނެވިދާނެއެވެ. ހައިހޫނުކަމުގައި ދުނިޔޭގައި ދިރިއުޅޭ މީހުންގެ ހާލަތު އެނގޭބާއެވެ؟ ގެދޮރުވެރިކަމެއް ނެތް ބަޔަކު އުޅޭކަން އެނގޭބާއެވެ؟

އަބަދުކައިގެން ބަނޑު ފުރައިގެން އިންނަ މީހާގެ ހާލަތު ވެސް ރޯދައިގެ ސަބަބުން ޖިސްމާނީ ހައިހޫނުކަމަކަށް ވެއްޓެއެވެ. އޭނާއަށް އެފަދަ އެހެންމީހުން އުޅޭނެ ކަމުގެ އިހުސާސްކުރެވެއެވެ. އަނެކުންގެ ހާލާމެދު ފިކުރުހިންގައިލެވެއެވެ. އެހެންކަމުން ރޯދައަކީ ޢާޠިފީ ޝުޢޫރުތައް އިންސާނާގެ ޟަމީރުގައި އުފަންކުރުމާ ކަމެކެވެ. އޯގާތެރިކަމާ އަޅައިލުން ގެނުވާ ކަމެކެވެ. އަމިއްލަ ނަފުސުގެ އެދުންވެރިކަން ދުރުކުރުވާ ކަމެކެވެ. ތިމާއަށް އެކަނި ލިބުން އެދޭ އެދުމުގެ ސުންޕާ ބަލިން ސަލާމަތްކޮށްދޭ ކަމެކެވެ. ނަފުސު ހޭއަރުވާ ކަމެކެވެ. ޣަފުލަތުގެ ނިދިން ހޭލައްވާ ކަމެކެވެ. ތަޤުވާވެރިކަން އިތުރުކުރުވާ ކަމެކެވެ.

އެކުވެ އުޅުން

އެހެން އެއްވެސް މަހަކަށްވުރެ ގިނައިން ރަމަޟާންމަހު މީހުން މިސްކިތްތަކަށް ޖަމާވެއެވެ. ނަމާދުތަކަށް އަންނަ މީހުންނާ ބައްދަލުވެއެވެ. އެކުގައި ރޯދަވީއްލުމާއި ތަރާވީސްނަމާދުކުރުމާއި (ބައެއް މިސްކިތްތަކުގައި) ދަމުނަމާދުކުރުމާއި ގިނަ ވަގުތު މިސްކިތުގައި ޤުރުއާން ކިޔަވަން ތިބުމަކީ ވެސް މި މައްސަރުގައި މުސްލިމުން ކުރާ ކަމެކެވެ. މިއިން ހުރިހާ ވަގުތަކު ގިނަ ޢަދަދެއްގެ މުސްލިމު އަޚުންނާ ބައްދަލުވެއެވެ. ފެނިގެން ވާހަކަދައްކާ ސަލާންގަލާންކުރެވެއެވެ. މުސްލިމުންގެ މެދުގައި ލޯބި އިތުރުވާނެ ކަމެއް ބަޔާންކޮށްދެއްވުމަށް ޞަޙާބީ ބޭކަލުންނަށް ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ނަސޭހަތްތެރިވީ ސަލާންފެތުރުމަށެވެ.

ސަލާންފެތުރުމަކީ ސަލާންކުރުމުގައި ދަންނަ މީހުންނަށާއި ނުދަނަމީހުންނަށް ވެސް ސަލާންގޮވުމެވެ. ރަމަޟާންމަހަކީ މުސްލިމުންގެ ހިތް މަޑުމޮޅިވާ މައްސަރެކެވެ. އެހެންކަމުން ކިބުރުވެރިކަމާއި ބޮޑާކަން ފަހަތަށް ޖެހި ހިތްތިރިކަމާއި މަޑުމައިތިރިކަން އިސްވެއެވެ. އެހެންމީހުންނަށް ސަލާންގޮވައިލުމަކީ ހިތަށް ފަސޭހަ ލުއިކަމަކަށް މި މަހުވެއެވެ. މިއީ ރޯދައިގެ ސަބަބުން މީސްތަކުންގެ ތަޤުވާވެރިކަން އިތުރުވާ ކަމުގެ ފާހަގައެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް