ދެން އޮތީ ރައިހާގެ ފިނާލޭ

އެސްއެސް މީޑިއާއިން އުފައްދާފައިވާ ފުރަތަމަ ޑުރާމާ ސިލްސިލާ، "ރައިހާ"ގެ އެންމެ ފަހު އެޕިސޯޑު ސްޓްރީމިންއަށް ދޫކޮށްލުމަށް ތައްޔާރުވެއްޖެއެވެ.

ސްޓްރީމިން ސާވިސް ބައިސްކޯފުން މިދިޔަ ނޮވެމްބަރު މަހު ފަހުކޮޅު ދައްކަން ފަށާފައިވާ ރައިހާ މިހާރު މިއޮތީ ނިމުމަކާ ގާތް ވެފައެވެ. ޖުމްލަ 12 އެޕިސޯޑްގެ މި ލިމިޓެޑް ސީރީޒްގެ މިހާރު 11 އެޕިސޯޑު އާންމުކޮށްފައިވާއިރު މިހާރު ބާކީ އޮތީ އެންމެ ފަހު އެޕިސޯޑެވެ.

ރައިހާގެ އެންމެ ފަހު އެޕިސޯޑް މާދަމާ ބައިސްކޯފުން ސްޓްރީމް ކޮށްލަން ދޫކޮށްލާއިރު ޝޯ ބަލާފައި ނުވާ މީހުންނަށް މިއީ ފިނާލޭގެ ކުރީން މުޅި ޝޯ ބިންޖު ކޮށްލަން ލިބޭނެ ވަރުގަދަ ފުރުސަތެކެވެ.

View this post on Instagram

A post shared by Baiskoafu (@baiskoafu)

މި ޝޯގެ އެންމެ ފަހުގެ އެޕިސޯޑުގެ ޓީޒަރެއް މިހާރު ވަނީ އާންމުކޮށްފައެވެ. މި ޓްރެއިލަރުން ފެނިގެން ދާ ގޮތުގައި ފަހު އެޕިސޯޑަކީ ވަރަށް އަސަރު ގަދަ ވާނެ އެޕިސޯޑަކަށް ވާނެއެވެ.

ރައިހާ ޑުރާމާ ސިލްސިލާގެ އިސް ރޯލުތަކުން ފެނިފައިވާ އެކްޓަރުންގެ ތެރޭގައި އަލީ އާޒިމް (ދޮން އައްޔަ)އާއި އާމިނަތު ނޫރާ ހިމެނެއެވެ. ޝޯގެ ސަޕޯޓިން ރޯލުތަކުން އަލީ އުސާމް (ދޮނާ)އާއި ލައިޝާ ލަތީފު ފެނެއެވެ.

މި ސިލްސިލާ ޑައިރެކްޓްކޮށް ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތްކުރީ ރާއްޖޭގައި މަޝްހޫރު އެތައް ފިލްމަކާއި ޑުރާމާ ސިލްސިލާތަކާއި ވީޑިއޯ ލަވަތައް އުފައްދާފައިވާ އަލީ ރަޝީދު (ގޮޅާ އައްޔަ)އެވެ.

ލޯބީގެ ތަފާތު އިހުސާސްތައް ދައްކުވައިދޭ މި ސިލްސިލާގެ ސިނަމެޓޯގްރަޕީ މަސައްކަތްކުރީ އެސްއެސްޓީވީގެ ސީނިއާ ކެމެރާމަން، މުހައްމަދު ޝާނެވެ. މީގެ ސްކްރީންޕްލޭ ތައްޔާރުކޮށްފައިވަނީ އާމިނަތު ރިނާޒާ (ރިނާ)އެވެ.

comment ކޮމެންޓް