ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރަށް އަންނަ އާދިއްތަ ދުވަހު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހާޒިރުވާން އަންގައިފިއެވެ.
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު މިހާރު ހުންނެވީ ޖޭއެސްސީން ސަސްޕެންޑުކޮށްގެން ސަސްޕެންޝަނުގައެވެ. އެއީ ފަނޑިޔާރު ޑރ. މަހާޒު އަލީ ޒާހިރާއި، އަޒްމިރަލްދާއެވެ.
ފަނޑިޔާރުކަމުގައި ހުންނަވަނިކޮށް ހުސްނުއްސުއޫދު ވެސް ސަަސްޕެންޑުކޮށްފައިވެއެވެ. ނަމަވެސް މިހާރު އޭނާ ވަނީ އިސްތިއުފާ ދެއްވައިފައެވެ.
ޖޭއެސްސީން ކުރިން ބުނި ގޮތުގައި އެ ތިން ފަނޑިޔާރުން ސަސްޕެންޑުކުރީ އޭސީސީން ބަލަމުން އަންނަ ޖިނާއީ މައްސަލަތަކެއްގެ ތުހުމަތުކުރެވި ތަހުގީގެއް ކުރިއަށްދާތީއެވެ.
އެއާއެކު "ސަން"އަށް މައުލޫމާތު ދެއްވަމުން އަޒްމިރަލްދާގެ ގާނޫނީ ވަކީލުން މިރޭ ވިދާޅުވީ އަންނަ އާދިއްތަ ދުވަހު އެ މައްސަލައިގައި އަޒްމިރަލްދާއަށް ޖޭއެސްސީއަށް ހާޒިރުވާން އަންގައިފައިވާ ކަމަށެވެ. އޭނާ އަށް ހާޒިރުވާން އެންގީ ހެނދުނު 11:00 އަށެވެ.ސޯޝަލް މީޑިއާގައިވަނީ، އަޒްމިރަލްދާ ސަސްޕެންޑުކުރީ އޭނާގެ ފިރިމީހާ ޑރ. އިސްމާއީލް ލަތީފް މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ހައްޔަރުކުރުމުން، އޭނާ ދޫކޮށްލުމަށް އެދި ކްރިމިނަލް ކޯޓަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރުމުން ކަމަށް ބުނާ ވާހަކަތަކެއް ފެންމަތިވެފައެވެ.
އެ ތުހުމަތުތަކާ ގުޅިގެން ޑރ. އިސްމާއީލް ލަތީފް އެކްސްގައި ކުރި ޕޯސްޓެއްގައިވަނީ މަސާޖު ކުރާ ތަނެއްގައި، އެ ޚިދުމަތް ހޯދަން ހުއްޓާ ފުލުހުން ވަދެ އެ ތަނުގައި ތިބި އެންމެން ހައްޔަރުކުރިއިރު އޭނާ ވެސް ހައްޔަރުކުރި ކަމަށް ވިދާޅުވެފައެވެ.
ނަމަވެސް އޭނާ އެއްވެސް ކުށެއް ކުރިކަން ނުދެކޭ ކަމަށް ކްރިމިނަލް ކޯޓުގައި ފުލުހުން ބުނި ކަމަށާއި ފަނޑިޔާރު އަޒްމިރަލްދާ އެ މައްސަލައަށް އެއްވެސް ނުފޫޒެއް ފޯރުވަން މަސައްކަތް ނުކުރައްވާ ކަމަށް ވިދާޅުވެފައެވެ.
އަޒްމިރަލްދާގެ ގާނޫނީ ޓީމުން އިއްޔެ ނެރުނު ބަޔާނުގައިވަނީ، ޑރ. އިސްމާއީލްގެ ބަންދުން ދޫކުރުވުމަށް އޭނާ އެއްވެސް ފަނޑިޔާރަކަށް ގުޅައި އެއްވެސް ބާވަތެއްގެ ނުފޫޒެއް ފޯރުވައިފައި ނުވާނެ ކަމަށެވެ.
ނަމަވެސް އެ މައްސަލައާ ގުޅުވައި އަޒްމިރަލްދާއަށް ނުފޫޒު ފޯރުވުމަށް ދައުލަތުގެ އިސް މަގާމުތަކެއްގައި ތިބި ފަރާތްތަކަކުން މުއައްސަސާތައް ބޭނުންކޮށްގެން މަސައްކަތްކޮށްފައިވާ ކަމަށް ގާނޫނީ ޓީމުން ތުހުމަތުކޮށްފައިވެއެވެ.