ފިލްމު އިންޑަސްޓްރީގެ އެންމެ ޝަރަފުވެރި އެވޯޑު ހަފުލާ ކަމަށްވާ "އޮސްކާ"ގެ މިއަހަރުގެ އެންމެ ބޮޑެތި އެވޯޑުތައް ޑްރާމާ ފިލްމު "އަނޯރާ" އަށް ލިބިއްޖެއެވެ.
މިއަހަރުގެ އޮސްކާ އެވޯޑަށް އެންމެ ގިނަ ނޯމިނޭޝަން އާއެކު ގޮސްފައިވަނީ ނެޓްފްލިކްސްގެ "އެމިލިއާ ޕެރޭޒް" އެވެ. ޖުމްލަ 13 ނޯމިނޭޝަން އާއެކު ފިލްމު އެވޯޑު ހަފުލާއަށް ދިޔައިރު އެންމެ ގިނަ އެވޯޑުތައް އެ ފިލްމަށް ލިބޭނެ ކަމަށް ގިނަ ބަޔަކު ހީކޮށްގެން ތިއްބެވެ. ނަމަވެސް މިފަހަރުގެ އެވޯޑު ހަފުލާގައި ބޮޑެތި ކާމިޔާބީތައް ލިބިފައިވަނީ އަނޯރާއަށެވެ.
ޝޯން ބޭކާ ޑައިރެކްޓް ކޮށްފައިވާ އިންޑީ ފިލްމު އަނޯރާ ވަނީ ޖުމްލަ ހަތް އެވޯޑަކަށް ނޯމިނޭޓް ވެފައެވެ. އޭގެތެރެއިން ހަ އެވޯޑެއް ވަނީ ފިލްމަށް ލިބިފައެވެ. އޭގެތެރޭގައި އަހަރުގެ އެންމެ މޮޅު ފިލްމުގެ އެވޯޑު ހިމެނެއެވެ. މި އެވޯޑަށް ވާދަ ކުރި ފިލްމުތަކުގެ ތެރޭގައި "ބްރޫޓަލިސްޓް" އާއި "އެމިލިއާ ޕެރޭޒް"ގެ އިތުރުން "ސަބްސްޓެންސް" ފަދަ ފިލްމުތައް ހިމެނެއެވެ.
އެންމެ މޮޅު އެކްޓްރެސްގެ އެވޯޑު، އަނޯރާއިން، މައިކީ މެޑިސަންއަށް ލިބުނުއިރު މި އެވޯޑަށް ނޯމިނޭޓް ވެފައިވަނީ ޑެމީ މޫ އާއި ސިންތިއާ އެރީވޯ އާއި ކާލާ ގަސްކޯން ސޯފިއާ އަދި ފަނެންޑާ ޓޯރޭޒް އެވެ.
އަނޯރާ ވަނީ އެންމެ މޮޅު ޑައިރެކްޓަރާއި އެންމެ މޮޅު ސްކްރީންޕްލޭގެ އިތުރުން އެންމެ މޮޅު އެޑިޓިންގެ އެވޯޑުވެސް ހޯދާފައެވެ.
އޮސްކާ އެވޯޑު ހަފުލާއިން އެންމެ ނޯމިނޭޝަން ގިނަ ފިލްމަށް ލިބިފައިވަނީ އެންމެ އެވޯޑެކެވެ. އެއީ ފިލްމުގެ ސަޕޯޓިން ރޯލުން ޒޯއީ ސެލްޑާނާ ކުޅެފައިވާ ރޯލަށް ލިބިފައިވާ އެވޯޑެވެ.
މި އަހަރު އެންމެ މޮޅު އެކްޓަރުގެ އެވޯޑު ލިބިފައިވަނީ އޭޑްރިއަން ބްރޯޑީއަށެވެ. އޭނާ އާއެކު އެވޯޑަށް ވާދަކޮށްފައިވަނީ ޓިމޮތީ ޝަލަމޭ އާއި ކޯލްމަން ޑޮމިންގޯ އާއި ރާލްފް ފީނިސްގެ އިތުރުން ސެބެސްޓަން ސްޓޭން އެވެ.