ކ. ކާށިދޫގައި ފުލުހަކަށް ވަޅިން ހަމަލާދީ މަރާލި މައްސަލަ ކްރިމިނަލް ކޯޓުން ދެވަނަ ފަހަރަށް ބެލުމަށް ފަހު ވެސް، މުހައްމަދު ސަމާހުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައެޅި މައްސަލަ، އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.
މިއީ، ކ. ކާށިދޫގައި މީގެ 14 އަހަރު ކުރިން ފުލުހުންގެ ތެރޭގައި މަސައްކަތް ކުރި، ކ. ކާށިދޫ ކެތި، ސާޖަންޓް އާދަމް ހަލީމަށް ވަޅިން ހަމަލާދީ މަރާލި މައްސަލައެވެ. އެ މައްސަލައިގައި ދައުލަތުން ދައުވާކުރީ، ކާށިދޫ ސުވާސާގެ, މުހައްމަދު ސަމާހުގެ މައްޗަށެވެ.
ދެހާސް ބާރަ ވަނަ އަހަރުގެ މި ހާދިސާގެ މައްސަލަ ދެވަނަ ފަހަރަށް ބަލަން ޖެހުނީ، ސުޕްރީމް ކޯޓުގެ ހުކުމަކާއެކުއެވެ. ސަމާހުގެ މައްޗަށް ކުށް ސާބިތުވެ، އޭނާ މެރުމަށް، 2013ވަނަ އަހަރު ހުކުމް ކުރިއެވެ. އެ ހުކުމް، ހައިކޯޓުން ވެސް ދަމަހައްޓާފައި ވަނިކޮށް، އަލުން މައްސަލަ ބަލަން އެންގީ ސުޕްރީމް ކޯޓުންނެވެ.
ސުޕްރީމް ކޯޓުގައި އެ މައްސަލައިގެ ހުކުމް އިއްވަމުން އޭރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ މީހަކު ކުށަކަށް އެއްބަސް ވިޔަސް، އެ މީހެއްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމޭނީ އެ މީހަކު ދައްކާ ވާހަކަތައް އެއްވެސް ޝައްކެއް ނެތް މިންވަރަށް ކަށަވަރު ކުރުމަށްފަހު ކަމަށެވެ. އަދި ހައްދުގެ މައްސަލަތަކުގައި ކީރިތި ރަސޫލާ ވެސް އެގޮތަށް އަމަލު ކުރެއްވި ކަމަށް ސުޕްރީމް ކޯޓުގެ ނިންމުމުގައި ބުނެފައިވެއެވެ. ނަމަވެސް ސަމާހު ކުށަށް އެއްބަސްވިއިރު، ހަމަލާދިން ކަމަށް އެއްބަސްވި ނަމަވެސް ހަމަލާދިނީ ގަސްދުގައި މީހަކު މެރުމުގެ ނިޔަތުގައި ނޫން ކަމަށް އޭނާ ބުނެފައިވާ ކަމަށް ހުކުމުގައި ވެއެވެ.
ސަމާހު ވެފައިވާ އިއުތިރާފްގެ ބޭރުން އިތުރު ހެއްކެއް ހުރިތޯ ބެލުމަށް ފަހު އެ މައްސަލަ އަލުން ބަލަން ކްރިމިނަލް ކޯޓަށް ފޮނުވަން ޖެހޭ ކަމަށް ފަސް ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވެއެވެ.
ސުޕްރީމް ކޯޓުގެ ހުކުމާއެކު، އަލުން މައްސަލަ ބަލައި ސަމާހުގެ މައްޗަށް އަނެއްކާވެސް އިއްވީ މަރުގެ ހުކުމެކެވެ. އެއީ މިދިޔަ އޭޕްރީލް މަހުއެވެ. އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރީ ސަމާހުކަމަށް ހައިކޯޓުގެ ރަޖިސްޓްރީގައި އެބައޮތެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި އާދަމް ހަލީމަށް ސަމާހު ހަމަލާ ދިނީ ގޭ ބަންދުގައި ހުއްޓައި، ގެއިން ބޭރަށް އޭނާ ނިކުމެ އުޅޭތީ އޭނާ ޕޮލިސް ސްޓޭޝަނަށް ގެންދަން އާދަމް ހަލީމް އުޅުމުންނެވެ. ނަމަވެސް ސަމާހުގެ ފަރާތުން ބުނެފައި ވަނީ ހަމަލާ ދިނީ މެރުމުގެ ގަސްދުގައި ނޫން ކަމަށެވެ.