ގައުމީ އެއާލައިން މޯލްޑިއަންގެ ވައިޑް ބޮޑީ އެއާކްރާފްޓު، އޭ-330 މަތިންދާބޯޓުގެ ދަތުރުތަކެއް އިންޑިއާގެ ކޮޗިންއާއި ޓްރިވެންޑްރަމަށް ކޮށްފިއެވެ.
މި ކަމާ ގުޅިގެން "ސަން"އަށް މައުލޫމާތު ދެއްވަމުން މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް އިޔާސް ވިދާޅުވީ އިއްޔެއަކީ ވަރަށް ޑިމާންޑު ބޮޑުވި ދުވަހެއް ކަމަށާއި، އޭ-330 އޮޕަރޭޓު ކުރީ އެހެންވެ ކަމަށެވެ.
އޭ-330ގައި އިންޑިއާގެ ކޮޗިންއާ ޓްރިވެންޑަރަމަށް ދަތުރެއް އެޅިއިރު، އެއީ ބޭސްފަރުވާއަށް ދިވެހީން އެންމެ ގިނައިން ގޮސް އުޅޭ ސިޓީތަކެވެ. އަދި މި ދުވަސްވަރަކީ ސްކޫލް ބަންދު ދުވަސްވަރަކަށްވުމާއެކު ވައިގެ ދަތުރުފަތުރުގެ ޑިމާންޑު ވެސްވަނީ ބޮޑުވެފައެވެ.
"އިއްޔެ ވަރަށް ޑިމާންޑު ބޮޑުވީމަ، އޭ-330 އޮޕަރޭޓުވާ ވަރަށް ޓްރެފިކު އޮތީމާ އިއްޔެ އެކަނި 330 އޮޕަރޭޓު ކުރީ،" އިޔާސް ވިދާޅުވިއެވެ.
ބައެއް މަންޒިލްތަކަށް ދަތުރުކުރުމަށް އޮންނަ ޑިމާންޑު ބޮޑުވެއްޖެނަމަ، މޯލްޑިވިއަނުން ބޮޑެތި ބޯޓުތައް އެ މަންޒިލްތަކަށް އޮޕަރޭޓު ކުރެއެވެ.
ގައުމީ އެއާލައިނަށް އޭ-330 އެއާކްރާފްޓެއް ގެނައީ މިދިޔަ ޖެނުއަރީ މަހުގެ ހަވަނަ ދުވަހެވެ. މި އެއާކްރާފްޓުގައި ޗައިނާގެ ބެެއިޖިން، ޝަންގްހާއި އަދި ޗެންގްޑޫއަށް ދަތުރުތައް ކުރެއެވެ. އަދި އޭ-330ގައި ޔޫރަޕަށް ވެސް ދަތުރުތައް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މޯލްޑިވިއަންއިން އަންނަނީ އިތުރު ވައިޑްބޮޑީ އެއާކްރާފްޓެއް ގެނައުމަށް ވެސް މަސައްކަތްކުރަމުންނެވެ.
މީގެ ދެވަނަ ބޯޓު ރާއްޖެ ގެނެސް، މި އަހަރުގެ އޮކްޓޫބަރުގެ އުދުހުންތައް ފެށޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުވަނީ ވިދާޅުވެފައެވެ. ވައިޑްބޮޑީ ދެ އެއާކްރާފްޓެއް ގެނެސްގެން ގައުމީ އެއާލައިނުން ޚިދުމަތް ދިނުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
ވައިޑްބޮޑީ އެއާކްރާފްޓްތަކުން އެއްފަހަރާ 264 ފަސިންޖަރުންނަށް ދުރު މަންޒިލްތަކަށް ސީދާ ދަތުރު ކުރެވޭނެއެވެ.