އިސްތިއުފާ ދެއްވާފައިވާތީ އިއްޔެއިން ފެށިގެން ހުސްނުއްސުއޫދު މަގާމުން ވަކިވެއްޖެ: ޖޭއެސްސީ

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު: އިސްތިއުފާ ދެއްވާފައި ވާތީ އިއްޔެއިން ފެށިގެން ފަނޑިޔާރު ހުސްނުއްސުއޫދު މަގާމުން ވަކިވެފައި ވާކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން މިއަދު ބުނެފި--- ފޮޓޯ/ ރައީސް އޮފީސް

އިސްތިއުފާ ދެއްވާފައި ވާތީ އިއްޔެއިން ފެށިގެން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު އެމަގާމުން ވަކިވެފައި ވާކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން މިއަދު ބުނެފިއެވެ.

އެ ކޮމިޝަނުން މިކަން ހާމަކޮށްފައި ވަނީ މިކަމާ ގުޅިގެން މިއަދު ނެރެފައިވާ ބަޔާނެއްގައެވެ.

އެ ބަޔާނުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގައި ހުންނެވި ސ.މީދޫ ހަސަންކާރިގެ، ހުސްނުއްސުއޫދު ފަނޑިޔާރުކަމުގެ މަޤާމުން އިއްޔެ އިސްތިއުފާ ދެއްވާފައި ވާކަމަށް ވަނީ ބުނެފައެވެ. އަދި އިއްޔެއިން ފެށިގެން ހުސްނުއްސުއޫދު ފަނޑިޔާރުކަމުގެ މަޤާމުން ވަކިވެފައިވާކަމަށް ވަނީ ބުނެފައެވެ.

https://sun.mv/203289

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު މަގާމުން އިސްތިއުފާ ދެއްވުމަށް ފުރަތަމަ ސިޓީ ފޮނުއްވީ ރައީސް ޑރ. މުޙައްމަދު މުއިއްޒަށެވެ. ނަމަވެސް، އެ ސިޓީ ބަލައިނުގަންނަން ނިންމާފައި ވާކަމަށް ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައި ވަނިކޮށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ވެސް ހުސްނުއްސުއޫދު ވަނީ އިސްތިއުފާގެ ސިޓީ ފޮނުއްވާފައެވެ.

ހުސްނުއްސުއޫދުގެ އިސްތިއުފާގެ ސިޓީގައި ވަނީ މަޖިލިސް މެންބަރުން ޕާޓީން ވަކިކުރުމުން ނުވަތަ އަމިއްލައަށް ވަކިވުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު ބާތިލުކުރުމަށް އެދި ހުށަހަޅައިފައިވާ މައްސަލަ ބެލޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމުމާއެކު އެ މައްސަލަ ބެލުން ހުއްޓުވުމުގެ ގޮތުން އެތައް ނުފޫޒެއް ސަރުކާރުން ފޯރުވަމުން އަންނަ ކަމަށެވެ.

އަދި ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑުކުރީ ވެސް އެ މައްސަލަ ހުއްޓުވުމުގެ ގޮތުން ކަމަށް ހުސްނުއްސުއޫދު އިސްތިއުފާގެ ސިޓީގައި ލިޔުއްވައިފައިވެއެވެ.

https://sun.mv/203345

މީގެ އިތުރުން އެ ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން ބިލެއް ފާސްކޮށް، ރައީސް މުއިއްޒު އެދިވަޑައިގަންނަވާ ގޮތަށް ގޮނޑި ގެެއްލޭ މައްސަލަ ނިންމަން ކޯޓުގެ ހުރިހާ ފަނޑިޔާރުންނަށް ބިރު ދައްކަވަމުން ގެންދަވާކަމަށް ވަނީ ސިޓީގައި ބަޔާންކޮށްފައެވެ.

އިސްތިއުފާ ދެއްވުމާއެކު ޕީއެންސީން މިއަދު ވަނީ ހުސްނުއްސުއޫދަށް ފާޑު ވިދާޅުވެ ބަޔާނެއް ނެރެފައެވެ.

އެގޮތުން، އޭނާގެ އިސްތިއުފާގެ ސިޓީގެ ފުރަތަމަ ރައީސަށް ފޮނުއްވީ ސިޔާސީ ބޭނުމެއްގައި ކަމަށް ޕީއެންސީން ވަނީ ބުނެފައެވެ.

comment ކޮމެންޓް