ސަރުކާރުން ކުރާ ވިޔާނުދާ ކަންކަން ހުއްޓުވަން، އެންމެންނާ ގުޅިގެން މަސައްކަތް ކުރަން ބޭނުންވޭ: ޔާމީން

ޔާމީން: -- ސަން ފޮޓޯ: މޫސާ ނަދީމް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރާ "ވިޔާނުދާ'' ކަންކަން ހުއްޓުވުމަށް، އެންމެންނާ ގުޅިގެން މަސައްކަތް ކުރަން ބޭނުންވާ ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެއެވެ.

މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ކަމަށް ވާދަކުރައްވާ، ނޭޝަނަލް ޓެންޑަ ބޯޑުގެ ކުރީގެ ޗެއާމަން އިސްމާއިލް ޒަރިޔަންދުގެ ކެމްޕޭން ހަރަކާތުގައި ރޭ ޔާމީން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އެ ޖަލްސާގައި ޔާމީން ވިދާޅުވީ، މި ސަރުކާރުގައި އިސްކޮށް ތިއްބެވި ބޭފުޅުންނަށް މިހާރު ކޮރަޕްޝަނާއި ތަރައްގީއާއި އިންސާފު ގާއިމުކުރުމަށް ވެސް މަސައްކަތެއް ނުކުރެވޭނެ ކަމަށެވެ. އެ ބޭފުޅުން ތިއްބެވީ އެއްވެސް ބާރެއް ނެތި، ''ނަގޫ ފިތިފައި'' ކަމަށް އެ މަނިކުފާނު ސިފަކުރެއްވިއެވެ.

އަޅުގަނޑުމެން ބޭނުންވޭ ހުރިހާ އެންމެންނާ ގުޅިގެން ވެސް، މިހާރު މި އޮތް ސަރުކާރުން މިކުރާ ވިޔާނުދާ ކަންތައްތައް ހުއްޓުވޭނެ ގޮތެއް ހޯދަން، އެއީ ފިކުރުގެ ގޮތުން، އައިޑިއޮލޮޖީގެ ގޮތުން ދިމާވާތީ ނުވަތަ އަޅުގަނޑުމެން ގަބޫލުކުރާ ކަންތައްތަކެއް ހުރީމައެއް ނޫން، އެކަމަކު ދެ ޝައިތާނުން ވެސް އެއް ގަލަށް އަރާނެ ދެއްތޯ އެއަށްވުރެ ބޮޑު ޝައިތާނެއް ދުއްވާލަން، އެބީދައިން އަޅުގަނޑުމެން އެކަން ކުރަ އެބަޖެހޭ
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަބްދުލްގައްޔޫމް

ޔާމީން ވިދާޅުވީ، މި ވެރިކަމުގައި ހިނގާ ކޮންމެ ދުވަހަކީ ވެސް ރައްޔިތުންނަށް އުނދަގުލާއި ގިލަންވެރިކަން ކުރިމަތިވާ ދުވަސްތައް ކަމަށެވެ.

ޔާމީން އެހެން ބޭފުޅުންނާ ގުޅިގެން މަސައްކަތްކުރެއްވުމުގެ ވާހަކަ ދެއްކެވިއިރު، މިދިޔަ ޑިސެންބަރު މަހު ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ޔާމީނާއެކު މަސައްކަތް ކުރަން ބޭނުންވާ ކަމަށާއި، އެ މަނިކުފާނާއެކު މަސައްކަތް ކުރެވޭނެ ގޮތެއް ހޯދޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވެފައެވެ.

https://sun.mv/215777

އެހެންނަމަވެސް، 2024ގައި ޔާމީން ރާއްޖެ ޓީވީގެ ޕްރޮގްރާމަކަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ވަނީ، އެމްޑީޕީއާއެކު މަަސައްކަތް ކުރުމަކީ ވާނެ ކަމެއް ނޫން ކަމަށާއި، އެ ޕާޓީއާ ފިކުރު ތަފާތު ކަމަށް ވިދާޅުވެފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމަށް އިންތިޚާބުކުރީ ޔާމީންގެ ތާއިދާއެކު ކަމަށްވީ ނަމަވެސް، ވެރިކަމުގެ ފުރަތަމަ ހަފުތާގައި ޔާމީން ވަނީ ކޯލިޝަނުން ވަކިވެވަޑައިގެންފައެވެ. އަދި މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާއިރު، ޔާމީން ވަނީ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައިފައެވެ.

comment ކޮމެންޓް