"ގެއްލުވާލި" ކަނޑު ހޯދަން އަވައްޓެރި ގައުމުތަކާ ޖެހިގަތުމަކީ ނުރައްކާތެރިކަމެއް، ބުރަ އުފުލަންޖެހޭނީ ރައްޔިތުން: ޔާމީން

ޔާމީން: ވިދާޅުވީ ކަނޑުގެ ސަރަހައްދު ހޯދުމަށް އެމްއެންޑީއެފުން އުޅަނދު ފޮނުވައިގެން އަވަށްޓެރި ގައުމުތަކާ ޖެހިގަތުމަކީ ނުރައްކާތެރިކަމެއް ކަމަށާ - ސަން ފޮޓޯ: މޫސާ ނަދީމް

"ގެއްލުވާލި" ކަނޑުގެ ސަރަހައްދު ހޯދުމަށް އެމްއެންޑީއެފުން އުޅަނދު ފޮނުވައިގެން އަވައްޓެރި ގައުމުތަކާ ޖެހިގަތުމަކީ ނުރައްކާތެރިކަމެއް ކަމަށާއި، އެކަމުގެ ސަބަބުން ރައްޔިތުން ބުރަ އުފުލަންޖެހޭނެ ކަމަށް، ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމް ރޭ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިސް މި އަހަރު ހުޅުވުމަށް ބޭއްވި ޖަލްސާގައި މިދިޔަ ބުރާސްފަތި ދުވަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވި ރިޔާސީ ބަޔާނުގައި ވަނީ، ޤާނޫނުއަސާސީއާއި ރާއްޖޭގެ ގާނޫނުތަކުގައި ބަޔާންކޮށްފައިވާ ސަރަހައްދުތަކަށް އެއްވެސް ބަދަލެއް އައިސްފައިވާކަމަށް ދިވެހި ސަރުކާރުން ބަލައިނުގަންނަ ކަމަށް ވިދާޅުވެފައެވެ. އެހެންވެ ބައިނަލްއަގުވާމީ ކޯޓަކުން ރާއްޖެއާއި މޮރިޝަސްއާ ދެ ގައުމަށް ބެހުމުން ރާއްޖެއަށް ގެއްލުނު 200 ނޯޓިކަލް މޭލުގެ ކަނޑުގެ ސަރަހައްދަކީ ރާއްޖޭގެ ސަރަހައްދެއްކަމަށް ގާނޫނުގައި ހިމެނުމަށް ހުށަހަޅުއްވާނެކަން ހާމަކުރައްވައިފައެވެ.

ރައީސްގެ ރިޔާސީ ބަޔާނުގައި އެކަން ހާމަކުރެއްވުމާ ގުޅިގެން ހަމަ އެ ދުވަހު ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނުގައި ވަނީ، އެ ސަރަހައްދު ބަލަހައްޓަމުންދާނެކަން ހާމަކޮށްފައެވެ.

https://sun.mv/217616

އެކަމަށް އިޝާރާތްކުރައްވައި، ސިލްސިލާކޮށް ޕީއެންއެފުން ބާއްވަމުން އަންނަ ޖަލްސާތަކުގެ ތެރެއިން ރޭ ބޭއްވި ޖަލްސާގައި ރައީސަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ، ކަނޑު އަނބުރާ ހޯދުމަށް ދާންވީ އިޓްލޮސްއަށް ކަމަށެވެ.

ޔާމީން ވިދާޅުވީ، ހަނގުރާމަކުރާ ހާލަތެއް އޮތް ނަމަ، އެކަމެއް ފުރަތަމަ ހުށަހަޅަންޖެހޭނީ ރައްޔިތުންގެ މަޖިލީހަށް ކަމަށާއި، މަޖިލީހުން އެކަމަށް ބަހުސްކޮށް ފާސްވެސް ކުރަންޖެހޭ ކަމަށެވެ.

"ހަމަ ނިދައި ހޭލައިފަ [ރައީސްގެ އަނބިކަނބަލުން] ސާޖިދާއަށް ހުވަފެނުން ފެނިގެން މުޢިއްޒަށް ހުވަފެނުން ފެނިގެން މަނަވަރެއް ފޮނުވައިގެން އަޅުގަނޑުމެންގެ އަވައްޓެރިންނާ މިގޮތަށް ތޮޅެން އުޅޭ އެއްޗެއްނޫން އިނގޭތޯ، އެކަމެއް ނުވާނެ، ނުރައްކާތެރި ކަމެއް، އަޅުގަނޑުމެންގެ ރައްޔިތުންނަށް އުފުލަން އުނދަގޫވާ ވަރުގެ ކަމެއް މިއީ އިނގޭތޯ،" ޔާމީން ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެކަން ކުރަންޏާ މީގަ އޮތް ގޮތަކީ ހަމަ ބައިނަލްއަގުވާމީ ކޯޓަށް އަޅުގަނޑުމެން ދާންވީ، އިޓްލޮސްއަށް އަޅުގަނޑުމެން ދާންވީ،"

މި ސަރުކާރަށް ދެ އަހަރުވީ އިރު، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީ އަނބުރާ ގެނައުމަށް އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށާއި، އިޓްލޮސްއަށް އެ މައްސަލަ ހުށަހަޅަން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށް ވިދާޅުވެ، ރައީސްގެ އިޚުލާސްތެރިކަމާމެދު ޔާމީން ވަނީ ސުވާލު އުފައްދަވައިފައެވެ.

އެމަނިކުފާނު ވިދާޅުވީ، ރައީސް ފޯޅަވަހީގެ ވާހަކަފުޅު ރިޔާސީ ބަޔާނުގައި ދެއްކެވީ އަންނަ އޭޕްރިލް މަހުގެ ހަތަރުވަނަ ދުވަހު އޮންނަ ލޯކަލް ކައުންސިލު އިންތިޚާބު ވެރިކަންކުރާ ޕީއެންސީއަށް ހޯދައިދިނުމުގެ ބޭނުމުގައި ކަމަށެވެ.

"ދެ އަހަރުވެގެން ދިޔައިރު އަޅާނުލި މައްސަލައެއްގަ މިހާރު އިންތިޚާބެއް ބޯމަތިވީމަ ދެން މިކަމާ އުޅޭކަން ދައްކައިގެން މީގެ ނެތެއްނޫންތޯ ގުޑްވިލްއެއް، މިކަމެއް މި މީހުންނަކަށް ނުވާނެ އިނގޭތޯ، ހިނގަން އިޚްތިޔާރުކުރީވެސް ނުބައި މަގުން، މި ދާންޖެހޭނީ އަނެއްކާވެސް އިޓްލޮސްއަށް،" ޔާމީން ވިދާޅުވިއެވެ.

މީގެ އިތުރުން، 200 ނޯޓިކަލް މޭލުގެ ކަނޑުގެ ސަރަހައްދަށް އެމްއެންޑީއެފްގެ އުޅަނދު ފޮނުވައިގެން "ހަނގުރާމަކުރަން" މި އުޅެނީ ކޮން ބަޔަކާތޯ އެމަނިކުފާނު ވަނީ ސުވާލުކުރައްވައިފައެވެ.

"އަޅުގަނޑުމެން އަމިއްލައަށް ބަލާއާއި މުސީބާތްތައް ހޯދަންތޯ މި އުޅެނީ؟ ކޮންމެ ގޮތެއް ވިޔަސް އަޅުގަނޑުމެން ބައިނަލްއަގުވާމީ ގާނޫނު ގަބޫލުކުރަންޖެހޭ ދެއްތޯ، އެއީ އަޅުގަނޑުމެން އެ ގަބޫލުނުކޮށް އެމެރިކާ އުޅޭ ގޮތަކަށް އުޅެވޭ ވަރުގެ ގައުމެއްނޫން އަޅުގަނޑުމެންނަކީ،" ޔާމީން ވިދާޅުވިއެވެ.

ވިލާތުގެ އެންމެ އުތުރުގައި އެމެރިކާއާއި އެންމެ ކައިރީގައި އޮންނަ ގްރީންލޭންޑް ހިއްޕަވާނެ ކަމަށް އެމެރިކާގެ ރައީސް ޑޯނާލްޑް ޓްރަމްޕް އެކިފަހަރު މަތިން ދެއްކި ވާހަކަތަކަށް އިޝާރާތްކުރައްވައި ޔާމީން ވިދާޅުވީ، އެއީ އެކަމުން މިސާލު ނަންގަވައި ކުރިއަށް ވަޑައިގަތުމަށް ރައީސް މުޢިއްޒަށް އޮތް ފުރުސަތެއް ނޫން ކަމަށާއި، ރާއްޖެއަކީ އެމެރިކާއާ އަޅާބަލާއިރު މާ ކުޑަ ގައުމެއް ކަމަށެވެ.

ރާއްޖޭން ފޯޅަވަހި ހޯދުމަށް ވަކާލާތުކުރަމުން އަންނަ ދަނޑިވަޅެއްގައި އެ ސަރަހައްދުގެ މިލްކުވެރިކަމުގެ މައްސަލައަކީ ހަމައެކަނި އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު އޮތް ކަމެއްގެ ގޮތުގައި އިނގިރޭސިވިލާތުން ބުނި ބުނުމަށާއި، މޮރިޝަސްއަށް ފޯޅަވަހި ދޭން ޓްރަމްޕް ތާއީދުކުރި ކުރުމަށް އިޝާރާތްކުރައްވައި ޔާމީން ވިދާޅުވީ، އެކަމުގެ ސަބަބުން އަވަށްޓެރި އިންޑިއާގެ ނޫސްވެރިން ރާއްޖެ ބޭރު ދުނިޔެއަށް ފަޟީހަތްކުރުމުގެ ފުރުސަތު ލިބިގެން ހިނގައްޖެ ކަމަށެވެ.

"ހާދަ އިމްޕަލްސިވް މީހެކޭ މީނައަކީ، ހަަމަ ހިތަށް އެރީމާ ހިތަށް އެރި އެއްޗެކޭ ބުނަނީ، އެހެންވީމާ އަތަށާއި ފަޔަށާ މި ގޮއްވާލަނީ ދެއްތޯ،" ރައީސަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ، ހުރިހާ ގޮތަކުންވެސް ފޯޅަވަހި ހޯދަން ރާއްޖޭން ޖެހޭ ކަމަށެވެ.

ރޭގެ ޖަލްސާގައި ޔާމީން ވަނީ، ރާއްޖޭގެ އެންމެ އުތުރަށް އޮންނަ މަލިކުގެ ރަށްތަކަކީ އިންޑިއާގެ ތަނެއް ކަމަށް އެ ގައުމުގެ ނޫސްވެރިޔަކު ދެއްކި ވާހަކަތަކަކަށްވެސް ރައްދުދެއްވައިފައެވެ.

"މަލިކު ނޫނީ މިނިކޯއި ނޫނީ މިހާރު ލަކްޝަދީބޭ ކިޔަނީ، އެއީ ދިވެހިރާއްޖޭގެ ވެރިކަމުގެ ބާރު ހިނގިތަނެއް މަލިކަކީ، އެހެންވެ މިހާރުވެސް އެތަނުގެ މީހުން ދިވެހިބަހުން ވާހަކަ ދައްކަނީ، މަލިކަކީ އޭރު ހިނގައިދިޔަ ކަންތައްތަކެއްގެ ތެރޭގަ ނުވަވަނަ ޙަސަން ރަސްގެފާނު ޕޯޗުގީޒުންގެ ނޮހޮރޮއްޕާނު ބޮޑުކަމުން ކަންނަންނޫރުގެ ޢަލީ ރާޖާގެ ހިމާޔަތަށް ދިޔައީ ޕޯޗުގީޒުން ފަހާލަން، އޭގެ ބަދަލުގަ އަގެއްގެ ގޮތުގަ މަލިކު ދީފަ އެ އޮތީ" ޔާމީން ވިދާޅުވިއެވެ.

comment ކޮމެންޓް