އެންމެ އަގުބޮޑު ފިލްމު ބޮޑު ފްލޮޕަކާ ދިމާލަށް

ނެޓްފްލިކްސްއިން މިހާތަނަށް އުފައްދާ އެންމެ އަގުބޮޑު ފިލްމު ކަމަށްވާ "ދި އިލެކްޓްރިކް ސްޓޭޓް"ގެ ފުރަތަމަ ރިވިއުތައް އާންމުކުރަން ފަށައިފިއެވެ.

ނެޓްފްލިކްސް އިން މިހާރު އާންމުންނަށް ރިލީޒް ކުރުމަށް ތައްޔާރުވަމުން އަންނަ މި ފިލްމަކީ މިހާތަނަށް ނެރޭ އެންމެ އަގުބޮޑު އެއް ފިލްމެވެ. މި ފިލްމުގެ ބަޖެޓު 340 މިލިއަން ޑޮލަރަށް އަރައެވެ.

އިލެކްޓްރިކް ސްޓޭޓްގެ ރިވިއުތައް މިހާރު އަންނަނީ އާންމުވަމުންނެވެ. އެގޮތުން ފިލްމުގެ ރިވިއުތައް އެންމެ ފުރަތަމަ އާންމުކޮށްފައިވަނީ ރޮޓެން ޓޮމާޓޮސް އިންނެވެ. ރޮޓެން ޓޮމާޓޯސްގައި މި ފިލްމު މިވަގުތު އިނީ 10 ޕަސެންޓުގައެވެ. މިއީ 10 ކްރިޓީކުންގެ ރިވިއުއާއެކު ލިބިފައިވާ އަދަދެކެވެ. އެއާއެކު މިއީ ކްރިޓީކުންގެ މެދުގައި ބޮޑު ފްލޮޕަކަށް ވާނެ ފިލްމެއް ކަމުގެ އިޝާރާތް މިއޮތީ ކޮށްފައެވެ.

މިހާ ދަށްކޮށް ފިލްމަށް ރިވިއު ލިބިއްޖެ ނަމަ އާންމު ބެލުންތެރިންގެ ތެރޭގައި ވެސް އުޅޭނީ ދަށް ރިވިއުތަކެކެވެ. އެހެން ނަމަވެސް އާމްދަނީގެ ގޮތުން ފިލްމަކީ ކާމިޔާބު ފިލްމަކަށް ވެސް ވުން އެކަށީގެންވެއެވެ.

މި ފިލްމުގެ ޕްރޮޑަކްޝަނުގައި ހިމެނެނީ މާވެލްގެ ތަފާތު ހިޓު ފިލްމުތައް އުފައްދާފައިވާ ރުސޯ ދެބެންނެވެ. މިއީ މިވަގުތު މި ދެބެންގެ އެންމެ ދަށުން ރޭޓިން ލިބިފައިވާ ފިލްމެވެ.

މި ފިލްމުގެ ބަޖެޓު އެހާ ބޮޑުއިރު ކާސްޓުންގެ ތެރޭގައި ވެސް ގިނަ އަދަދަކަށް އޭލިސްޓު ތަރީން ހިމެނެއެވެ. އެގޮތުން ލީޑް އެކްޓަރުގެ ގޮތުގައި ހިމެނެނީ އެންމެ އަގުބޮޑު ޒުވާން އެކްޓަރު މިލީ ބޮބީ ބްރައުން އެވެ.

އޭގެ އިތުރުން ފިލްމުން ފެންނާނީ ކްރިސް ޕްރެޓް އާއި ކޭ ހުއައި ކުއާން އާއި މިޝެލް ޔޯ އާއި އެންތަނީ މެކީގެ އިތުރުން ޖިއަންކާލޯ އެސްޕަސީތޯ އަދި ސްޓެންލީ ޓުޗީ އެވެ.

މި ފިލްމު އަންނަ ހަފުތާގެ ހުކުރު ދުވަހު ޕްރިމިއާ ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެންމެ ފުރަތަމަ އެމެރިކާގައި ފިލްމު ރިލީޒް ކުރާއިރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެއަށްފަހު ދައްކަން ފެށުމަށް ވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް