އަދުލު އިންސާފުގެ ބާރަށް ސަރުކާރުން ނުފޫޒު ފޯރުވާކަމަށް ބުނެ ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި

އެމްޑީޕީގެ ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު: އަދުލު އިންސާފުގެ ބާރަށް ސަރުކާރުން ނުފޫޒު ފޯރުވާކަމަށް ބުނެ ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި -- ފޮޓޯ/ މަޖިލިސް

އަދުލުއިންސާފު ގާއިމްކުރުމުގެ ބާރުގައި މަރުތަޅުއަޅުވައި، އަދުލު އިންސާފުގެ ބާރަށް ނުފޫޒުފޯރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތާ މެދު ކަންބޮޑުވުން ފާޅުކޮށް މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.

މި ކުއްލި މައްސަލަ ހުށަހަޅުއްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު, އެމްޑީޕީއަށް ނިސްބަތްވާ ޑރ. އަހުމަދު ޝަމްހީދެވެ.

އެ މައްސަލަ ބަލައިގަތުމާ މެދު ގޮތެއް ނިންމުމަށް މިއަދު ނެގި ވޯޓުގައި މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވީ އެންމެ 11 މެންބަރުންނެވެ. ދެކޮޅަށް 46 މެންބަރުން ވޯޓުދެއްވިއިރު އެއް މެންބަރަކު ވަނީ ވަކި ގޮތަކަށް ވޯޓު ދެއްވަން ބޭނުންނުވާ ކަމަށް ވޯޓު ދެއްވައިފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މަޖިލީސް މެންބަރަކު އިންތިޚާބުވާ ޕާޓީން ވަކިވުމުންނާއި ވަކިކުރުމުން ވެސް ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ ވަނީ އިސްލާހުކޮށްފައެވެ. އެ އިސްލާހަކީ ގާނޫނުއަސާސީއާ ހިލާފު އިސްލާހެއް ކަމަށް ބުނެ، ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައިގެން ކުރިއަށްދަނިކޮށް ޕީއެންސީން ވަނީ ސުޕްރީމް ކޯޓުގެ ބެންޗުގެ އަދަދު ހަތަކުން ފަހަކަށް ކުޑަކުރަން ހުށަހަޅާފައެވެ.

އެ މައްސަލައިގައި މެންބަރު ފާހަގަކުރައްވާފައި ވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަކީ އަދުލު އިންސާފު ގާއިމްކުރުމުގެ އެންމެ އިސް ފަރާތް ކަމަށް ވެފައި، ގާނޫނެއް ނުވަތަ ގާނޫނެއްގެ ބައެއް، ނުވަތަ ގަވައިދެއް ނުވަތަ ގަވައިދެއްގެ ބައެއް އަދި ދައުލަތުގެ އިދާރާއަކުން ނެރޭ އަމުރެއް، ނުވަތަ އެއިން އިދާރާއެއްގެ މުވައްޒަފަކު ކުރާ ކަމެއް، ނުވަތަ ނިންމާފައިވާ ނިންމުމެއް ވިޔަސް ގާނޫނުއަސާސީއާ ޚިލާފުވާނަމަ އެ ޚިލާފުވުން ބާތިލުކުރުމަކީ ސުޕްރީމް ކޯޓުގެ ބާރުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.

އެމްޑީޕީގެ ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު -- ފޮޓޯ/ މަޖިލިސް

ނަމަވެސް ސުޕްރީމް ކޯޓަށް އެ މައްސަލަ ނުބެލޭނެ ކަމަށް ބުނެ އެ މައްސަލަ ބެލުމަށް ހުރަސްއެޅޭ ގޮތަށް ދައުލަތުގެ ބަންޑާރަ ނައިބުގެ އޮފީހުން އެ ކޯޓުގައި ވަކާލާތުކޮށްފައިވަނިކޮށް ސުޕްރީމް ކޯޓުން އެ މައްސަލަ ބެލުމަށް ނިންމުމުން އެ ކޯޓުގެ ފަނޑިޔާރުންނަށް ބިރުދެއްކުމުގެ ގޮތުން ނުފޫޒުފޯރުވާކަމަށް ވަނީ ބުނެފައެވެ. އެގޮތުން ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބަލައި، ފަނޑިޔާރުން މަގާމުން ވަކިކުރުމަށް ސަރުކާރުގެ ފަރާތުން މަސައްކަތްކުރަމުންދާކަން ފާހަގަކޮށްފައިވެއެވެ.

ފަނޑިޔާރުންނަކީ މުސްތަގިއްލު ކަމާއެކު، ވަކި ކޮޅަކަށް ބުރަ ނުވެ، ވަކި ފަރާތަކުން ދައްކަފާނެ ބިރަކަށް ޖެހިލުންވުމެއްނެތި އެންމެހާ ތައައްސުބުން އެއްކިބާވެ ތިބެ، ގާނޫނުއަސާސީއާއި ގާނޫނުގައިވާ ގޮތުގެ މަތިން އަމަލުކުރަން ތިބި ބައެއްކަމަށް އެ މައްސަލައިގައި ވަނީ ބުނެފައެވެ.

އެހެންކަމުން މިވަގުތު ސުޕްރީމް ކޯޓުގައި އެހާ ހައްސާސް މައްސަލައެއް ބަލަމުންދާއިރު އެ ކޯޓު އެކުލެވިގެންވާ ގޮތަށް ބަދަލުގެނައުމަށް މަސައްކަތްކޮށް، ވުޖޫދުގައި ނެތް ސުލޫކީ މައްސަލަތަކެއް އުފައްދައިގެން އެ ކޯޓުގެ ފަނޑިޔާރުން މަގާމުގެ މަސައްކަތުން އެކަހެރިކުރުމަކީ އެ ކޯޓުން ބަލަމުންދިޔަ މައްސަލައަކަށް ނުފޫޒު ފޯރުވުމުގެ ނިޔަތުގައި ކުރި އަމަލެއްކަން ހާމަވާކަމަށް ވަނީ ބުނެފައެވެ.

އެ މައްސަލައިގައި ވަނީ މިވަގުތު ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކީ ފަސް ފަނޑިޔާރުންގެ ބެންޗަކުން ބަލަންޖެހޭ މައްސަލައަކަށްވީއިރު، ހަތް ފަނޑިޔާރުން ތިބޭ ބެންޗަކުން ތިން ފަނޑީޔާރުން ސަސްޕެންޑުކުރުމަކީ އެ ކޯޓުގެ ބާރާއި، މަތިކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާނުކުރެވޭ ގޮތަށް އެ ކޯޓުގައި މަރުތަޅުއެޅުވިފައި އޮތުން ކަމަށެވެ. އަދި އެއީ ދުސްތޫރީ ހުސްކަމެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ.

ވަކިން ޚާއްސަކޮށް ރައްޔިތުންގެ އާންމު މަސްލަހަތާއި، ރައްޔިތުންގެ ހައްގުތަކާ ގުޅިފައިވާ މައްސަލަތައް ބެލުމަށް ސުޕްރީމް ކޯޓު މިވަގުތު ނުކުޅެދިފައިވީ ހިނދު، އެ މަސައްކަތްތައް ހުއްޓާލުމަށް އެ މައްސަލައިގައި ވަނީ ގޮވައިލާފައެވެ.

އުއްތަމަފަނޑިޔާރާއި ރައީސް މުއިއްޒު އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން -- ފޮޓޯ/ ރައީސް އޮފީސް

ފާހަގަކޮށްލެވޭ ގޮތުގައި ޕީއެންސީގެ ސުޕަމެޖޯރިޓީ އޮތް މަޖިލީހުން ވަނީ ފަނޑިޔާރުން މަދުކުރާ ބިލު ފާސްކޮށްފައެވެ. އެ ބިލު ފާސްކުރިތާ ކުޑައިރުކޮޅެއް ފަހުން އެ ދުވަހު 11:00 ގައި ގާނޫނުއަސާސީއާ ގުޅޭ ދުސްތޫރީ މައްސަލައިގައި ވަގުތީ އަމުރުތަކެއް ނެރުމާ މެދު ގޮތެއް ނިންމަން އަޑުއެހުމެއް ބާއްވަން އިރުކޮޅަކަށް ވެފައި އޮއްވައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ވަނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑުކޮށްފައެވެ.

ސަސްޕެންޑުކުރި ތިން ފަނޑިޔާރުންނަކީ:

  • ފަނޑިޔާރު ހުސްނުއްސުއޫދު
  • ފަނޑިޔާރު މަހާޒް އަލީ ޒާހިރު
  • ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު

އެހެންވެ، އެ ކޯޓުގައި ގާނޫނުއަސާސީއަށް ގެނައި އިސްލާހާ ގުޅޭ ދުސްތޫރީ މައްސަލަ ކުރިއަކަށް ނުގެންދެވުނެވެ. ތިން ފަނޑިޔާރުންނާ ގުޅޭ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާއި ޖޭއެސްސީން އަންނަނީ ތަހުގީގުކުރަމުންނެވެ. އެކަމަކު، އެ މައްސަލަތަކުގެ ތަފުސީލެއް ހާމައެއް ނުކުރެއެއެވެ.

އެކަން އެހެން އޮއްވައި، ފަނޑިޔާރުންނަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ބިރުދައްކަވައި، ނުފޫޒު ފޯރުވާކަމަށް ވިދާޅުވެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ މިއަދު އިސްތިއުފާ ދެއްވައިފައެވެ. އަދި ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑުކުރީ ވެސް އެ މައްސަލަ ހުއްޓުވުމުގެ ގޮތުން ކަމަށް ހުސްނުއްސުއޫދު އިސްތިއުފާގެ ސިޓީގައި ލިޔުއްވައިފައިވެއެވެ.

comment ކޮމެންޓް