ރޯދަމަހު ފަތުރުވެރީންނަށް ކާންދިނުމުގައި ހެދިފައިވާ އާންމު ޤަވާއިދުތަކާ އެއްގޮތަށް ޢަމަލުކުރުމަށް ވަޒީރު އާދަމް ޝަރީފު ޢުމަރު އިލްތިމާސްކުރައްވައިފިއެވެ.
ވަޒީރު މިފަދައިން އިލްތިމާސްކުރެއްވީ އިއްޔެ އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓްގައި ވަޒީރު ވަނީ ގެސްޓް ހައުސް ހިންގާ ރަށްރަށުގައި، ރޯދަމަހު ޓޫރިސްޓުންނަށް ކާންދެއްވުމުގައި ސަރުކާރުން އެކަށައަޅައިފައިވާ އުޞޫލުތަކާއި މިންގަނޑުތަކާ ޚިލާފު ނުވާ ގޮތަށް ޚިދުމަތް ދިނުމަށް އެދިވަޑައިގެންފައެވެ.
އަދި އެ ރަށެއްގައި ދިރިއުޅޭ އާންމު ރައްޔިތުންނަށް ނުފެންނާނޭ ގޮތަކަށް ޚިދުމަތް ދިނުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ވެސް ވަނީ އެދިވަޑައިގެންފައެވެ.
ގިނަ ރަށްރަށުގައި މިހާރު ގެސްޓު ހައުސްތައް ހުންނައިރު، ބޭރު ފަތުރުވެރިން ރަށްރަށުގައި ވެސް އުޅެއެވެ. އެހެންކަމުން ސަރުކާރުން އެކުލަވާލާފައިވާ އުސޫލުތަކާ އެއްގޮތަށް ފަތުރުވެރިންނަށް ޚިދުމަތްތައް ދިނުމަކީ މުހިންމު ކަމެކެވެ.