ޕީކީ ބްލައިންޑާސް ފިލްމަކަށް، ނެރޭނީ ސިނަމާތަކަށް

މަޝްހޫރު އިނގިރޭސި އެކްޓަރު ކިލިއަން މާފީ ގޭންގްސްޓާރެއްގެ ރޯލުން ފެނުނު މަގުބޫލު ޝޯ "ޕީކީ ބްލައިންޑާސް"ގެ ފިލްމެއް އުފައްދައި ސިނަމާއަށް ނެރުމަށް ތައްޔާރުވެއްޖެއެވެ.

ބީބީސީ ނެޓްވޯކާ ގުޅިގެން ސްޓީވެން ނައިޓްގެ ބެލުމުގެ ދަށުން 2013-2022 އަށް ގެނެސްދިން މި ޝޯއަކީ ހަ ސީޒަނަކަށް ޖުމްލަ 36 އެޕިސޯޑާ އެކީ ގެނެސްދިން ޝޯއެކެވެ. މި ޝޯއަށް ބިނާކޮށް ހަދާ ފިލްމު ނެޓްފްލިކްސްއާ ގުޅިގެން ހަދަން ނިންމާފައިވާ އިރު، ޑައިރެކްޓަރަކީ 2023 ވަނަ އަހަރު ނެރުނު ސްޕައި އެކްޝަން ތުރިލާ "ހާޓް އޮފް ސްޓޯން" ގެނެސްދިން ޓޮމް ހާޕާ އެވެ.

އޭނާ އަކީ ޕީކީ ބްލައިންޑާސްއަށް އާ މީހެއް ނޫނެވެ. އެގޮތުން ހާޕާވަނީ މީގެކުރީން ޕީކީ ބްލައިންޑާސްގެ ބައެއް އެޕިސޯޑުތައް ޑައިރެކްޓްކޮށްފައެވެ.

ހާޕާ ބުނީ ސިލިއަން ކުޅުނު ތޯމަސް (ޓޮމީ) ޝެލްބީގެ ކެރެކްޓާ އަލުން އޭނައާއެކީ ގެނެސް ދިނުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި ބެލުންތެރިން ވަރަށް ގަޔާވާ ކަހަލަ ފިލްމެއް ގެނެސްދޭނެ ކަމަށެވެ.

ހާޕާ ބުނިގޮތުގައި މި ޝޯ އަކީ އެހާ މަގުބޫލު ޝޯއަކަށް ވާނެ އެއްޗެއް ކަމަކަށް އޭނާ ހިތަކަށް ނާރައެވެ. އަދި އެއާ ގުޅިގެން ވާހަކަ އިތުރަށް ކިޔައިދިނުމަށް ފިލްމެއް ނެރުމަށް ފުރުސަތު ލިބޭތީ ވަރަށް ހިތްހަމަޖެހިފައި ހުރި ކަމަށް އޭނާ ބުނެއެވެ.

ނެޓްފްލިކްސްއާ ގުޅިގެން މި ފިލްމުގެ މަސައްކަތް ކުރަމުން އައި ނަމަވެސް މި ފިލްމު ސިނަމާތަކަށް ރިލީޒްކުރުމަށް ވަނީ ނިންމާފައެވެ. އެއާއެކު އެންމެ ފުރަތަމަ މި ފިލްމު ސިނަމާތަކުން ބަލާލަން ލިބޭނެއެވެ. ނަމަވެސް ފިލްމު ރިލީޒްކުރާނެ ސީދާ ދުވަހެއް މިހާތަނަށް ނެޓްފްލިކްސްއިން ހާމަކޮށްފައެއް ނުވެއެވެ. ރިޕޯޓުތަކުގައިވާ ގޮތުން މި އަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރު މި ފިލްމު އާންމުންނަށް ބަލާލަން ލިބޭނެއެވެ.

comment ކޮމެންޓް