ސިފައިންނާއި ފުލުހުން ގުޅިގެން މިރޭ، ގައުމީ ސަލާމަތާ ގުޅުންހުރި އޮޕަރޭޝަނެއް ކުރިއަށްގެންދާކަން އިއުލާންކޮށްފިއެވެ.
ފުލުހުން އެކްސްގައި އާންމުކުރި ބަޔާނެއްގައިވަނީ، ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމަތަކާ ގުޅިގެން މާލެ ސަރަހައްދުގައި ޚާއްސަ އޮޕަރޭޝަނެއް ކުރިއަށްގެންދާނެ ކަމަށެވެ.
އެ އޮޕަރޭޝަނާ ގުޅޭ މައުލޫމާތު ލިބޭ ވަރަކުން ހާމަ ކުރަމުންގެންދާނެ ކަމަށް ފުލުހުން ބުނި ނަމަވެސް، އިތުރު ތަފުސީލެއް ހާމައެއް ނުކުރެއެވެ.
އެ ބަޔާން ހިއްސާކުރުމަށް ފަހު، ކުޑައިރުކޮޅެއްގެ ތެރޭގައި ފުލުހުން ވަނީ އެ ބަޔާން ނަގައިފައެވެ. އެއަށްފަހު މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައިވަނީ، ކަމާ ގުޅުންހުރި ބައެއް މައުލޫމާތު ކަށަވަރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައެވެ.

ސިފައިން މާލޭގައި ހަރަކާތްތެރިވަނީ: ފުލުހުން ވަނީ އެއީ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކުރިއަށްގެންދާ ޚާއްސަ އޮޕަރޭޝަނެއް ކަމަށް ބުނެފައި -- ސަން ފޮޓޯ
އެހެންނަމަވެސް އޮޕަރޭޝަން ކުރިއަށްގެންދާ ކަމަށް ފުލުހުން "ސަން"އަށް މައުލޫމާތު ދިނެވެ.
"ސަން"ގެ ނޫސްވެރިންނަށް ވަނީ، ރަސްމީ ފާލަން ކައިރީގައި މޫނު ނިވާކޮށްގެން ތިބި ފުލުހުންނާއި ސިފައިން ހަރަކާތްތެރިވާ މަންޒަރު ފެނިފައެވެ. އެގޮތުން އެ ސަރަހައްދުން ތަރުކާރީ ބަރުކޮށްގެން ދިޔަ ލޮރީއެއް ބަލައި ފާސްކުރި މަންޒަރު ފެނިފައިވެއެވެ.

މާޗް 11، 2025: ފުލުހުން މާލޭގެ ގެއަކަށް ވަންނަނީ: ސިފައިންނާއި ފުލުހުންގެ ޚާއްސަ އޮޕަރޭޝަނުގައި ބައެއް ގެތަކަށް ވަދެ ބަލައި ފާސްކޮށްފައިވޭ -- ސަން ފޮޓޯ
މި އޮޕަރޭޝަންގެ ތެރެއިން މާލޭ މަގުމަތީގައި ސިފައިންނާއި ފުލުހުން ގިނަ އަދަދަކަށް ހަރަކާތްތެރިވާ މަންޒަރު ފެނިފައިނުވި ނަމަވެސް، ދައުލަތުގެ މުހިންމު އިމާރާތްތައް ހިމެނޭ ގްރީން ޒޯންގައި ގިނަ އަދަދަކަށް ސިފައިންނާއި ފުލުހުން ހަރަކާތްތެރިވެފައިވެއެވެ.
ފުލުހުންނާއި ސިފައިން އަންނަނީ ބައެއް ގެތަކަށް ވެސް ވަދެ، ބަލައި ފާސްކުރަމުންނެވެ. އެގޮތުން މާލޭގެ އިތުރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ވެސް މި އޮޕަރޭޝަނުގެ ދަށުން ހަރަކާތްތެރިވަމުން އަންނަ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.