ތިން ފަނޑިޔާރުންގެ މައްސަލަ: އަހަރެއްވީއިރު ނުނިމުނަސް އޭސީސީއިން ބުނީ ޚާއްސަ ސަމާލުކަމެއް ދެމޭ!

އޭސީސީގެ ރައީސް އާދަމް ޝާމިލާއި ރައީސް ޑރ. މުހައްމަދު މުއިއްޒު: ތިން ފަނޑިޔާރުންގެ ތަހުގީގުގެ ތަފްސީލު އޭސީސީން ނުދިން -- ފޮޓޯ/ ރައީސް އޮފީސް

ސުޕްރީމް ކޯޓުގެ ކުރީގެ ތިން ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރާލްދާ ޒާހިރާއި މަހާޒު ޢަލީ ޒާހިރާއި ޙުސްނުއްސުޢޫދަށް ތުހުމަތުކޮށް، ބަލަމުންދާ ޖިނާއީ މައްސަލައަށް އަހަރެއްވީއިރު، މައްސަލަ ނުނިމި ވަނިކޮށް, އެ މައްސަލައަށް ޚާއްސަ ސަމާލުކަމެއް ދީގެން ބަލަމުން އަންނަ ކަމަށް، އެ މައްސަލަ ބަލާ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން މިއަދު ބުނެފިއެވެ.

ސަރުކާރު މަސްލަހަތު އޮތް މައްސަލައެއް ސުޕްރީމް ކޯޓުން ބަލަމުން ދަނިކޮށް, މީގެ އަހަރެއް ކުރިން މިދިޔަ އަހަރުގެ ފެބްރުވަރީ މަހުގެ 27ވަނަ ދުވަހު، ތިން ފަނޑިޔާރުންގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަމުން އަންނަ ކަމަށް އޭސީސީން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް އެންގުމުން، ޖޭއެސްސީން ވަނީ އެ ތިން ފަނޑިޔާރުން ސަސްޕެންޑުކޮށްފައެވެ. އޭގެ ތެރެއިން މިދިޔަ މާރިޗު މަހުގެ ހަވަނަ ދުވަހު ސުޢޫދު އިސްތިއުފާދެއްވިއިރު، މޭ މަހުގެ 14ވަނަ ދުވަހު އަޒްމިރާލްދާއާއި މަހާޒު ވަނީ މަޖިލީހުން ވަކިކޮށްފައެވެ.

އެ މައްސަލަ ބެލި ގޮތާ ގުޅޭ ގޮތުންނާއި، ފަނޑިޔާރުންނަށް ޖަވާބުދާރީވާން ފުރުސަތު ނުދިމުން އެ ތިން ބޭފުޅުންގެ އިތުރުން ރާއްޖެއާއި ބޭރުގެ ގާނޫނީ އިދާރާތަކުން ވެސް ކަންބޮޑުވުން ފާޅުކުރިއެވެ.

އެ މައްސަލައަށް އަހަރެއްވީއިރު، މައްސަލައިގެ ތަހުގީގު އޭސީސީން އަދިވެސް އޮތީ ނުނިންމައެވެ.

އެހެންކަމުން މި މައްސަލައިގެ ތަހުގީގު ކުރިއަށް ގޮސްފައިވާ ހިސާބުގެ މައުލޫމާތު ހޯދުމަށާއި، ތަހުގީގު ކުރިއަށް ނުދާ ސަބަބު ހޯދުމަށް އޭސީސީއާ 'ސަން'އިން ސުވާލުކުރުމުން، މައްސަލައަށް ޚާއްސަ ސަމާލުކަމެއްދީގެން ބަލަމުން އަންނަ ކަމަށް ބުނުން ފިޔަވައި އިތުރު ތަފުސީލެއް އެ ކޮމިޝަނުން ނުދެއެވެ.

ފާހަގަކުރެވޭ ގޮތުގައި، އެ މައްސަލައާ ގުޅޭގޮތުން މަހާޒު މީގެ ކުރިން 'ފޭސްބުކް'ގައި ކުރެއްވި ޕޯސްޓެއްގައިވަނީ، މައްސަލަ ކުރިއަށް ނުދާތީ އޭސީސީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

https://sun.mv/207416

އޭސީސީން ބަލަމުންދާ ޖިނާއީ މައްސަލައާ ގުޅޭ ގޮތުން މައުލޫމާތު ދޭން މީގެ ކުރިންވެސް އެ ކޮމިޝަނުން ވަނީ ދެކޮޅުހަދައިފައެވެ. އެގޮތުން އެ ތަހުގީގާ ގުޅޭ ގޮތުން މީޑިއާތަކުން ސުވާލުކުރުމުން އޭސީސީން އޭރު ބުނީ، ކޮމިޝަނުގެ ގާނޫނުގައި ބުނާ ކޮރަޕްޝަނުގެ އަމަލެއް އޭސީސީއަށް ހުށަހަޅައިފި ނަމަ، އެއްވެސް ފަރާތެއް އިސްތިސްނާ ކުރުމަކާ ނުލައި އެ މައްސަލައެއް ތަހުގީގު ކުރުމަކީ ކޮމިޝަނުގެ މައްޗަށް އޮންނަ ގާނޫނީ ޒިންމާއެއް އަދި ވާޖިބެއް ކަމަށެވެ.

https://sun.mv/203088

އެހެންވެ، ގާނޫނުއަސާސީއާއި ކޮމިޝަނުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، އެފަދަ މައްސަލަތައް ބެލުމުގައި ޖިނާއީ އަދުލުގެ ނިޒާމުގައު ހިމެނޭ ގާނޫނުތަކާއި ގަވައިދުތަކުން ކޮމިޝަނަށް މަތިކޮށްފައިވާ ބާރުތަކުގެ ތެރެއިން މައްސަލަތައް ބަލަމުންދާނެ ކަމަށް އޭސީސީން ބުނެފައިވެއެވެ.

އެ ތިން ފަނޑިޔާރުން ސަސްޕެންޑުކުރީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުންނާއި އަމިއްލައަށް ވަކިވުމުން ގޮނޑި ގެއްލޭ ގޮތަށް މި ސަރުކާރު ހިންގާ ޕީއެންސީން ކުއްލި ގޮތަކަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހާ ދެކޮޅު މައްސަލައެއް ސުޕްރީމް ކޯޓުގައި ބަލަމުން ދަނިކޮށެވެ. އެ މައްސަލަވެސް ސުޕްރީމް ކޯޓުގައި ހުއްޓިފައި އޮންނަތާ މިއަދަށް އަހަރެއް ވަނީ ވެފައެވެ. އެ މައްސަލަ ވެސް ނުނިމެއެވެ.

https://sun.mv/218384

އެހެންވެ، ސުޢޫދާއި އަޒްމިރަލްދާ ވަނީ ސަރުކާރުން ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވައި، އަމާޒަކަށްވީ ދުސްތޫރީ މައްސަލަ ބެލުން ހުއްޓުވުން ކަމަށް ތުހުމަތުކުރައްވައިފައެވެ. ނަމަވެސް ސަރުކާރުން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ.

comment ކޮމެންޓް