އައްޑޫ ސިޓީގެ ހަންކެޑެ ބުރިޖުގައި މިއަދު ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް އެކްސިޑެންޓުވެ، ޒުވާނަކު ނިޔާވެއްޖެއެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، ބުރިޖުގައި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ ރިޕޯޓުކޮށްފައިވަނީ 9:49ހާއިރު ކަމަށެވެ.
އެ އެކްސިޑެންޓް ހިނގައިފައިވަނީ ސައިކަލު ބާރު ސްޕީޑުގައި، މަރަދުއިން ހިތަދޫ ކޮޅަށް ދުއްވާފައި ގޮސް ބުރިޖު ބެންޑު ހިސާބުން ސައިކަލު ކޮންޓްރޯލް ނުވެ ގޮސް ފެންސުގައި ޖެހުމުން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ ހާދިސާގައި ނިޔާވެފައިވަނީ ގ. ނައިޓް ޑްރީމް، ލީވާން އަބްދުއްސައްތާރު، 24އ، ކަމަށެވެ.
ފުލުހުން ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ އައްޑޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވެއެވެ. އެގޮތުން ހުޅުމީދޫގައި ރޭސީން މުބާރަތަކަށް ފަރިތަ ކުރަން އުޅުނު މަރަދޫފޭދޫގެ ޒުވާނަކު ސައިކަލު ކޮންޓްރޯލް ނުވެ ތަނބެއްގައި ޖެހިގެން އެކްސިޑެންޓުވެފައިވެއެވެ.
އެ ހާދިސާގައި އަނިޔާވީ 18 އަހަރުގެ, މުޙައްމަދު އިލްމަށެވެ. އޭނާއަށް އަދިވެސް އަންނަނީ އައިޖީއެމްއެޗުގައި ފަރުވާދެމުންނެވެ.
އައްޑޫގައި އެކްސިޑެންޓުތައް އިތުރުވާތީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން މިފަހުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އެގޮތުން މިދިޔަ އަހަރު އައްޑޫގައި 277 އެކްސިޑެންޑު ހިނގާފައިވާއިރު، މި އަހަރުގެ ޖަނަވަރީ މަހު އެކަނިވެސް 27 އެކްސިޑެންޓެއް ހިނގާފައި ވާކަމަށް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ހަންކެޑެ ބްރިޖު އާންމު ދަތުރުފަތުރަށް ހުޅުވާލީ މި މަހުގެ އެކެއްގައެވެ.