އަންނަ ހޯމަ ދުވަހުގެ ނިޔަލަށް މާލޭގައި މަސްދަޅު ކޭސް ބަހައި ނިންމަނީ

ރޯދަ ހަދިޔާގެ ގޮތުގައި ބަހާ މަސްދަޅު ކޭސްތައް ބަހަނީ: އަންނަ ހޯމަ ދުވަހުގެ ނިޔަލަށް މަސްދަޅު ކޭސް ބަހައި ނިންމަނީ --

ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ބަހާ މަސްދަޅު ކޭސް އަންނަ ހަފުތާގެ ހޯމަ ދުވަހުގެ ނިޔަލަށް މާލެ ސަރަހައްދުގައި ބަހައި ނިންމުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ލޯކަލް ގަވަނެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ރޭ ވިދާޅުވެއްޖެއެވެ.

ރޯދަ މަހު މަސްދަޅު ކޭސް ބެހުން ކުރިޔަށް ގެންދަނީ ރޭގަނޑުގެ ވަގުތުތަކުގައެވެ.

މަސްދަޅު ކޭސް ބަހަން ފެށުމާއެކު ގިނަ އިރުވަންދެން ސަފުގައި ތިބެން ޖެހުމުން، މަސްދަޅު ކޭސް ބެހުމުގެ ކަންކަން ދޯދިޔާ ކަމަށް ބުނެ ގިނަ ބަޔަކު ޝަކުވާ ކުރަން ފެށުމުން، އޮންލައިންކޮށް ޓޯކަން ނަގައިގެން މަސްދަޅު ކޭސް ބަލައި އަންނަންޖެހޭ ގޮތަށް ސަރުކާރުންވަނީ ހަމަޖައްސައިފައެވެ.

'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު އާދަމް ޝަރީފް ރޭ ވިދާޅުވީ އަމާޒަކީ އަންނަ ހޯމަ ދުވަހުގެ ނިޔަލަށް މާލޭގައި ރޯދަ ހަދިޔާ ބަހައި ނިންމުން ކަމަށެވެ. އަދި މިއަދު ގއ. އަދި ގދ. އަތޮޅުގެ ހުރިހާ ރަށަކަށް ރޯދަ ހަދިޔާ ފޯރުކޮށްދެވޭނެ ކަމަށް ވިދާޅުވިއެވެ. އަދި އޭރުން މުޅި ރާއްޖެއަށް މަސްދަޅު ފޯރުކޮށްދެވުނީ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިހާރު މަސްދަޅު ކޭސް ބަހަނީ ކޮންމެ ރެއެއްގެ 21:30 އިން ފެށިގެން 23:30 އާ ހަމައަށެވެ.

މާލެ ސަރަހައްދުގައި މަސް ދަޅު ބަހަނީ -- ސަން ފޮޓޯ: މޫސާ ނަދީމް

އެގޮތުން މާލޭގައި އެމްޓީސީސީ ސޯމިލްގައާއި، ހެންވޭރު ދަނޑުގައާއި، ގަލޮޅު ދަނޑުގައާއި، މާފަންނު މިފްކޯ ކޮމްޕްލެކްސްގެ އިތުރުން ސޯޝަލް ސެންޓަރުގައި މަސްދަޅު ބެހުން ކުރިއަށްދާނެއެވެ. އަދި ހުޅުމާލެ ފޭސް އެކަކުން އުމަރު ޒާހިރު ބިލްޑިންގައާއި، ޕޮލްކޯ ޓަވަރު (ސީ ބްލޮކް) އިން މަސްދަޅު ކޭސް ދޫކުރާނެއެވެ. ހުޅުމާލެ ފޭސް ދެއަކުން މަސްދަޅު ކޭސް ދޫކުރާނީ ހިޔާ ޓަވަރު 10 އަދި ކާމިލް ދީދީ ޕްރީ ސްކޫލުންނެވެ. މީގެ އިތުރުން ވިލިމާލޭގައި މަސްދަޅު ކޭސް ބަހާނީ ވިލިމާލެ ވެމްކޯ ސައިޓުގައެވެ.

ދިވެހި ކޮންމެ ރައްޔިތަކަށް ރޯދަ ހަދިޔާއެއްގެ ގޮތުގައި މަސްދަޅު ކޭސް ދެއްވުމަށް ރައީސް ނިންމެވީ ސަރުކާރަށް އަހަރެއް ފުރުން ފާހަގަކުރުމަށް މިދިޔަ އަހަރުގެ ނޮވެންބަރު މަހު ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މިދިޔަ ރަމަޟާންމަހު ސަރުކާރުން ވަނީ ކަރަންޓާއި ފެން ބިލުތަކުން ރައްޔިތުންނަށް ޑިސްކައުންޓެއް ދީފައެވެ. އަދި 82،000 ގޭބިސީއަކަށް 1.6 މިލިއަން ކިލޯގެ ކާޑުގެ ބާވަތްތައް ވެސް ސަރުކާރުން މިދިޔަ ރޯދަމަހާ ދިމާކޮށް ވަނީ ހިލޭ ފޯރުކޮށްދީފައެވެ.

މިއަހަރުވެސް ކަރަންޓު ބިލުން ޑިސްކައުންޓް ދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް