އާއްމު މަސް މަހު ދުވާލަކު ދެ ތިން ތަށި ކޮފީ ބޯން އާދަވެފައިވާ މީހުންނަށް ރޯދަ މަހު ކުއްލިއަކަށް ކޮފީއާ ދުރަށް ދާން ޖެހުމަކީ ފަސޭހަ ކަމަކަށް ނުވެދާނެއެވެ.
ރޯދަ މަހަކީ ކެއިން ބުއިމަށް ބޮޑު ބަދަލެއް އަންނަ މަހަކަށް ވުމުން މި މަހު ހަށިގަނޑަށް ކެފެއިން ބޭނުންވާ މިންވަރު ދެނެގަނެ ކޮފީ ބޯން އެންމެ ރަނގަޅު ވަގުތުތަކީ ކޮބައިކަން ފަހަރުގައި ނޭނގިދާނެއެވެ.
ރޯދަ މަހަކީ ސިއްހަތު ސަލާމަތުން ބެހެއްޓުމަށްޓަކައި ކެއުމުގައި ވަކި މިންގަނޑުތަކެއް ގެންގުޅެ ކެއުމަށް ޚާއްސަ ސަމާލުކަމެއްދޭ މަހެކެވެ. ކޮފީ ބުއިމަށް އާދަވެފައިވާ މީހަކު ނަމަ ރޯދަ މަހު ކޮފީ ބޮވޭ ވަގުތާ މެދު ޚާއްސަ ސަމާލުކަމެއް ނުދެވިއްޖެނަމަ އޭގެ ސަބަބުން ގޭސްޓްރިކް މައްސަލަ ދިމާވެ ބައެއް ފަހަރު މީހާ ޑީހައިޑްރޭޓްވުމަށް މަގުފަހިވެއެވެ.
އިންޑޮނޭޝިއާއަށް ނިސްބަތްވާ ނިއުޓްރިޝަނިސްޓް ޑރ.ރީތާ ރަމަޔުލިސް އިރުޝާދުދޭ ގޮތުގައި ކޮފީ ބޯހިތްވާ މީހުން ރޯދަ މަހު ކޮފީ ބޯން އެންމެ ރަނގަޅު ވަގުތަކީ ހާރު ކެއުމުގެ ދެ ތިން ގަޑިއިރު ކުރިއެވެ.

ރޯދަ މަހު ކޮފީ ބޯން ބޭނުންވާ ނަމަ ވަކި ވަގުތުތަކެއްގައި ކޮފީ ބުއިމަށް އާދަކުރުމަކީ ސިއްހީގޮތުން ދިމާވާނެ ކުދިކުދި ކަންކަމުން ދުރުކޮށްދޭނެ ކަމެއް--ފޮޓޯ/ބީބީސީ
ރޯދަވީއްލުމަށްފަހު ވެސް ކެފެއިންގެ މާއްދާތަކަށް ހަށިގަނޑު ތައްޔާރުވުމަށް މަދުވެގެން ދެ ގަޑިއިރު ނަގާނެ ކަމަށާއި އެހެންކަމުން ރޯދަވީއްލުމަށް ފަހު ވެސް ކޮފީ ބޯން އެންމެ ރަނގަޅީ ދެ ތިން ގަޑިއިރު ފަހުން ކަމަށް ޑރ.ރީތާ ވަނީ ފާހަގަކޮށްފައެވެ.
ކޮފީ ނުވަތަ ކެފެއިންގެ މާއްދާ އެކުލެވޭ ބުއިންތަކުން ބައެއް މީހުންނަށް ނިދަން އުނދަގޫވާނަމަ ރޭގަނޑުގެ ކެއުމަށްފަހު ކޮފީ ބުއިމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް ޑރ.ރީތާ ވަނީ އިރުޝާދުދީފައެވެ.
އޭގެ ސަބަބުން މީހާގެ ގުދުރަތީ ސްލީޕް ޕެޓާންއަށް ނޭދެވޭ އަސަރު ކުރުމުގެ އިތުރުން ރޭގަނޑުގެ ގިނަ ވަގުތު ހޭލާ ހުރުމުގެ ސަބަބުން ބޮލުގައި ރިހުން ފަދަ މައްސަލަތައް ދިމާވުމުގެ ފުރުސަތު އޮންނަ ކަމަށް ޑރ.ރީތާ ވަނީ ފާހަގަކޮށްފައެވެ.
އޭނާ ބުނި ގޮތުގައި، ކޮފީ ބޯ ހިތްވެއްޖެނަމަ 50-200 މިލިގްރާމްގް ކެފެއިން ބޭނުން ކުރުމަކީ އެންމެ ރަނގަޅު ގޮތެވެ. އޭގެ ސަބަބުން ހަށިގަނޑަށް މާބޮޑު ނޭދެވޭ އަސަރުތަކެއް ނުކުރާނެ ކަމަށް އިންޑޮނީޝިއާގެ މަގުބޫލު ނިއުޓްރީޝަނިސްޓް ވަނީ ފާހަގަކޮށްފައެވެ.