މިސްކިތަށް ގެންދިޔަ ކަދުރުކޮޅަށް ވީގޮތް އެނގޭތަ؟

އިސްލާމީ މަރުކަޒުގައި ރޯދަ ވީއްލުމެއް -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

މިސްކިތަށް ރޯދަވީއްލަން ފޮނުވާ ކަދުރު ނުވަތަ އެ ނޫން ވެސް ތަކެއްޗަށް ވަނީ ކިހިނެތްކަން އެނގޭހެއްޔެވެ؟ އެ ތަކެތި ލިބޭ ބަޔަކާއި ކާ ބައެއް އެނގޭހެއްޔެވެ؟ ކައިފައި ގިނަވާ އެއްޗެއް ހުރޭހެއްޔެވެ؟ ގިނަވާ ތަކެއްޗަށް ވަނީ ކިހިނެތްހެއްޔެވެ؟ ބައެއް މީހުންގެ ނަޒަރުގައި މިއީ ކޮންމެހެން ޖަވާބު އެނގެން ބޭނުން ސުވާލުތަކެއް ނޫނެވެ؟ އަނެއްބަޔަކު މި ސުވާލުތައް ކުރުން މިއަދު ގިނަ ކޮށްފިއެވެ. އަދި މީގެ އެންމެ ހިތާމަހުރި ކަމަކީ މި އިން އެއްވެސް ސުވާލަކަށް ކަނޑައެޅިގެން ރަނގަޅު ޖަވާބެއް ނޭނގޭ ހާލު ހިތަށްއެރިހައި އެއްޗެއް ކިޔައިގެން ޖަވާބު ވެސް ދޭތީއެވެ.

މިސްކިތަށް ގެންދާ ކަދުރު ނުވަތަ އެނޫން ވެސް ކާބޯތަކެތި އެންމެ ގިނައިން ނަގާ ބަޔަކީ ބިދޭސީންނެވެ. މިސްކިތްތަކުގެ ތެރޭ އެއްޗެތި ބަހާ މޭޒުތަކުގެ ވަށައިގެންނާއި މޭޒުކައިރީ ކިއު ހަދައިގެން ތިބެނީ އެ މީހުންނެވެ. ބައެއް މިސްކިތްތަކުގެ ބޭރަށް ދާންދެން މި ކިއު ދެމިފައި އޮންނާތީ ފެނެއެވެ. ބޭރު މީހުން މި ތަކެތި ނެގުމަކީ މައްސަލައެއް ކަމުގައި ދެކޭ ބަޔަކު ވެސް އުޅެއެވެ. އަދި އެ މީހުން ތަކެތި ނަގާލެއް ގިނަކަމުގެ ވާހަކަ ވެސް އަނެއްބަޔަކު ދައްކައެވެ. މަދުން ހުރި އެއްޗެއް އެހެން މީހުންނަށް ނުލިބޭ ގޮތަށް އެކަކު ނުވަތަ އެއްބަޔަކު ގެންދިޔުމަކީ ދެރަ ގޮތެކެވެ. އެންމެންނަށް ވެސް ލިބި ހަމަވެފައި ގިނައިން ހުންނަ އެއްޗެއް އެއްބަޔަކު އިތުރަށް ނެގުމަކީ މައްސަލައެއް ނޫނެވެ.

މިސްކިތަށް ގެންނަ ތަކެތީގެ ތެރޭގައި ހަލާކުވާ ތަކެއްޗާއި ފަހަށް ރައްކައުކުރެވޭ ތަކެތި ވެސް ހުރެއެވެ. އަޅުގަނޑަށް އެނގިގެން މިސްކިތަކަށް މީހަކު ދިން ތިރީސް ފޮށި ކަދުރު އަނެއް ރަމަޟާންމަސް އައިއިރު ވެސް ހުސްނުވެ ހުއްޓެވެ. ދިން މީހާ ބުނީ ކޮންމެ ދުވަހަކު އެއްފޮށި ބަހައި ހުސްކުރުމަށެވެ. އެހެނަސް އެ ވަރަށް އެ ކަން ނުކުރެވި ރައްކައުކުރަން ހަދައިގެން ދިހަވަރަކަށް ކޭސް ކަދުރު އަނެއް އަހަރު ވީއިރު ވެސް ހުރީ މިސްކިތުގައި ގުދަންކުރެވިފައެވެ. މިއީ ހޭދަކުރި މީހާގެ މަޤުޞަދެއް ނޫނެވެ.

މިސްކިތަށް ރޯދަވީއްލާނެ އެއްޗެތި ގެންދިޔުމަކަށް ވަކި ހައްދެއް ކަނޑައަޅާފައި އޮންނަނީއެއް ނޫނެވެ. އެ ތަކެތި ނަގާނެ ބަޔަކު ނެގުމުގައި ހައްދެއް ކަނޑައަޅަން ވާނެބާއެވެ؟ މިސްކިތުގައި ބަހާ ތަކެތި ގެންދާ ބޭރު މީހުން ރޯދަ ވީއްލާ ވަގުތު، އެ މީހުންގެ ބަނޑުފުރެންދެން އޭގެން ކައެވެ. އަދި އިތުރަށް އެއްޗެއް ހުރިއްޔާ އެ މީހުން ދިރިއުޅޭ ތަންތަނަށް ގެންދެއެވެ. އެ ގެންދާ ތަކެތި ވެސް އެ މީހުން ކާނީއެވެ. އުކާނީއެއް ނޫނެވެ. ނަމަވެސް ނުބަހާ މިސްކިތުގައި ބަހައްޓާ އެތައް އެއްޗަކީ އުކައިލާ އެއްޗިއްސެވެ.

މިސްކިތަށް އެއްޗެތި ގެނެސްފައި "ބިދޭސީންނަށް ނުދެއްޗޭ!" ބުނާ ބަޔަކު ވެސް އުޅެއެވެ. އަދި ބިދޭސީން ކިއު ހަދައިގެން ތިބޭތަން ދެކެފައި އެ މީހުންނަށް އެއްޗެތި ގޮވާފައި، ގެނައި ތަކެތި މިސްކިތުގައި ބަހައްޓާފައި ދަނީ ވެސް ކުދިކިޔަމުންނެވެ. މިއީ އަޅުގަނޑުމެން ކުރާ ހޭދަ ގެއްލި ހިނގައިދާނޭ ކަމެކެވެ.

ހޭދަކުރުމަށްފަހު އެ ތަކެތީގެ ވާހަކަދެއްކުމަކީ ލިބެން އޮންނަ ސަވާބަށް އުނިކަން އަތުވެދާނޭ ކަމެކެވެ. ދެއްކުންތެރިންގެ ތެރޭ ހިމެނިދާނޭ ކަމެކެވެ. ހޭދަކޮށްފައި ކަލަގޮވާ މީހުންގެ ތެރެއިން އޭނާ ހިމެނިދާނެއެވެ. ޞަދަޤާތުގެ ގޮތުގައި ދިން އެއްވެސް އެއްޗެއް ފަތުގައި ނުލިޔެވި ހާވިޔާވެ ހިނގައިދާނެއެވެ. މި ކަން ބަޔާންކުރައްވައި ﷲ ވަޙީކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ.

"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކަލަގޮވުމުންނާއި، އުނދަގޫ ދިނުމުން ތިޔަބައިމީހުންގެ ޞަދަޤާތްތައް ބާޠިލުނުކުރާ ހުށިކަމެވެ! މީހުންނަށް ދެއްކުމަށް ޓަކައި އެ މީހެއްގެ މުދާ ހޭދަކުރާ މީހެއްގެ މިސާލު ފަދައިންނެވެ. ﷲއަށާއި އާޚިރަތްދުވަހަށް އޭނާ އީމާނެއް ނުވެއެވެ. ފަހެ، އޭނާގެ މިސާލީ، ހިލަޔެއްގެ މަތީގައި ވެލިތަކެއް ހުށްޓައި އެ ހިލައިގެ މައްޗަށް ބޯ ވާރޭގަނޑެއް ވެހި، އޭގެ މަތީގައި އެއްވެސް އެއްޗެއް ނެތިގޮސްފައިވާ އޮމާން، ހިލައެއްގެ މިސާލެވެ. އެއުރެން ކުޅަ މަސައްކަތުގެ ތެރެއިން އެއްވެސް އެއްޗެއްގެ މައްޗަށް އެއުރެންނަކަށް ކުޅަދާނަކަމެއް ލިބިގެނެއް ނުވެއެވެ. (އެބަހީ: އެއުރެން ކުޅަ ޢަމަލަށް އާޚިރަތްދުވަހުން އެއުރެންނަކަށް އެއްވެސް ސަވާބެއް ނުލިބޭ ހުށްޓެވެ.) ކާފިރުވެގެންވާ ޤައުމަކަށް ﷲ ތެދުމަގެއް ނުދައްކަވައެވެ."

އޭ ހޭދަކުރާ މީހުންނޭވެ! ތިޔަބައިމީހުން ކުރާ ހޭދައަށް އަޖުރުދެއްވުމުގައި ﷲ ބައްލަވައިވޮޑިގެން ވަނީ ތިޔަބައި މީހުންގެ ނިޔަތަށެވެ. އަޅުގަނޑުމެން ﷲގެ ވަޖުހުފުޅު އަދައިގެން ހޭދަކުރާ އެއްވެސް އެއްޗެއް އޭގެ ޒާތުގައި އެއިލާހުގެ ޙަޟްރަތަށް މައްޗަށް ނުވަތަ އުޑަކަށް ނުދެއެވެ. އެއިލާހަށް ކިޔަމަން އަދާކުރުމުގެ ގޮތުން ޤުރުބާންކޮށް ކަތިލާ ނަޢަމްސޫފީގެ މަހެއް ވެސް އެއިލާހުގެ ޙަޟްރަތަކަށް ނުދެއެވެ. އެއިލާހުގެ ޙަޟްރަތަށް އުފުލޭ އެއްޗަކީ އަޅުންގެ ތަޤުވާއެވެ. މި ކަން ބަޔާންކުރައްވައި ﷲ ވަޙީކުރެއްވިއެވެ. ﴿لَن يَنَالَ اللَّهَ لُحُومُهَا وَلَا دِمَاؤُهَا وَلَـٰكِن يَنَالُهُ التَّقْوَىٰ مِنكُمْ﴾ ‎(الحج: ٣٧)‏ މާނައީ: "އެ ތަކެތީގެ މަހެއް ވެސް އަދި ލެޔެއް ވެސް ﷲގެ ޙަޟްރަތަކަށް ނުދާނެތެވެ. އެހެނެއްކަމަކު، ތިޔަބައިމީހުންގެ ކިބައިން އެކަލާނގެ ޙަޟްރަތަށްދަނީ، ތަޤުވާވެރިކަމެވެ."

އެހެންކަމުން މިސްކިތަށް ގެންދިޔަ ކަދުރުކޮޅަށް ވީގޮތް ކޮންމެހެން އެނގެން ބޭނުންހެއްޔެވެ؟ ތިބާ އެ ކަދުރުކޮޅު މިސްކިތައް ފޮނުވީ މީހަކަށް ރޯދަވީއްލުމެއް ދިނުމުގެ ނިޔަތުގައި ކަމަށް ވާ ނަމަ، އޭގެ ފުރިހަމަ އަޖުރާއި ސަވާބު ތިބާއަށް ލިބޭނެއެވެ. އެއީ މީހަކަށް ރޯދަވީއްލުމެއްދިން ކަމުގެ އަޖުރެވެ. ރަސޫލު ﷲ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. «مَنْ فَطَّرَ صَائِمًا كَانَ لَهُ مِثْلُ أَجْرِهِمْ» (سنن الترمذي) މާނައީ: "މީހަކަށް ރޯދަވީއްލާނޭ އެއްޗެއް ދިން މީހާއަށް، ރޯދަވެރިޔާއަށް ލިބޭ ވަރުގެ އަޖުރާއި ސަވާބު ލިބޭ ހުއްޓެވެ."

އެހެންކަމުން ރޯދަވެރިޔަކަށް ރޯދަވީއްލުމެއް ދިނުމުގެ ނިޔަތުގައި އެ ކަދުރުކޮޅު ނުވަތަ އެ ނޫން ވެސް އެއްޗެއް މިސްކިތަށް ގެންގޮސްފިއްޔާ، ދިން މީހާއަށް ރޯދަވެރިއެއްގެ ފުރިހަމަ ސަވާބު ލިބޭނެ ކަމަށް އުންމީދުކުރަން ވާނެއެވެ.

މިސްކިތަށް ރޯދަވީއްލަން ފޮނުވާ ކަދުރު ނުވަތަ އެ ނޫން ވެސް ތަކެއްޗަށް ވަނީ ކިހިނެތްތޯ ބެލުމަށްވުރެ ރަނގަޅު އެހެން ގޮތެއް އެބަ އޮތެވެ. އެއީ އެ ބައެއްގެ ހާލު ތިބާ ދަންނަ ބަޔަކު ހޯދައިގެން ޞަދަޤާތްކުރުމެވެ. އޭރުން ދެވުނު އެއްޗަކާމެދު އޮންނަ ޔަޤީންކަން ބޮޑުވާނެއެވެ. އަދި އެ ތަކެތި ބޭނުންކުރިކަމުގެ ޔަޤީންކަން ވެސް ލިބޭނެއެވެ. މުއުމިނުންގެ ގޮތަކީ ﷲއަށް ޓަކައި ހޭދަކުރި ކޮންމެ އެއްޗެއްގެ އަޖުރު އެންމެ ފުރިހަމަ ގޮތުގައި ލިބޭނޭ ކަމަށް ޤަބޫލުކުރުމެވެ.

ތިޔަބައިމީހުންނާއި އަޅަމެންގެ ކިބައިން މި ކަންކަން މާތް ﷲ ޤަބޫލު ކުރައްވާނދޭވެ!

comment ކޮމެންޓް