އެވެޓާ ތިނެއް، ކުރީގެ ދެ ފިލްމަށްވުރެ ދިގުވާނެ

ޖޭމްސް ކެމެރަންގެ އެންމެ މަގުބޫލު ފްރެންޗައިޒް "އެވެޓާ"ގެ ތިންވަނަ ބަޔަކީ މިހާތަނަށް ފްރެންޗައިޒްގައި ނެރޭ އެންމެ ދިގު ފިލްމަށް ވާނެ ކަމަށް އޭނާ ހާމަކޮށްފިއެވެ.

ދެހާސް ނުވައެއްގައި ރިލީޒްކުރި "އެވެޓާ"ގެ ތިން ބައެއް ގެނެސް ދޭން ނިންމާފައިވާއިރު، ދެވަނަ ފިލްމެއް ނެރެފައިވަނީ ފުރަތަމަ ފިލްމު ނެރުނުތާ 13 އަހަރު ފަހުން 2022 ވަނަ އަހަރެވެ.

ގިނަ ބައެއްގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ މި ފްރެންޗައިޒްގެ ކޮންމެ ފިލްމަކީ ވެސް ހޮލީވުޑްގެ ގިނަ ފިލްމުތަކަށް ވުރެ ދިގު ފިލްމުތަކެވެ. އެގޮތުން ފުރަތަމަ އެވެޓާ ފިލްމަކީ ދެ ގަޑިއިރާއި 44 މިނެޓުގެ ފިލްމެކެވެ. އަދި އެންމެ ފަހުން ނެރުނު ފިލްމަކީ ތިންގަޑިއިރާއި 14 މިނެޓުގެ ފިލްމެކެވެ.

ކެމެރަން ދާދިފަހުން ހާމަކޮށްފައިވާ ގޮތުގައި އަލަށް ނެރޭ ފިލްމަކީ ކުރީގެ ދެ ފިލްމަށް ވުރެ ވެސް ދިގު ވާނެ ފިލްމެކެވެ. އެއީ އަލަށް ނެރޭ ފިލްމަށް ވަރަށް ގިނަ ހިޔާލުތައް ހުރުމުން ކަމަށާއި އެ ހުރިހާ ހިޔާލެއްވެސް ހިމެނޭތޯ މަސައްކަތް ކުރީ ކަމަށް އޭނާ ފާހަގަ ކުރިއެވެ. ނަމަވެސް ފިލްމު ދިގުވާނެ ސީދާ މުއްދަތެއް އޭނާ ހާމަކޮށްފައެއް ނުވެއެވެ.

ރިޕޯޓުތަކުގައިވާ ގޮތުން އަލަށް ނެރޭ ފިލްމުގެ ދިގުމިން ގާތްގަނޑަކަށް ހަތަރު ގަޑިއިރާ ގާތް ކުރާނެއެވެ. އެގޮތުން އަލަށް ނެރޭ ފިލްމުގެ ދިގުމިން ތިން ގަޑިއިރާއި 30 މިނެޓް ނުވަތަ 40 މިނެޓުގައި ހުންނާނެއެވެ.

އެވެޓާގެ ތިންވަނަ ބައި "ފަޔާ އެންޑް އޭޝް" މިއަހަރުގެ ޑިސެލްބަރު 25 ގައި ޕްރިމިއާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެވެޓާއަށް އޮތް މަގުބޫލުކަން 2022 ވަނަ އަހަރު ފެނިފައިވާއިރު، އެ ފިލްމުވީ މުޅި ބޮކްސް އޮފީހުގެ ތާރީޚުގައި ވެސް ތިންވަނައަށް އެންމެ ބޮޑު އާމްދަނީ ހޯދި ފިލްމަށެވެ. އެގޮތުން އެ ފިލްމަށް 2.3 ބިލިއަން ޑޮލަރު ލިބުނުއިރު ފުރަތަމަ ފިލްމުގެ އާމްދަނީ އެކަނި ވެސް ތިން ބިލިއަން ޑޮލަރާ ގާތް ކުރެއެވެ.

އެވެޓާ ފްރެންޗައިޒްގައި ޖުމްލަ ފަސް ފިލްމެއް ނެރުމަށް ވަނީ ހަމަޖެހިފައެވެ. ޑިލޭތަކަކަށް ފަހު ފިލްމުތައް ރިލީޒްކުރުމަށް މިހާރު ތާވަލުކޮށްފައިވަނީ ހަތަރުވަނަ ފިލްމު 2029 ގައެވެ. އަދި، ފްރެންޗައިޒްގެ އެންމެ ފަހު ފިލްމު ނެރޭނީ 2031 ގައެވެ.

comment ކޮމެންޓް