ތިން މަސް ކުރިން މިފްކޯއަށް އައްޔަންކުރި ސީއީއޯ މަގާމުން ވަކިކޮށްފި

މިފްކޯގެ ސީއީއޯ ޑރ. ވިޓާލީ ލިއުބިމޮވް: އޭނާ ވަނީ ކުންފުންޏަށް ސިޔާސީ ނުފޫޒު ފޯރުވަން ފުރުސަތު ނުދޭނެ ކަމަށް ވިދާޅުވެފައި -- ފޮޓޯ/ މިފްކޯ

ދައުލަތުގެ މަސް ކުންފުނި މިފްކޯގެ ސީއީއޯގެ މަގާމަށް މީގެ ތިން މަސް ކުރިން އައްޔަންކުރި ޑރ. ވިޓާލީ ލިއުބިމޮވް އެ މަގާމުން މިއަދު ވަކިކޮށްފިއެވެ.

ސަރުކާރުގެ ކުންފުނިތައް ބަލަހައްޓާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަަޓައިޒޭޝަން ބޯޑް (ޕީސީބީ)ން ބުނީ ސީއީއޯގެ އިތުރުން މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ވެސް ހުންނެވި ލިއުބިމޮވް މިއަދު މަގާމުން ވަކިކޮށްފައިވާ ކަމަށެވެ.

އެކަމާ ގުޅޭ އިތުރު މައުލޫމާތެއް ޕީސީބީން ހާމައެއް ނުކުރެެއެވެ.

ލިއުބިމޮވް މިފްކޯގެ ސީއީއޯ ކަމާ ހަވާލުވީ މިދިޔަ ޑިސެމްބަރު މަހުގެ 10ގައެވެ.

މިފްކޯއަށް ލިއުބިމޮވް އައްޔަންކުރީ އެ މަގާމަށް ބޭރުގެ ސީއީއޯއަކު ހޯދަން އިއުލާން ކުރުމަށްފަހުގައެވެ.

މިފްކޯއަކީ ފައިދާނުވެ، ގެއްލުމުގައި ހިންގާތާ ދިގު މުއްދަތެއް ވެފައިވާ ކުންފުންޏެއް ކަމަށްވާއިރު ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ މިފްކޯގެ ތެރޭގައި އޮތް ކޮރަޕްޝަން މުލުން ލުހެލާނެ ކަމަށް ވިދާޅުވެފައެވެ. އެ ކުންފުނީގެ ސީއީއޯކަމަށް ބޭރު ބޭފުޅެއް އައްޔަންކުރެއްވީ ވެސް އެ ސަބަބަށްޓަކައި ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

https://sun.mv/200422

ސީއީއޯގެ މަގާމާ ހަވާލުވުމަށް ފަހު ލިއުބިމޮވް ވަނީ ސިޔާސީ ނުފޫޒު ފޯރުވަން ފުރުސަތު ނުދޭނެ ކަމަށާއި އެފަދަ ނުފޫޒެއް ފޯރުވަން މަސައްކަތް ކުރާ ބަޔެއްގެ ނަން އާންމުކޮށް ހާމަކުރާނެ ކަމުގެ އިންޒާރު މީގެ ކުރިން ދެއްވައިފައެވެ.

comment ކޮމެންޓް