ބިލް ތަސްދީގު ނުކުރަން އޭޖީ ލަފާ ދެއްވީ ފަނޑިޔާރުން ވަކި ކުރުމުގައި ކަންބޮޑުވުންތަކެއް ހުރުމުން

ބަންޑާރަނައިބު އަހުމަދު އުޝާމް: ބިލް ތަސްދީގު ނުކުރަން އޭޖީ ލަފާ ދެއްވީ ފަނޑިޔާރުން ވަކި ކުރުމުގައި ކަންބޮޑުވުންތަކެއް ހުރުމުން -- ފޮޓޯ/ ސަރުކާރު

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމުގެ ބިލު ތަސްދީގު ނުކުރަން އެޓާނީ ޖެނެރަލް (އޭޖީ) އަހުމަދު އުޝާމް ލަފާދެއްވީ، ފަނޑިޔާރުން ވަކި ކުރާގޮތް އިންސާފުވެރި ނޫންކަމަށް ގަބޫލުކުރެވޭތީ އެކަމާމެދު ކަންބޮޑުވުންތަކެއް ހުރުމުން ކަމަށް އެ އޮފީހުން މިއަދު ބުނެފިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރުމުގެ ބިލު މިދިޔަ މަހުގެ 26ވީ ބުދަ ދުވަހު މަޖިލީހަށް ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ ޕީއެންސީގެ މެންބަރު އަބްދުއްސައްތާރު މުހައްމަދެވެ.

އެ ބިލު ހަމަ އެ ދުވަހު ބަލައިގަނެ، ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައި، ބިލުގައި ދިރާސާ ކުރަން ޖެހޭ މާ ބޮޑު ކަމެއް ނެތް ކަމަށް ބުނެ އެ ކޮމިޓީން ފާސްކޮށް ތަޅުމަށް ފޮނުވިއެވެ. ހަމަ އެދުވަހު ތަޅުމުން ވެސް ވަނީ އެ ބިލު ފާސްކޮށްފައެވެ.

ނަމަވެސް، އޭޖީގެ ލަފާގެ މަތިން، އިތުރަށް ވިސްނުމަށް އެދި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ އެ ބިލް އަނބުރާ މަޖިލީހަށް ފަނުއްވާފައެވެ.

https://sun.mv/203577

މި ބިލު ރައީސް ތަސްދީގު ކުރައްވައިފި ނަމަ ފަސް ދުވަހުގެ ތެރޭގައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ގާބިލު ނޫން ދެ ފަނޑިޔާރެއްގެ ނަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން މަޖިލީހަށް ހުށަހަޅަން ޖެހެއެވެ.

އޭޖީގެ ލަފާގައި ވަނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އުސޫލުން ބޭރު ނުވެ، ސުލޫކީ މިންގަނޑާ ޚިލާފު ނުވާނަމަ، ގާބިލު ނޫންކަމަށް ނިންމައި ދެ ފަނޑިޔާރުންގެ ނަން މަޖިލީހަށް ހުށަހެޅިދާނެ ކަމަށް ފެނިވަޑައި ނުގަންނަވާކަމަށެވެ.

ނަމަވެސް، ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި، މަހާޒް އަލީ ޒާހިރުގެ ސުލޫކީ މައްސަލައެއް މިވަގުތު ޖޭއެސްސީން ދަނީ ބަލަމުންނެވެ.

އޭޖީގެ ލަފާގައި ވަނީ މިފަދައިން ފަނޑިޔާރުންގެ ސުލޫކީ މައްސަލައެއް ބަލަމުންދާ ދަނޑިވަޅެއްގައި އެ މައްސަލަ ބަލައި ނުނިމެނީސް އެ ފަނޑިޔާރުން ގާބިލު ނޫންކަމަށް މަޖިލީހުން ކަނޑައެޅުމަކީ އުސޫލާ ޚިލާފު ކަމެއް ކަމަށެވެ.

މީގެ އިތުރުން، މި ބިލު ތަސްދީގު ކޮށްފިނަމަ ދެ ފަނޑިޔާރަކު ވަކިކުރަން ޖެހޭއިރު، ފަނޑިޔާރުން ވަކިކުރާ އުސޫލު އިންސާފުވެރި ނުވުން ވެސް އޭޖީ ފަހަގަކުރައްވާފައި ވެއެވެ.

މި ބިލުގެ ކޮމިޓީ މަރުހަލާގައި މަޖިލީހުގެ ކައުންސެލާ ޖެނެރަލް ފާތިމަތު ފިލްޒާ ވެސް ވަނީ އެކަމާ މެދު ސުވާލު އުފައްދަވާފައެވެ.

ފިލްޒާ އޭރު ވިދާޅުވީ، ސުޕްރީމް ކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ އަދަދު ފަސް ފަނޑިޔާރުންނަށް ބަދަލުކުރެވޭނީ ބައެއް ފަނޑިޔާރުން މަޤާމުން ވަކިކޮށްގެން ކަމަށެވެ.

https://sun.mv/203049

ގާނޫނު އަސާސީގައި ބަޔާންކޮށްފައި ވާގޮތުން ފަނޑިޔާރުން މަގާމުން ވަކިކުރެވޭނީ ދެ ހާލަތެއް އޭނާ ފާހަގަ ކުރެއްވިއެވެ. އެއީ:

  • ފަނޑިޔާރަކު އެ މަގާމަށް ޤާބިލު ނޫންކަމަށް ގަބޫލުކުރެވިގެން އެ ފަނޑިޔާރަކު މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން
  • ނުވަތަ އެ މަޤާމާ އެކާށީގެންނުވާ ފަދަ އަމަލެއް ފަނޑިޔާރަކު ކޮށްފައިވާކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ޤަބޫލުކުރެވިގެން އެ ފަނޑިޔާރަކު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން

ފިލްޒާ ވިދާޅުވީ، މަޖިލީހުން ފާސްކުރާ ގާނޫނަކުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން ޖެހިއްޖެ ހާލަތެއްގައި ފަނޑިޔާރެއްގެ ގާބިލުކަމާމެދު ޖޭއެސްސީން ސުވާލު އުފައްދާފައި ނުވާ ފަނޑިޔާރުން ގާބިލުނޫން ކަމަށް ކަނޑައަޅަން ޖެހޭ ހާލަތެއް އުފެދޭނެ ކަމަށެވެ.

ފިލްޒާ މިފަދައިން ލަފާ ދެއްވި ނަމަވެސް، ކޮމިޓީން ނިންމީ މަޖިލީހުގެ ތަޅުމުން މިކަމަށް ގޮތެއް ނިންމުމަށެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމުގެ ބިލް ފާސްކުރީ، މެންބަރުން ސިޔާސީ ޕާޓީތަކުން ވަކިވުމުންނާއި ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް މި މަޖިލީހުން ގެނައި އިސްލާހު ބާތިލުކުރުމަށް އެދި ހުށަހަޅައިފައިވާ މައްސަލައެއް ސުޕްރީމް ކޯޓުން ބަލަމުން ދަނިކޮށެވެ. އަދި އެ އިސްލާހަށް އަމަލުކުރުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެދުމުން، އެ މައްސަލައިގެ އަޑު އެހުމެއް ބުދަ ދުވަހުގެ 11:00އަށް ތާވަލުކޮށްފައި ވަނިކޮށެވެ.

އެ އަޑުއެހުން ގާތް ވެފައިވަނިކޮށް، އަދި މަޖިލީހުން ބިލް ފާސްކުރި ފަހުން، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑުކުރިއެވެ. އެއީ ފަނޑިޔާރުން ހުސްނުއްސުއޫދާއި މަހާޒް އަލީ ޒާހިރާއި ޑރ. އަޒްމިރަލްދާ ޒާހިރެވެ.

އެ ތިން ފަނޑިޔާރުންގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ބަލަމުން އަންނައިރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން އަންނަނީ އެ ބޭފުޅުންގެ ޖިނާއީ ތަހުގީގެއް ހިންގަމުންނެވެ.

ސަސްޕެންޝަންގައި ހުންނެވި ސުއޫދު ވަނީ، ރައީސް އިސްވެ ހުންނަވައި ސުޕްރީމް ކޯޓުގައި އޮތް މައްސަލައަށް ނުފޫޒު ފޯރުވާ ކަމަށް ތުހުމަތު ކުރައްވައި މަގާމުން އިސްތިއުފާ ދެއްވައިފައެވެ.

އޭނާ އިސްތިއުފާ ދެއްވީ މިދިޔަ އަންގާރަ ދުވަހުއެވެ.

comment ކޮމެންޓް