އެމްއެމްޕީއާރުސީން އައިޓީބީ ބާލިންގައި ރާއްޖޭގެ ފަތުރުވެރިކަމާ ގުޅޭޭ ސެމިނާއެއް ބާއްވައިފި

ފަތުރުވެރިކަމާ ބެހޭ ދާއިރާގެ ތަޖުރިބާކާރުންތަކެއް: އެމްއެމްޕީއާރުސީން އައިޓީބީ ބާލިންގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ކުރިމަގު ކިޔައިދީފި --- ފޮޓޯ/ އެމްއެމްޕީއާރުސީ

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ން "ދަ ނެކްސްޓް ޗެޕްޓާ އޮފް މޯލްޑިވްސް ޓޫރިޒަމް - ބާލިން އެޑިޝަން"ގެ ނަމުގައި އައިޓީބީ ބާލިން 2025ގައި ޚާއްސަ ސެމިނާއެއް ބާއްވައިފިއެވެ.

މި ސެމިނާގައި ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ތާރިގު އިބްރާހިމާއި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިއުރީއާއި މަޓާޓޯގެ ރައީސް އަދި އެމްއެމްޕީއާރުސީގެ ޗެއާޕާސަން އަބްދުﷲ ގިޔާސްގެ އިތުރުން ޗަމްޕާ ކްރައުން ގްރޫޕުގެ ޗެއާމަން ހުސައިން އަފީފް ވަނީ ސްޕީކަރުންގެ ގޮތުގައި ބައިވެރިވެ ވަޑައިގެންފައެވެ.

މި ސެމިނާ ހުށަހަޅުއްވައިދެއްވީ އެމްއެމްޕީއާރްސީގެ ސީއޯއޯ ސަބީހާ އަޙުމަދެވެ.

އެގޮތުން، އެމްއެމްޕީއާރުސީގެ ޗެއާމަން ގިޔާސް ދެއްކެވި ވާހަކަފުޅުގައި ވަނީ، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ޝައުގުވެރިކަން އިތުރުކުރުމަށް ގެންގުޅޭ ސިޔާސަތުތަކާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.

އެމްއެމްޕީއާރުސީން ބުނީ، މި ސެމިނާގައި ރާއްޖޭގެ ފަތުރުވެރިކަމުގެ އިންވެސްޓުމަންޓުތަކާއި ދާއިރާގެ ކުރިމަގާ ގުޅޭ މައުލޫމާތު ދީފައިވާ ކަމަށެވެ.

ސަބީހާ އަޙުމަދު ހުށަހަޅުއްވައިދެއްވި މި ސެމިނާގައި އިތުރު މާކެޓުތައް ހޯދުމަށާއި ބުކިން އިތުރުކުރުމަށާއި ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ގެންގުޅޭ ސިޔާސަތުތައް ދެމެހެއްޓުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކަށް ވަނީ އަލިއަޅުއްވާލައްވާފައެވެ.

އައިޓިބީ ސެމިނާގެ ތެރެއިން --- ފޮޓޯ/އެމްއެމްޕީއާރުސީ

އޭގެއިތުރުން، ޓްރެވަލް ޓްރޭޑް ދާއިރާގެ ތަޖުރިބާކާރުންނާއި ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންސީތަކާއި އެއާލައިންތަކާއި ހޮސްޕިޓާލިޓީ ޕާޓްނަރުންނާއި އިންޓަނޭޝަނަލް ޓްރެވަލް މީޑިއާ އަދި ބްލޮގަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ދެމެހެއްޓެނިވި އުސޫލުތަކަށް އަލިއަޅުވާލައި "ސޭވް ދަ ޑޭޓް" ދައުވަތެއް އެރުވި ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ. ސެމިނާގައި ބައިވެރިވި ނޫސްވެރިއަކަށް "ވޯލްޑް ލީޑިން ޑެސްޓިނޭޝަން" ގައި ޗުއްޓީއެއް ތަޖުރިބާކުރުމުގެ ފުރުސަތު ލިބޭ ލަކީ ޑްރޯއެއް ވަނީ ނަގާފައެވެ.

އެމްއެމްޕީއާރުސީން އައިޓީބީ ބާލިން 2025ގައި ބައިވެރިވަނީ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ 89 ކުންފުންޏެއްގެ 200 މަންދޫބުންގެ ވަފުދާއެކުއެވެ.

comment ކޮމެންޓް