38 މީހުންނާއެކު ދަތުރުކުރަމުން ދިޔަ ލޯންޗެއް ދިޔަވެ، ސިފައިން އެހީވަނީ

ލޯންޗު އަޑިއަށް ދާ ސަރަހައްދު --- ފޮޓޯ/އެމްއެންޑިއެފް

ކ. ތިލަފުއްޓާ ދިމާ ބޭރުން ގިނަ މީހުންތަކަކާ އެކު، ދަތުރުކުރަމުން ދިޔަ ލޯންޗެއް ދިޔަވާތީ، ކޯސްޓްގާޑުން މިއަދު ހަރަކާތްތެރިވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ، "ސުވެނިއާ 34" ނަމަކަށް ކިޔާ އެ ލޯންޗު ދިޔަވާން ފެށީ ލޯންޗު ފަޅައިގެން ގޮސްގެން ކަމަށެވެ.

އެ ލޯންޗުގައި 38 މީހުން ތިބި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ. އޭގެތެރޭގައި 34 ފަތުރުވެރިންނާއި ހަތަރު ކުރޫއިން ހިމެނެއެވެ.

އެ ލޯންޗު ދިޔަވާތީ މާލެ އޭރިއާ ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން އިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން، މިއަދު މެންދުރު 14:00 ހާއިރު ވަނީ މި ލޯންޗު ތިލަފުއްޓަށް ވައްދައިފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މިއީ މިއަދު ކަނޑުމަތީގައި ހިނގި މިފަދަ ދެވަނަ ހާދިސާއެވެ. މިގޮތުން، މިއަދު ހެނދުނު 07:57 ހާއިރު އދ. ދިގުރަށުން ފުރައިގެން މާލެއަށް ދަތުރުކުރަމުން ދިޔަ ލޯންޗް "ހުވަން" ވަނީ އަޑިއަށް ގޮސްފައެވެ.

އެ ލޯންޗުގައި 45 ފަސިންޖަރުންނާއި ތިން ފަޅުވެރިން ތިބި ކަމަށް ފުލުހުން ބުންޏެވެ. އޭގެ ތެރޭގައި ހަތަރު ކުޑަކުދިން ވެސް ހިމެނޭކަމަށް ފުލުހުން ބުންޏެވެ. އެމީހުން މިހާރު ވަނީ ސަލާމަތްކޮށްފައެވެ،

comment ކޮމެންޓް