ޖަވާބުދާރީ ވުމުގެ ފުރުސަތު ނުދީ ފަނޑިޔާރުން ވަކިކުރުމަކީ އިންސާފެއްތޯ ފިލްޒާ ސުވާލު އުފައްދަވައިފި

ރައްޔިތުންގެ މަޖިލީހުގެ ކައުންސިލާ ޖެނެރަލް ފާތުމަތު ފިލްޒާ: ޖަވާބުދާރީ ވުމުގެ ފުރުސަތު ނުދީ ފަނޑިޔާރުން ވަކިކުރުމަކީ އިންސާފެއްތޯ ފިލްޒާ ސުވާލު އުފައްދަވައިފި -- ފޮޓޯ/ މަޖިލިސް

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރާ ބިލް ފާސްކޮށް، ދެ ފަނޑިޔާރަކު ވަކިކުރަން ޖެހޭ ހާލަތުގައި ޖަވާބުދާރީ ވުމުގެ ފުރުސަތު ނުދީ އެ ފަނޑިޔާރުން ވަކިކުރުން އިންސާފުވެރިތޯ މަޖިލީހުގެ ކައުންސެލާ ޖެނެރަލް ފާތިމަތު ފިލްޒާ ސުވާލު އުފައްދަވައިފިއެވެ.

ސުޕްރީމް ކޯޓުގައި ތިއްބަވާ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް މަޖިލީހަށް ހުށަހެޅި ބިލް ބަލައިގަނެ، ޖުޑީޝަރީ ކޮމިޓީއަށް ހުށަހެޅީ މިއަދެވެ. އެއާއެކު މިއަދު ހަވީރު ބޭއްވި ޖުޑިޝަރީ ކޮމިޓީގައި ވަނި މި ބިލް ފާސްކޮށްފައެވެ. ނަމަވެސް މި ބިލާމެދު ފިލްޒާގެ ހުރި ކަންބޮޑުވުންތަކެއް ހުށަހެޅުއްވުމުން ކުއްލި ކޮމިޓީ ބައްދަލުވުމެއް މިރޭ ވަނީ ބާއްވާފައެވެ.

މި ބިލާމެދު ފިލްޒާ ވިދާޅުވެފައި ވަނީ، ސުޕްރީމް ކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ އަދަދު ފަސް ފަނޑިޔާރުންނަށް ބަދަލުކުރެވޭނީ ބައެއް ފަނޑިޔާރުން މަޤާމުން ވަކިކޮށްގެން ކަމަށެވެ.

ގާނޫނު އަސާސީގައި ބަޔާންކޮށްފައި ވާގޮތުން ފަނޑިޔާރުން މަގާމުން ވަކިކުރެވޭނީ ދެ ހާލަތެއް މެދުވެރި ވެގެންނެވެ. އެއީ:

  • ފަނޑިޔާރަކު އެ މަގާމަށް ޤާބިލު ނޫންކަމަށް ގަބޫލުކުރެވިގެން އެ ފަނޑިޔާރަކު މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން
  • ނުވަތަ އެ މަޤާމާ އެކާށީގެންނުވާ ފަދަ އަމަލެއް ފަނޑިޔާރަކު ކޮށްފައިވާކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ޤަބޫލުކުރެވިގެން އެ ފަނޑިޔާރަކު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން

ފިލްޒާ ވިދާޅުވީ، މަޖިލީހުން ފާސްކުރާ ގާނޫނަކުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން ޖެހިއްޖެ ހާލަތެއްގައި ފަނޑިޔާރެއްގެ ގާބިލުކަމާމެދު ޖޭއެސްސީން ސުވާލު އުފައްދާފައި ނުވާ ފަނޑިޔާރުން ގާބިލުނޫން ކަމަށް ކަނޑައަޅަން ޖެހޭ ހާލަތެއް އުފެދޭނެ ކަމަށެވެ.

އެ ފަނޑިޔާރަށް ދިފާއުގައި ޖަވާބުދާރީ ވާނެ ފުރުސަތު ނުލިބުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި މިފަދައިން ފަނޑިޔާރުން ވަކިކުރުމަކީ އިންސާފުވެރި ގޮތެއްތޯ ފިލްޒަ ވަނީ ސުވާލު އުފައްދާފައެވެ.

މީގެ އިތުރުން، ޝަރަފުވެރިކަމާއެކު ފަނޑިޔާރުކަމުގެ މަޤާމުން ވަކިވާ ފަނޑިޔާރުންނަށް ދައުލަތުން އިނާޔަތްތަކެއް ދޭ ކަމަށާއި ފަނޑިޔާރުކަމުގެ ޤާބިލުކަން ނެތްކަމަށް ޖޭއެސްސީން ކަނޑައަޅައިގެން ވަކިކުރާ ފަނޑިޔާރުންނަށް މިފަދަ އިނާޔަތެއް ދިނުމަކީ ދެކޮޅުޖެހޭ އުސޫލެއް ކަމަކަށް ނުފެންނަ ކަމަށް ވެސް ފިލްޒާގެ ލަފާގައި ވެއެވެ.

މިރޭގެ ކޮމިޓީގައި މި ކަންބޮޑުވުންތަކާ ގުޅިގެން ގޮތެއް ނިންމާފައެއް ނުވެއެވެ. ކޮމިޓިން ނިންމީ މަޖިލީހުގެ ތަޅުމުން މިކަމަށް ގޮތެއް ނިންމުމަށެވެ.

މިފަދައިން ކޮމިޓީގައި ހުށަހެޅުއްވީ ޕީއެންސީއަށް ނިސްބަތްވާ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދުއެވެ.

ކޮމިޓީގައި ވޯޓަށް އެހުމުން ފަޒާދުގެ ހުށަހެޅުމާ އެއްކޮޅަށް ވޯޓު ދެއްވީ ހަ މެންބަރުންނެވެ. ކޮމިޓީގައި ތިބި އިދިކޮޅު ދެ މެންބަރުން އެ ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވާފައި ވާއިރު ހުރާ ދާއިރާގެ ޕީއެންސީ މެންބަރު އަނާރާ ނައީމު ވަކި ކޮޅަކަށް ވޯޓު ދެއްވާފައެއް ނުވެއެވެ. ހަވީރު ބޭއްވި ކޮމިޓީގައި ވެސް އަނާރާ ވަކި ކޮޅަކަށް ވޯޓު ދެއްވާފައެއް ނުވެއެވެ.

ގާނޫނީ ދާއިރާއިން ތައުލީމު ހާސިލުކުރައްވައިފައިވާ އަނާރާ އެ ބިލު ފާސްކުރުމުގައި ވަކި ކޮޅަކަށް ޖެހިވަޑައިގަންނަވަން ދެކޮޅުހެއްދެވިއިރު، މިއަދު އެ ބިލް ކޮމިޓީއަށް ފޮނުވަން ނެގި ވޯޓުގައި ބައިވެރިނުވާ މެންބަރުންނަށް ފިޔަވަޅު އަޅާނެ ކަމަށް ޕީއެންސީން ވަނީ ބުނެފައެވެ.

https://www.sun.mv/203032

ޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވެސް ވަނީ ވޯޓުގައި ބައިވެރިނުވުމަކީ އެއްވެސް ފަހަރަކު އެއްވެސް މެންބަރަކު ކުރައްވައިގެންވާނެ ކަމެއް ނޫން ކަމަށް ވިދާޅުވެ ނުރުހުން ފާޅުކުރައްވައިފައެވެ.

ސުޕްރީމް ކޯޓުން އަންނަނީ، މަޖިލިސް މެންބަރުން ޕާޓީން ވަކިކުރުމުން ނުވަތަ އަމިއްލައަށް ވަކިވުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު ބާތިލުކުރުމަށް އެދި ހުށަހަޅައިފައިވާ މައްސަލައެއް ބަލަމުންނެވެ.

އެ މައްސަލަ ކުރިއަށްދަނިކޮށް މި ބިލް ހުށަހެޅުމަކީ ޖުޑިޝަރީއަށް ބާރު ފޯރުވައި، ބިރު ދެއްކުމަށް ކުރާ ކަމެއްގެ ގޮތުގައި އިދިކޮޅުން ވަނީ ސިފަކޮށްފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ވެރިކަން ކުރާ ޕާޓީން ގާނޫނު އަސާސީ އިސްލާހު ކޮށްފައިވަނީ އެއް ދުވަހުގެ މަސައްކަތުންނެވެ. އެގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 20ގައި ބިލުގެ ފުރަތަމަ ކިޔުން އިއްވައި، މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވައި، އެ ކޮމިޓީން ފާސްކޮށް، ތަޅުމުން ވެސް ފާސްކުރިއެވެ.

ހަމަ އެ ދުވަހު ރައީސް އެ ބިލް ތަސްދީގު ކުރައްވައި، ގާނޫނު އަސާސީ އިސްލާހު ކުރެއްވިއެވެ.

comment ކޮމެންޓް