އދ. ދިގުރަށު ކައުންސިލުން އެ ރަށުގެ ބަނދަރު ނޫން އެހެން ސަރަހައްދުތަކަށް ފަތުރުވެރިން ގޮސް މަޑުކުރާނަމަ ކައުންސިލަށް ދެއްކުމަށް ކަނޑައަޅާފައިވާ ފީ ނުދީ އުޅުނު ފަތުރުވެރިންތަކެއް އެ ރަށުން ބޭރުކުރަން އުޅުނު މައްސަލައެއް ސަރުކާރުން ބަލަން ފަށައިފިއެވެ.
މި ހަފުތާތެރޭގައި ދިގުރަށު ކައުންސިލްގެ ރައީސް އިބްރާހީމް އުސްމާން، ފީ ނުދައްކާ އުޅުނު ފަތުރުވެރިންތަކެއް ރަށުން ފައިބަން އަންގާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވިއެވެ.
އެ މައްސަލައާ ގުޅިގެން 'އެކްސް'ގައި ކުރި ޕޯސްޓެއްގައި ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، އެއީ ހިތާމަވެރި ހާދިސާއެއް ކަމަށާއި، އެކަމުގެ ވަށައިގެންވާ ހާލަތު ދެނެގަތުމަށް ސަރުކާރުން އިންކުއަރީއެއް ހިންގާނެ ކަމަށެވެ.
އާދަމް ޝަރީފް ވިދާޅުވީ ރަށްރަށުގައި ކަނޑައަޅާފައި ހުރި ގަވައިދުތަކާއި މިންގަނޑުތަކަށް އިހުތިރާމް ކުރުމުގައި ދެމިތިބި ނަމަވެސް ރަށްތަކަށް ހިތްވަރުދެނީ ފަތުރުވެރިންނަށް ވެސް މަރުޙަބާ ކިޔުމަށް ކަމަށެވެ. އަދި އެ މިންގަނޑުތައް ދަމަހައްޓައި، ފަތުރުވެރިކަމުގެ ސިނާއަތް ހަރުދަނާގޮތެއްގައި ކުރިއެރުވުމަށް ކަމާބެހޭ އެންމެހާ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެ ވީޑިއޯއާ ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާގައި އުޅުއްވާ ބޭފުޅުންނާއި އާންމުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ޚާއްސަކޮށް ފަތުރުވެރިންނަށް މަރުހަބާ ކިޔުމުގައި ރާއްޖެއަށް ލިބިފައިވާ ރީތި ނަން ކިލަނބުވެދާނެ ކަމަށް ވެސް ގިނަ ބަޔަކު ވަނީ ފާހަގަކޮށްފައެވެ.