ދެކުނު ކޮރެއާގެ ލަވައާއި ފިލްމުތައް ރާއްޖޭގައި މަޝްހޫރުވެ، އެ ގައުމުގެ ކެއުމާއި ސަގާފަތާ ގުޅޭ ކަންކަން ވެސް ދިވެހި ޒުވާނުން ދަންނަ މިންވަރު ވަނީ އިތުރުވެފައެވެ. އެ ގައުމުގެ ފިލްމުތަކާއި ސީރީސްތައް ބަލާ މީހުންނަށް މި ވެޖިޓެބުލް ޕޭންކޭކްސް ހުންނާނީ ފެނިފައެވެ. އެހެންކަމުން މިފަހަރު މި ގެނެސްދެނީ ކޮރެއަން ސްޓައިލްގެ، ވެޖިޓެބުލް ޕޭންކޭކްސް ތައްޔާރުކުރާނެ ގޮތެވެ.
ބޭނުންވާނެ ތަކެތި
- 125 ގުރާމް ފުށް
- 125 މިލިލީޓަރުގެ ފެން
- 200 ގުރާމް ފްރޯޒެން ސްޕިނެޗް (ގަނޑުކަން ފިލުވުމަށްފަހު)
- 1 ރެޑް ބެލްޕެޕާ (އޮށްތައް ނަގައި، ދިގަށް ކޮށައިފައި)
- 1 ކެރެޓު (ދިގަށް ކޮށާފައި)
- 6 ސްޕްރިންގް އަނިއަން (ކޮށާފައި)
- 1 މިރުސް (ކުދިކޮށް ކޮށާފައި)
- 1 ތޮޅި މިރުސް
- ދެ މޭޒުމަތީ ސަމުސާ އޮލިވްއޮއިލް
- ލޮނު
ތައްޔާރުކުރާނެ ގޮތް
ފުރަތަމަ، ބޯތައްޓަކަށް ފުށާއި ލޮނުކޮޅެއް އަޅައި، ފެނާ އެއްކޮށްލާށެވެ.
ސްޕިނެޗްގައި ފެން ހުރިނަމަ، ޕޭޕާ ޓަވަލްތަކެއްގެ ތެރެއަށް އަޅައި، ފެން ފެލައިލާށެވެ. އެއަށްފަހު ބާކީހުރި ތަރުކާރީގެ ބާވަތްތަކާއެކު، ފުށާއި ފެނުގެ ތެރެއަށް އަޅައި އެއްކޮށްލާށެވެ.
ދެން، ތަވައަކަށް ތެޔޮ ފޮދެއް އަޅައި ހޫނުކުރާށެވެ. އަދި ބޭނުންވާ ސައިޒެއްގެ ޕޭންކޭކަކަށްވާ ވަރަށް ތަރުކާރީއާއި ފުށުގެ މިކްސް އަޅައި ފިހެލާނީއެވެ. ޕޭންކޭކްގެ ދެ ފަރާތް ފިހެން 6-8 މިނިޓު ނަގައިފާނެއެވެ.
މި ޕޭންކޭކްސް ސޯއިސޯސް ނުވަތަ ޗިލީ ސޯސް ފަދަ ސޯސްއަކާ ކާލަން މީރުވާނެއެވެ.