މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރުކަމުގެ މަގާމުން އަހުމަދު ނަރީޝް މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ނަރީޝް ވިދާޅުވީ ގައުމާއި ރައްޔިތުންނަށް އެހެން ހައިސިއްޔަތަކުން ޚިދުމަތްކުރަން ފުރުސަތު ލިބުމާ ގުޅިގެން މާލެ ސިޓީ ކައުންސިލްގެ މާފަންނު މެދު ދާއިރާގެ ކައުންސިލް މެންބަރުކަމުންނާއި، ޑެޕިއުޓީ މޭޔަރުކަމުން މިއަދުން ފެށިގެން އިސްތިއުފާ ދީފައިވާ ކަމަށެވެ.
މާލޭގެ މޭޔަރު އާދަމް އާޒިމަށް ފޮނުއްވި އިސްތިއުފާގެ ސިޓީގައި ނަރީޝް ވިދާޅުވެފައި ވަނީ އެ މަގާމުގައި އޭނާ ހޭދަކޮށްފައިވާ މުއްދަތަކީ ވަޒީފާއާއި މަސައްކަތުގެ ދާއިރާގައި އޭނާ ހޭދަކުރި އެންމެ އުފާވެރި ދުވަސްކޮޅު ކަމަށެވެ. އަދި އެއީ އެކި ދާއިރާތަކުން ތަފާތު ތަޖުރިބާ ކުރެވި، އޭނާގެ ޝަޚުސިއްޔަތު ބައްޓަންކުރަން ލިބުނު ރަނުގެ ފުރުސަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ނަރީޝްގެ އިސްތިއުފާ ސިޓީގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވަނީ ތައުރީފުކުރައްވައިފައެވެ.
އެގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު އޭނާއަށް ސިފަވަނީ ބޭނުންވާ ނަތީޖާތައް ހަލުވިކަމާއެކު ނެރެދެއްވުމަށްޓަކައި، ސިޔާސީ ފިކުރު ތަފާތު މީހުންނާއެކު ވެސް ގުޅިގެން މަސައްކަތްކުރުމުގެ ކޮލިޓީ ހުރި ބޭފުޅެއްގެ ގޮތުގައެވެ.
ނަރީޝް ވަނީ މިހާރުގެ މޭޔަރު އާޒިމްގެ އަރިހުން އޭނާއަށް ދަސްވި ފިލާވަޅުތަކަށްޓަކައި ވެސް ޝުކުރު އަދާކުރައްވައިފައެވެ.
އޭނާ ވަނީ އެ މަގާމަށް އޭނާ ހޮވުމަށްޓަކައި ބުރަކޮށް މަސައްކަތްކޮށްދެއްވި ދާއިރާގެ ރައްޔިތުންނާއި، ޕީއެންސީ/ޕީޕީއެމް ލީޑަޝިޕަޝާއި އަދި ޚާއްސަކޮށް ރައީސް މުއިއްޒަށް ޝުކުރުއަދާ ކުރައްވައިފައެވެ.
ޑެޕިއުޓީ މޭޔަރުގެ މަގާމުން އަޅުގަނޑު ވަކިވި ނަމަވެސް، މާލެ ސިޓީ ކައުންސިލާއި އަޅުގަނޑާ ދެމެދު އުފެދިފައިވާ ގާތް، ބަދަހި ގުޅުން، ތާއަބަދު އެ ގޮތުގައި އޮންނާނެ ކަމުގެ ޔަގީންކަން އަރުވަން، އަހުމަދު ނަރީޝް
މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރަކަށް އަހުމަދު ނަރީޝް އިންތިޚާބު ކޮށްފައިވަނީ ޖޫން 21، 2021ގައެވެ. އެ މަގާމަށް ނަރީޝްއާ އޭރު ވާދަކުރީ އެމްޑީޕީގެ ޓިކެޓުގައި މަންޗަންގޯޅީ މެދު ދާއިރާއަށް އިންތިޚާބު ވެފައިވާ އަހުމަދު ޒަމީރެވެ. ނަރީޝަށް 12 ވޯޓް ލިބުނުއިރު އަހުމަދަށް ލިބުނީ ހަތް ވޯޓެވެ.
އޭރު މާލޭގެ މޭޔަރު ކަމުގައި ހުންނެވީ ރައީސް މުއިއްޒެވެ.