ގިނަ ބައެއްގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ ހޮލީވުޑްގެ ބަތަލު، ރޮބާޓް ޕެޓިންސަން މިހާރު އެއްވެސް ވަރަކަށް ބިރުވެރި ފިލްމު ބަލައި ނޫޅޭ ކަމަށް އޭނާ ހާމަކޮށްފިއެވެ.
"ޓްވައިލައިޓް" އާއި "ހެރީޕޮޓާ" ފަދަ ބޮޑެތި ފްރެންޗައިޒްގައި މަސައްކަތް ކޮށްފައިވާ ޕެޓިންސަން ވަނީ ދާދިފަހުން އޭނާގެ އަމިއްލަ ދިރިއުޅުމާ ގުޅޭގޮތުން އާންމުންނާ މައުލޫމާތު ހިއްސާކޮށްފައެވެ.
އޭނާ ލީޑުން ފެންނަ އާ ފިލްމު "މިކީ 17"ގެ ޕްރޮމޯޝަންގެ ދަށުން ޖީކިއުއަށް ދިން އިންޓަވިއުއެއްގައި ވާހަކަ ދައްކަމުން ޕެޓިންސަން ބުނެފައިވަނީ މިހާރު އޭނާއަކީ އެއްވެސް ވަރަކަށް ބިރުވެރި ފިލްމު ބަލައި އުޅޭ މީހެއް ނޫން ކަމަށެވެ. މީގެ ކުރިން ބިރުވެރި ފިލްމުތަކަށް ވަރަށް ލޯބި ކުރި ނަމަވެސް މިހާރު އެފަދަ ފިލްމު ބަލަން ނުކެރޭ ކަމަށް އޭނާ ބުންޏެވެ. ޕެޓިންސަން ބުނީ، މިހާރު ބިރުވެރި ފިލްމު ބަލަން މާ ބޮޑަށްވެސް ބިރުގަންނަނީ ކަމަށެވެ.
އާންމުކޮށް ގޭގައި އެކަނި އުޅޭތީ އަބަދުވެސް އެންމެ ބޮޑަށް އޮންނަ ބިރަކީ ބަޔަކު ގެއަށް ވަދެދާނެ ކަމުގެ ބިރު ކަމަށްވެސް އޭނާ ބުންޏެވެ.
"އަސްލު ބިރު ގަންނަނީ، ބޭރުން އެކި އަޑުތައް އިވޭތީ. ދެން ހީވަނީ ބަޔަކު އުޅެނީ އޭ ބޭރުގައި. އެހެންވެ އަބަދު ހުންނަނީ ބިރުގަނެފައި. އެވަރުން ކިހިނެއް ބިރުވެރި ފިލްމެއް އަދި ބަލަނީ،" އޭނާ ބުންޏެވެ.
މިހާރު އާންމުކޮށް ބަލައި އުޅެނީ ކޮމެޑީ ނޫނީ ލޯބީގެ ފިލްމުތައް ކަމަށް އޭނާ ފާހަގަކޮށްފައިވެއެވެ. އޭގެ އިތުރުން ދޭތެރެއަކުން ޑޮކިއުމެންޓްރީވެސް ބަލައިއުޅޭ ކަމަށްވެސް އޭނާ ފާހަގަކޮށްފައިވެއެވެ.
ޕެޓިންސަން އެންމެ އަވަހަށް ފެންނަ މިކީ 17 ވަނީ މިދިޔަ ހަފުތާގައި ދައްކަން ފަށާފައެވެ. ނަމަވެސް ފިލްމުގެ ރިވިއުތައް އަދި އާންމުކޮށްފައެއް ނުވެއެވެ. މިއީ އޮސްކާ އެވޯޑު ހޯދި ފިލްމު "ޕެރަސައިޓް"ގެ ޑައިރެކްޓަރު ބޮންގް ޖޫންހޯގެ ފިލްމެކެވެ.