ކައުންސިލްތަކުގެ އިހުތިޞާސްގައި އޮތް ފަޅުތަކާއި ރަށްތައް ފަތުރުވެރިކަމަށް ދޫކުރުމުގެ ބާރު ރައީސަށް ލިބިދޭ ބިލެއް ހުށަހެޅީ، އެ ކަންކަމަށް ރައީސްގެ ބާރު ފޯރުވާން ނޫން ކަމަށާއި ނަމަވެސް އެއީ ކޮންމެހެން ގެންނަން ޖެހޭ އިސްލާހަކަށްވާތީ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެއެވެ.
ޓޫރިޒަމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން އެ ބިލު ހުށަހެޅުއްވީ ތިމަރަފުށީ ދާއިރާގެ މެންބަރު އަހުމަދު ރިޔާޒެވެ.
އެ ގާނޫނުގައި އޮތީ މީހުން ދިރިއުޅޭ ރަށްތައް ނުވަތަ ސިޓީތަކުގައި އެ ތަނެއްގެ ބިނާވެށި ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން ޓޫރިޒަމްގެ ބޭނުމަށް ތަރައްގީކުރެވޭ ބިން ކަނޑައަޅާނީ އެ ރަށެއް ނުވަތަ ސިޓީއެއް ނިސްބަތްވާ ރަށު ނުވަތަ ސިޓީ ކައުންސިލުން ކަމަށެވެ.
ސަރުކާރުން ހުށަހެޅި އިސްލާހުގައިވަނީ، ކައުންސިލްތަކުގެ އިތުރުން ރައީސަށް ވެސް އެ ބާރު ލިބިގެންވާ ކަމަށެވެ. އެހެންވެ، އިދިކޮޅުން ވަނީ އެއީ ކައުންސިލްގެ އިހުތިޞާސްގައި ހިމެނޭ ކަމަކަށް ސަރުކާރުން ބާރު ފޯރުވުމަށް ގެންނަ އިސްލާހެއް ކަމަށް ތުހުމަތުކޮށްފައެވެ.
އެ ބިލަށް މިއަދުގެ ޖަލްސާގައި ބަހުސްކުރައްވަމުން ނާޒިމް ވިދާޅުވީ، ކުރީގެ ސަރުކާރުތަކުގައި ކައުންސިލްތަކުގެ އިހުތިޞާސްގައި ހިމެނޭ ރަށްތަކާއި ފަޅުތައް ޓޫރިޒަމް ބޭނުމަށް ދީފައިވާ ކަމަށެވެ. އޭނާ ވަނީ އެހެން ދީފައި ހުރި ބައެއް ރަށްތައް ފާހަގަކުރައްވައިފައެވެ.
އެގޮތުން، ރިސޯޓެއް ހެދުމަށްޓަކައި، މ. ދިއްގަރު ފަޅުތެރެއިން 10 ހެކްޓަރުގެ ބިމެއް ފަސް ލައްކަ ޑޮލަރަށް ދީފައިވާ ކަމަށާއި އެ އަތޮޅު ވޭވަށު ފަޅުތެރެއިން ދިހަ ހެކްޓަރުގެ ބިމެއް ފަސް ލައްކަ ޑޮލަރަށް ދީފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި، މިފަހުން ކ. ގާފަރު ކައުންސިލުން އެރަށުގެ އިހުތިޞާސްގައި އޮތް ވެލިފަރު ކިޔާ ވެލިގަނޑެއްގައި ރިސޯޓެއް ހަދަަން ބަޔަކަށް ދޭން ލޯކަލް ގަވަނަންސް މިނިސްޓްރީގައި އެދުމުން ބަންޑާރަ ނައިބުގެ ލަފައެއް އެ މިނިސްޓްރީން ހޯދި ކަމަށް ނާޒިމް ވިދާޅުވިއެވެ.
ބަންޑާރަ ނައިބުގެ ލަފާގައި ވަނީ ކައުންސިލްތަކުގެ އިހުތިޞާސްގައި ހިމެނޭ ރަށްތަކާއި ފަޅުތައް ކުއްޔަށް ދިނުމުގެ ބާރުވެރިކަން ލޯކަލް ކައުންސިލް ގާނޫނު ތަކުން ކައުންސިލްތަކަށް ލިބިދީފައިނުވާކަން. ބަންޑާރަ ނައިބު ލަފާ މިގޮތަށް އައީމައި މިހާރު މިގޮތަށް ދީފައި ހުރި ހުރިހާ ތަނެއްގެ މަސައްކަތް ވަނީ ހުއްޓިފައިމަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް
ޓޫރިޒަމާ ބެހޭ ގާނޫނަށް އިސްލާހު ގެންނަނީ އެ ސަބަބާ ހެދި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ސަރުކާރުން މަޖިލީހަށް އެ އިސްލާހު ހުށަހެޅީ ކައުންސިލްތަކުގެ އިހުތިޞާސްގައި އޮތް ކަމަކަށް ރައީސުލްޖުމްހޫރިއްޔާ ބާރު ފޯރުވަން ބޭނުންފުޅުވެގެނެއް ނޫން ކަމަށާއި އިސްލާހު ހުށަހެޅީ އެ ގޮތަށް ހުއްޓިފައި ހުރި މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށްޓަކައި ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
އޭގެއިތުރުން، މި އިސްލާހަކީ ކައުންސިލްތަކުގެ އިޙުތިޞާސްގައި އޮތް ރަށްތަކާއި ފަޅުތައް ތަރައްގީކޮށްދޭނެ އިސްލާހެއް ކަމަށާއި މިއީ ކޮންމެހެން ގެންނަން ޖެހޭ އިސްލާހެއްގެ ގޮތުގައި ނާޒިމް ސިފަކުރެއްވިއެވެ.
އެހެންނޫން ނަމަ، މިހާރު ކައުންސިލްތަކުން އެޑްވާންސަށް ނަގާފައި ހުރި ފައިސާތައް ސަރުކާރަށް ދައްކަން ޖެހި، މިކަން ވާނެ ގޮތެއް ނެތި، މިކަންތައް މިިހާރު ހިނގަމުންދާ ގޮތަށް ހިންގަމުންދާނީ. މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް
ނާޒިމް ވިދާޅުވީ، ވީ އެންމެ އަވަހަކަށް މި އިސްލާހު ފާސްކޮށް، ހުއްޓިފައި ހުރި މަޝްރޫއުތައް ކުރިއަށްދާނެ ގޮތް މަގުފަހިކޮށްދިނުމަކީ އެ މެންބަރުންގެ ޒިންމާއެއް ކަމަށެވެ.