ރޯދަމަހު ދުވާލު ސިނގިރޭޓު ބޯން އުޅެނިކޮށް ހައްޔަރުކުރުމުން ޕްލިސް ސްޓޭޝަނަށް ގެއްލުންދީފި

ޝަހީދު ހުސައިން އާދަމް ބިލްޑިން: މަގުމަތީ ސިނގިރޭޓެއް ރޯކުރަނިކޮށް، ހައްޔަރުކުރި މީހަކު ސްޓޭޝަނަށް ގެއްލުންދީފި -- ސަން ފޮޓޯ/ ނާޢިޝް ނާހިދު

ރޯދަމަހު ދުވާލުގެ ވަގުތެއްގައި މަގުމަތީ ސިނގިރޭޓެއް ރޯކުރަން އުޅެނިކޮށް ހައްޔަރުކުރުމުން ޕޮލިސް ސްޓޭޝަނަށް ގެއްލުންދިން މީހަކު 15 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ، ގދ. ވާދޫ ލިލީގެއަށް ނިސްބަތްވާ މުޙައްމަދު ޞަބާހެވެ (46އ)އެވެ.

މި ހާދިސާގައި ކަންހިނގާފައި ވާގޮތަށް ބަލާއިރު، މިދިޔަ ބުރާސްފަތި ދުވަހުގެ މެންދުރު 11:15 ހާއިރު ޞަބާހު މަގުމަތީ ހުރެ އޭނާގެ އަތުގައި އޮތް ސިނގިރޭޓެއް ރޯކުރަން މަސައްކަތް ކުރަނިކޮށް ފުލުހުންނަށް ފެނިގެން އެކަން ހުއްޓުވަން މަސައްކަތް ކުރިކަމަށް ކޯޓު އަމުރުގައި ވެއެވެ.

ކޯޓު އަމުރުގައި ވަނީ، މި އަމަލު އޭނާ ތަކުރާރުކޮށްފާނެތީ މާފަންނު ޕޮލިސް ސްޓޭޝަނަށް ގެނެސް ޕޮލިސް ހޯލްޑިން ރޫމުގައި އޭނާ ބަހައްޓައިފައި ހުރިކަމަށެވެ.

ހޯލްޑިން ރޫމުގައި ޞަބާހު ބަހައްޓާފައި ހުއްޓައި، އެތަނުގައި ހުރި ގޮނޑިއެއްގެ އިސްކުރު ނައްޓައިގެން އަތްގަނޑު ނެއްޓިއެވެ. އޭގެފަހުން، އަތްގަނޑުން ހޯލްޑިން ރޫމު ބޭރު ދޮރުގެ ތަޅުގައި ޖަހައި ތަޅަށް ގެއްލުން ދީފައިވާ ކަމަށް ފުލުހުންގެ ހާދިސާ ރިޕޯޓާ ހަވާލާދީ ކޯޓުން ބުނެފައިވެއެވެ.

މީނާގެ ބަންދުލޮގަށް ބަލާއިރު، ކުށުގެ ތުހުމަތުގައި 48ފަހަރެއްގެ މަތިން ހައްޔަރުކޮށްފައި ވެއެވެ. އޭގެ ތެރެއިން 25ފަހަރު ބަންދަށް ބަދަލުކޮށްފައި ވެއެވެ. އެހެންކަމުން އޭނާ އެއީ ކުށުގެ ވެށީގައި އުޅޭ މީހެއްކަން ކޯޓުން ފާހަގަކޮށްފައި ވެއެވެ.

ކޯޓު އަމުރުގައި ޞަބާހުގެ މައްޗަށް ތުހުމަތުކުރަނީ ސަރުކާރުގެ މުދަލަކަށް ގެއްލުން ދިން ކަމަށެވެ.

comment ކޮމެންޓް