ސުއޫދު އިސްތިއުފާދެއްވުމުން ޑރ. މުނައްވަރުގެ މަރުހަބާ

ޕީޕީއެމުން އައްޑޫގައި ބޭއްވި ޖަލްސާގައި ކުރީގެ ބަންޑާރަނައިބު ޑރ. މުހައްމަދު މުނައްވަރު: އޭނާ ވަނީ ސުއޫދު އިސްތިއުފާ ދެއްވުމުން މަރުހަބަ ދަންނަވާފައި -- ފޮޓޯ/ ޕީޕީއެމް

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު މަގާމުން އިސްތިއުފާ ދެއްވުމުން އެކަމަށް ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު މަރުހަބާ ވިދާޅުވެއްޖެއެވެ.

ޑރ. މުނައްވަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ސުއޫދަކީ ރާއްޖޭގެ ގާނޫނީ ދާއިރާގައި އުފެދުނު އެންމެ މޮޅު އެއް ފަރާތް ކަމަށެވެ.

އަދި ގައުމަށް ޚިދުމަތް ކުރެއްވުމަށް ގިނަ ދުވަސްތަކެއް ހުއްސުއްސުއޫދު ހޭދަކުރައްވާފައި ވާކަން ޑރ. މުނައްވަރު ވަނީ ފާހަގަކުރައްވާފައެވެ.

"ވަކީލެއް، ލީގަލް އެކެޑެމިކެއް، ބަންޑާރަ ނައިބެއް، ސިވިލް ކޯޓުގެ އިސް ގާޒީއެއް އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ހައިސިއްޔަތުން، ސުއޫދު ވަނީ ގައުމަށް ޚިދުމަތް ކުރައްވާފައި" މުނައްވަރުގެ ޕޯސްޓުގައި ވެއެވެ.

ސުއޫދުގެ މި ޚިދުމަތަށް މުނައްވަރު ވަނީ މަރުހަބާ ދަންނަވާފައެވެ.

ހުސްނުއްސުއޫދު މަގާމުން އިސްތިއުފާ ދެއްވުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ފުރަތަމަ ސިޓީ ފޮނުއްވުމަށް ފަހު، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ވެސް އިސްތިއުފާގެ ސިޓީ މިއަދު ވަނީ ފޮނުއްވައިފައެވެ.

ހުސްނުއްސުއޫދު ޖޭއެސްސީއަށް އިސްތިއުފާގެ ސިޓީ ފޮނުއްވީ، ފުރަތަމަ ސިޓީ ފޮނުއްވީ ރައީސަށް ކަމަށްވާތީ، އިސްތިއުފާ ގަބޫލުނުކުރަން އެ ކޮމިޝަނުން ނިންމައިފައިވާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައި ވަނިކޮށެވެ.

ރައީސާއި ޖޭއެސްސީއަށް ވެސް ފޮނުއްވި ސިޓީގައި ސުއޫދުވަނީ ސަރުކާރަށް ތުހުމަތުތަކެއް ކުރައްވައިފައެވެ. އެގޮތުން މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނެސްފައިވާ އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓުން ބަލާއިރު، އެ މައްސަލަ ބެލުން ހުއްޓުވުމުގެ ގޮތުން އެތައް ނުފޫޒެއް ސަރުކާރުން ފޯރުވަމުން އަންނަ ކަމަށް އޭނާ ވިދާޅުވެފައިވެއެެވެ.

https://sun.mv/203310

ސުއޫދު އިސްތިއުފާ ދެއްވީ ޖޭއެސްސީން މިދިޔަ ބުދަ ދުވަހު އޭނާ ސަސްޕެންޑުކުރި ފަހުންނެވެ. އެ ކޮމިޝަނުން ބުނީ ސުއޫދާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި ޑރ. އަޒްމިރަލްދާ ޒާހިރު ސަސްޕެންޑުކުރީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބަލަމުންދާ ޖިނާއީ މައްސަލައަކާ ގުޅިގެން ކަމަށެވެ.

މީގެ އިތުުރުން ޖޭއެސްސީން ވެސް އަންނަނީ ފަނޑިޔާރުންގެ ސުލޫކީ މައްސަލައެއް ބަލަމުންނެވެ.

އެ ފަނޑިޔާރުން ސަސްޕެންޑުކުރީ، މަޖިލިސް މެންބަރުން ޕާޓީން ވަކިކުރުމުންނާއި އަމިއްލައަށް ވަކިވުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު ބާތިލުކުރުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅައިފައިވާ މައްސަލައެއް ބަލަމުން ދަނިކޮށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ޑރ. މުނައްވަރު ވަނީ ރިޔާސީ އިންތިޚާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރައްވާ މި ސަރުކާރު ގެންނަވަން މަސައްކަތްތަކެއް ކުރައްވާފައެވެ.

comment ކޮމެންޓް