ބާޒާރުގައި 5 ރުފިޔާގެ ނޫޓު މަދުވުމުން އާ ސްޓޮކެއް ގެނެސް، މާދަމާ ދައުރުކުރަން ފަށަނީ

ފަސް ރުފިޔާގެ އާ ނޫޓު -- ފޮޓޯ: އެމްއެމްއޭ

މިހާރު ދައުރުކުރަމުންދާ ފަސް ރުފިޔާގެ ނޫޓުތައް ބާވެ ހަލާކުވުމާ ގުޅިގެން ބާޒާރުގައި އެ ނޫޓު ވަރަށް ބޮޑަށް މަދުވެފައިވާތީ، ފަސް ރުފިޔާގެ އާ ސްޓޮކެއް ރާއްޖެ ގެނެސް މާދަމާއިން ފެށިގެން ދައުރުކުރުމަށް ނެރުމަށް ނިންމައިފިއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނީ، ރާއްޖޭގެ އިގްތިޞާދުގައި އުފެދޭ ނަގުދު ފައިސާގެ ޑިމާންޑާ އެއްވަރަށް ނޫޓު ފޯރުކޮށްދިނުމަށް ޓަކައި އެ އޮތޯރިޓީން އަބަދުވެސް ހާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި ފަސް ރުފިޔާގެ ނޫޓަކީ އާންމުންނާއި ވިޔަފާރިތަކަށް އެ އޮތޯރިޓީން ގިނަ އަދަދަކަށް ދޫކުރަމުންދާ ނޫޓެއް ކަމަށް ވެސް އެމްއެމްއޭއިން ފާހަގަކުރެއެވެ.

އެމްއެމްއޭއިން ބުނި ގޮތުގައި މި ނޫޓުގެ ސްޓޮކް މަދުވާން ދިމާވި މައިގަނޑު ސަބަބަކީ، މިއީ އާންމު ދިރިއުޅުމުގެ ބާޒާރުކުރުމުގައި އެންމެ ގިނައިން ބޭނުންކުރާ އެއް ނޫޓަށް ވެފައި، ބޭންކުތައް މެދުވެރިކޮށް އެމްއެމްއޭއަށް ފަސް ރުފިޔާގެ ނޫޓު އަނބުރާ ޖަމާކުރާ މިންވަރު ދަށްވުމެވެ.

މާދަމާ ބާޒާރަށް ނެރުމަށް ހަމަޖެހިފައިވާ އާ ނޫޓުތަކުގައި ޖަހާފައިވާ ތާރީޚަކީ 31 ޖުލައި 2025، 6 ޞަފަރު 1447 އެވެ. އަދި މި ނޫޓުތަކުގައި ސޮއިކުރައްވާފައިވަނީ އެމްއެމްއޭގެ ގަވަރުނަރު އަހްމަދު މުނައްވަރެވެ. މި އާ ނޫޓުގައި ދިވެހި ރުފިޔާގެ ރަސްމީ ނިޝާން ވެސް ވަނީ ހިމަނާފައެވެ.

އެމްއެމްއޭއިން ބުނި ގޮތުގައި މިއީ 2017 ވަނަ އަހަރު ރަންދިހަފަހެއް ނޫޓު ސީރީޒްގެ ދަށުން ފަސް ރުފިޔާގެ ނޫޓު އަލަށް ނެރުނު ފަހުން، އޭގެ އާ ސްޓޮކެއް ގެނައި ފުރަތަމަ ފަހަރެވެ.

މާދަމާއިން ފެށިގެން މި އާ ނޫޓުތައް އިގްތިޞާދުގެ ތެރެއަށް ދޫކުރަން ފެށި ނަމަވެސް، މިހާރު ދައުރުވަމުންދާ ފަސް ރުފިޔާގެ ނޫޓުތައް ވެސް ކުރިއެކޭ އެއްގޮތަށް ބޭނުންކުރެވެމުންދާނެ ކަމަށް އެމްއެމްއޭއިން މައުލޫމާތު ދެއެވެ.

comment ކޮމެންޓް