ޕެޓިންސަންގެ 'މިކީ 17' ބޮކްސް އޮފީސް ފްލޮޕަކާ ދިމާލަށް

ރޮބާޓް ޕެޓިންސަން ލީޑުން ފެންނަ ސައިފައި ފިލްމު "މައިކީ 17"އަށް ލިބެމުން އަންނަ މަގުބޫލުކަމާ އެކުގައި ވެސް ބޮކްސް އޮފީސް ފްލޮޕަކަށްވުމުގެ ބިރުވެރިކަން އުފެދިއްޖެއެވެ.

މިހާތަނަށް ނެރުނު އެންމެ މަގުބޫލު އެއް ކޮރިއަން ފިލްމު ކަމަށްވާ "ޕެރަސައިޓް"ގެ ޑައިރެކްޓަރު ބޮންގް ޖޫން ހޯގެ ހޮލީވުޑް ފިލްމު މައިކީ 17 އަކީ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އައި ފިލްމެކެވެ. މިދިޔަ ހަފުތާ ބަންދުގައި ފިލްމު ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ސިނަމާތަކުގައި ދައްކަން ފަށާފައެވެ.

ކްރިޓީކުންގެ ތެރޭގައި ވެސް މަގުބޫލުކަމެއް ހޯދާފައިވާ މި ފިލްމު ބޮކްސް އޮފީހުގައި އެންމެ އެކަށީގެންވާ ކަހަލަ ނަތީޖާތަކެއް ނުދައްކަފާނެކަމުގެ ބިރު ވަނީ އުފެދިފައެވެ.

މިދިޔަ ހަފުތާ ބަންދުގައި ފިލްމަށް އެމެރިކާއިން ލިބިފައިވަނީ 19 މިލިއަން ޑޮލަރުގެ އާމްދަނީއެކެވެ. މިއީ މިފަދަ ފިލްމަކަށް ބަލާ އިރު އެހާ ގޯސް އަދަދެއް ނޫނެވެ. އެހެންނަމަވެސް، ފިލްމުގެ ބަޖެޓަށް ބަލާނަމަ މިއީ ދަށް އަދަދެކެވެ. މި ފިލްމު ތައްޔާރު ކުރުމަށްޓަކައި 118 މިލިއަން ޑޮލަރު ވަނީ ހޭދަކޮށްފައެވެ.

ކުރިއަށް އޮތް ހަފުތާއެއްގެ ތެރޭގައި ރަނގަޅު އާމްދަނީއެއް ފިލްމަށް ނުލިބިއްޖެނަމަ މި ފިލްމު ބޮޑު ފްލޮޕަކަށް ވާނެއެވެ.

ޕެޓިންސަން ލީޑުން ފެންނަ މި ފިލްމު އެންމެ ފުރަތަމަ އިއުލާނުކޮށްފައިވަނީ 2022ވަނަ އަހަރެވެ. ފިލްމު އިއުލާނުކުރުމަށް ފަހު 2023ވަނަ އަހަރު އިއުލާނުކޮށްފައިވަނީ މިދިޔަ އަހަރުގެ ތެރޭގައި ފިލްމު ރިލީޒްކުރާނެ ކަމަށެވެ. ނަމަވެސް އެންމެ ފަހުން ފިލްމު ޑިލޭ ކުރީ މި އަހަރަށެވެ.

މިކީ 17 އަކީ ސައިންޓިސްޓުންގެ ގްރޫޕެއް އާ ޕްލެނެޓެއް ބަލައި އެ ތަނަށް ދިރިއުޅުން ބަދަލު ކުރުމަށް މަސައްކަތް ކުރާތަން ދައްކައިދޭ ފިލްމެކެވެ. މި ބަދަލުގެ ތެރޭގައި ދިމާވާ އާދަޔާހިލާފު ކަންތައްތައް ފިލްމުން ފެނެއެވެ. ފިލްމުގައި ޕެޓިންސަންގެ އިތުރުން ޓޯނީ ކޮލެޓާއި ސްޓީވެން ޔޫން ފަދަ ބޮޑެތި އެކްޓަރުން ހިމެނޭނެއެވެ.

comment ކޮމެންޓް