އެމްއައިޓީޑީސީއާއި އެގްރޯނެޓް އުވާލަން ނިންމައިފި

އެމްއައިޓީޑީސީގެ މެނޭޖިން ޑިރެކްޓަރު ޝިއުނާ ޚާލިދު: އެމްއައިޓީޑީސީއާއި އެގްރޯނެޓް އުވާލަން ސަރުކާރުން ވަނީ ނިންމާފައި -- ފޮޓޯ/ އެމްއައިޓީޑީސީ

މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)އާއި އެގްރޯނެޓް ކޯޕަރޭޝަން އުވައިލަން ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ.

މާލީ ހާލަތު ރަނގަޅުކުރަން ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ޚަރަދު ކުޑަކުރުމުގެ ގޮތުން ބައެއް ކުންފުނިތަކަށް ސަރުކާރުން އަންނަނީ ބަދަލު ގެންނަމުންނެވެ. އެގޮތުން، ބައެއް ކުންފުނިތައް އެއްކޮށްލަން ވެސް ސަރުކާރުން ވަނީ ނިންމައިފައެވެ.

އެމްއައިޓީޑީސީއާއި އެގްރޯނެޓް އުވާލަން ނިންމާފައިވަނީ އާދިއްތަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައެވެ.

ރައީސް އޮފީހުން ބުނީ، މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ)އާއި ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އެއްކޮށްލާއިރު އެ ކުންފުނިން މިހާރު ކުރިއަށް ގެންދަވާ ފަތުރުވެރިކަމާ ގުޅުންހުރި ކަންކަން ޤާނޫނާ އެއްގޮތަށް ކުރިއަށް ގެންގޮސް، މި ދާއިރާއިން އެ ކުންފުނީގެ މަސައްކަތްތައް އިތުރަށް ފުޅާ ކުރެއްވުމަށްޓަކައި، އިންޓަގްރޭޓެޑް ޓޫރިޒަމްގެ މެންޑޭޓް، އެ ކުންފުނީގެ އަސާސީ ގަވާއިދަށް އިތުރުކުރަން ނިންމާފައިވާ ކަމަށެވެ.

އެހެންވެ، އެމްއައިޓީޑީސީ އުވާލުމަށް ފަހު އެ ކުންފުނިން ކުރަމުން އައި ހުރިހާ މަސައްކަތްތަކެއް އެމްއެފްއެމްސީގެ ދަށަށް ބަދަލުކުރަން ވަނީ ނިންމައިފައެވެ.

މީގެ އިތުރުން، މިދިޔަ ސަރުކާރުގައި ދަނޑުވެރިކަމާ ގުޅޭ މަސައްކަތްތައް ކުރަން އުފައްދާފައިވާ އެގްރޯނެޓް އުވާލައި، އެ ކުންފުނީގެ މަސައްކަތްތައް މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ޕަބްލިކް ލިމިޓެޑާ ހަވާލުކުރަން ވަނީ ނިންމައިފައެވެ.

މި މަސައްކަތްތައް މި އަހަރު ނިމުމުގެ ކުރިން ނިންމަން ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މެދުފަންތީގެ ފަތުރުވެރިކަން ޕްރޮމޯޓުކޮށް ކުރިއަރުވަން އެމްއައިޓީޑީސީ އުފެއްދީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައެވެ. މިދިޔަ ސަރުކާރުގައި އެގްރޯނެޓް އުފެއްދީ ދަނޑުވެރިކަމުގެ އުފެއްދުންތައް މާކެޓުކޮށް، ވިއްކާށެވެ.

comment ކޮމެންޓް