"މިހާރު ރަނގަޅުތަ؟ އެހާ އަވަހަށް އޮފީހަށް ނުކުންނަން ފެށީތަ؟ ޑޮކްޓަރުވެސް ބުންޏެއްނު ރެސްޓްކުރާށޭ." އެއްފަހަރާ އެތަކެއް ސުވާލެއް ޙަޔާއަށް ކޮށްލެވުނެވެ.
"އަނެއްހެން ރަނގަޅު ރަނގަޅެއް ނޫން. ދުވަހެއް ދުވަހަކަށް ޙާލަތު ދަނީ ގޯސްވަމުން." ހައިޝަމް ބުނެލިއެވެ.
"ދޮންބެ ބުނީމެއްނު، ޒަމީރު ސާރގެ ފިރިހެން ކުއްޖަކު ކެނެޑާގައި ހުންނަ ވާހަކަ. ކޮބާ އޭނަ؟ ބައްޕަ އެހާ ބަލިއިރު އަންނަންވާނެ ދޯ." ކުރިން ދުވަހަކު ހައިޝަމް ބުނި ވާހަކައެއް ހަނދާން އާކޮށްލަމުން ޙަޔާ ބުނެލިއެވެ.
މީގެ ކުރިން ހަތަރު ފަހަރެއްގެ މަތިން ޙަޔާއާއި ޒަމީރާ ބައްދަލުވެފައިވެއެވެ. އެ އިން ކޮންމެ ފަހަރަކުވެސް ދިމާވެ ވާހަކަ ދެކެވުނީ ހޮސްޕިޓަލު ތެރެއިންނެވެ. ޒަމީރު ހޮސްޕިޓަލުގައި ބޭއްވުމުން ވެސް ޙަޔާ ހައިޝަމްއާއެކު އޭނާގެ ކައިރިއަށް ޒިޔާރަތްކުރިއެވެ. އެހެންކަމުން ޒަމީރުގެ ޙާލަތު ޙަޔާއަށް ވަރަކަށް އެނގެއެވެ.
"ޒަމީރު ސާރ ބުނި، އޭނަ ކައިރީގައި ބުނާނަމޭ. އެކަމަކު އަންނާނެހެން ހިޔެއް ނުވެޔޭ ބުނީ. " ހައިޝަމް އޭނާއާ ޒަމީރާ ދެމެދު ދެކެވުނު ވާހަކައެއްގެ ހަނދާންއާކޮށްލިއެވެ.
"ޒަމީރު ސާރގެ އާއިލާގައި އެކުއްޖާ ނޫނީ ނުވެސް ނެތެއްނު. ދެން ކީއްވެބާ ރާއްޖެ ނާންނަން އެ އުޅެނީ؟ މައިންބަފައިން މުސްކުޅިވާ ދުވަހު، އެ މީހުންނަށް އަޅާލާ އޯގާތެރިވުމަކީ ދަރީންގެ ޒިންމާއެއްނު." ޙަޔާއަށް ބުނެވުނެވެ. ޒަމީރާ މެދު އޭނާއަށް ހަމްދަރުދީ ވެވުނެވެ. އެ އުމުރުގައި އެކަނި މާއެކަނި އުޅުމަކީ ކިހާ އުނދަގޫ ވޭންދެނިވި ކަމެއްކަން ޙަޔާއަށްވެސް އެނގެއެވެ. މުސްކުޅިވާ ދުވަހު މައިންބަފައިން ބެލުމަކީ ދަރީންގެ ޒިންމާއެކެވެ. މައިންބަފައިންނަށް އަޅާލާ އޯގާތެރިވުމަކީ، ގިނަ ގުނަ ސަވާބާއި ދަރުމަ ލިބޭ މަތިވެރި ޢަމަލެކެވެ. ނަމަވެސް ދެރައީ، މައިންބަފައިން ދުނިޔޭގައި ތިބެމެ، ގިނަމީހުން އެކަމުން ދުރުވެގަންނަކަމެވެ. މަނާވެގަންނަކަމެވެ. އެމީހުންނަށް ނޭނގެނީ އެއީ ކިހާ ބޮޑު ނިޢުމަތެއްކަމެވެ. އެފަދަ މީހުންނަށް ނުވިސްނޭ ނަމަކީ މައިންބަފައިން މި ދުނިޔޭގައި ނެތް އެތައް ބަޔަކު އެފަދަ ފުރުސަތަތަކަށް އެދި އެދި ތިބޭކަމެވެ.
އަޞުރު ނަމާދު ބަންގިގޮވުމުން ޙަޔާ ނަމާދުކޮށްލަން ކަމަށް ބުނެ ކޮޓަރިއަށް ވަނުމުން ހައިޝަމްވެސް ދިޔައީ މިސްކިތަށެވެެ.
*****
ދަންވަރު އެކެއް ޖަަހަނީއެވެ. އެނދުގައި އޮށޯވެލައިގެން އޮތް ޒައުލްގެ ވިސްނުންތައް އެކިއެކި ދިމާލަށް ދަތުރުކުރަމުން ދިޔަ ނަމަވެސް، މައިގަނޑު ޚިޔާލުތައް ގުޅިފައިވަނީ ބައްޕައާއި އަރީޝްއާއި ދެމީހުން ދެއްކި ވާހަކަތަކާމެދުގައެވެ. އަރީޝްވެސް އެބުނީ ދޮގެއް ނޫނެވެ. މިތަނުގައި ހުރެގެންވެސް އޭނާއަށް ލިބޭނެހަމަޖެހުމެއް ނެތެވެ. ވިސްނެނީ ސާރާއާ މެދުގައެވެ. ބަލައިލި ކޮންމެ ދިމާލަކުންވެސް ހީވަނީ ސާރާ ފެންނަހެންނެވެ. އެ އަޑު ކަންފަތުގައި ގުގުމާލާހެންނެވެ. އަރީޝް ބުނި ގޮަތަށް މާޙައުލު ބަދަލުކޮށްލުމުން ވެސް ފަހަރެއްގައި ނަފްސުގެ އުދާސްކަމަށް ލުޔެއް ލިބިދާނެއެވެ.
އެނދުން ތެދުވެ އިށީނދެލުމާއެކު، ޒައުލް އޭނާގެ ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހައިލިއެވެ. ފުންނޭވާއެއް ދޫކޮށްލެވުނީ ސިކުނޑީގެ ހައިޖާނުގަނޑަށް ކެތްނުކުރެވުނު ފަދައަކުންނެވެ. ނިތުގައި އަތުގެ ދެ އިނގިލިން ބާރުކޮށްލުމާއެކު، މޫނުގައި ދެ އަތުން ފިރުމައިލެވުނެވެ. އެއިން ކޮންމެ އަމަލަކުން ދޭހަކޮށްދެމުން ދިޔައީ، އެ ވިސްނުންތަކުން އޭނާއަށް ބޮޑު ނުތަނަވަސްކަމެއް ލިބިފައިވާކަމެވެ. އަދިވެސް ވަކިގޮތެއް ނުނިންމިގެން އުޅޭކަމެވެ. ބައްޕަ ވެސް އޭނާގެ ގާތުގައި އެފަދަ ކަމަކަށް އެ އެދުނީ އަލަށެވެ. މި ނޫނީ ދުވަހަކުވެސް، އެފަދަ ކަމަކަށް އޭނާގެ ފަރާތުން އެދިފައެއް ނުވެއެވެ. ބައްޕައަށް ކޮންމެވެސް ކަމެއް ވެއްޖެކަމުގައި އޭނާއަށް ޤަބޫލުކުރެވެން ފެށީ ދެނެވެ. ރަނގަޅަށް ވިސްނާލެވުމުން އެ އަޑުގައި ހުރި މަޑުމޮޅިކަންވެސް އޭނާއަށް ފަހުމްވެއްޖެއެވެ. އެއާއެކު ރާއްޖެ ދިޔުމުގެ ޚިޔާލުތައް ވެރިވެ އެކަމަށް އޭނާގެ އަމިއްލަ ނަފްސު ބާރު އަޅަން ފެށިއެވެ.
ސައިޑް ކަބަޑުމަތީގައި އޮތް ފޯނު ނަގާ ޒަމީރުގެ ނަންބަރަށް ޒައުލް ޑައިލްކޮށްލިއެވެ. ދެވަނަ ރިންގާއެކު ޒަމީރު ފޯނު ނަގައިފިއެވެ.
"ސަލާމް ދަރިފުޅާ!" އެކޮޅުން ޒަމީރުގެ އަޑު އައެވެ.
"އަހަރެން… އަހަރެން ރާއްޖެ ދާން ނިންމައިފިން." ޒައުލް ބުނެލިއެވެ.
"ވަރަށް އުފާވެއްޖެ ދަރިފުޅާ!" ޒައުލްގެ ޖަވާބު އިވި ޒަމީރު އުފާވި މިންވަރު އެ އަޑުން އެކަނިވެސް ހާމަވަމުން ދިޔައެވެ. ޒައުލްއަށްޓަކައި އޭނާ އިންތިޒާރުކުރި މިންވަރު ވެސް ސާފުކޮށް ދޭހަވަމުން ދިޔައެވެ. ކެތްތެރިކަން ކުޑަވެފައިވާ އެ އަޑުގައިވަނީ ބަޔާންކުރަން ދަތި އަސަރެކެވެ. "ކޮން އިރަކުން އަންނަނީ؟"
"ވީ އެންމެ އަވަހަކަށް ދާނަން." ޒައުލް ބުންޏެވެ. އެއަށްފަހު އިރުކޮޅެއްގެ ހިމޭންކަމެއް ޒައުލް ޚިޔާރުކުރިއެވެ. "ބައްޕާ… ހުރިހާކަމެއް ރަނގަޅުތަ؟"
"ٱلْحَمْدُ لِلَّٰهِ. " ޒަމީރު ބުނެލީ ހަމައެކަނި އެހެންނެވެ. އިތުރު އެއްޗެއް ނުބުނެއެވެ.
"ޓިކެޓް ކަންތައް ހަމަޖެހުނީމަ ބައްޕައަށް ޚަބަރެއް ވާނަން." ފޯނު ބާއްވާފައި ޒައުލް ސައިޑް ކަބަޑުމަތީގައި ހުރި ފެންފުޅިން އެތިފޮދެއް ބޮައިލިއެވެ. ޓިކެޓް ކަންތަކާ އުޅޭނީ މާދަމާއޭ ހިތާ، ނިދާލުމުގެ ބޭނުމުގައި އޭނާ އޮށޯވެލި ނަމަވެސް، ފޯނު ރިންގުވިއެވެ. ގުޅީ މައިކަލްއެވެ. އެއީ ކެނެޑާގައި ހުންނަ އޭނާގެ ވަރަށް ގާތް ރަޙްމަތްތެރިއެކެވެ. ފޯނު ނަގާ ކަންފަތުގައި ޖައްސައިލި ޒައުލްއަށް، މައިކަލް އެ ގުޅިި ސަބަބު އެނގުނު ނަމަވެސް، އޭނާ ނޭނގޭ ކަމަށް ހެދިއެވެ. މިރޭ އޭނާ އެއްގޮތަކަށްވެސް ބޭރަށް ދާކަށް ބޭނުމެއް ނޫނެވެ.
"ޒައުލް! ކޮބާ؟ މިރޭ ނާންނަމުތަ؟" މައިކަލް ވާހަކަ ދެއްކީ ކިތަންމެ ބާރަށް ނަމަވެސް، ހުރި ތަނުގައި އަޑު ގަދަކަމުން ކިޔާ ނުކިޔާ އެއްޗެއް ސާފުވަނީ ކިރިޔާއެވެ. އޭނާ ވާހަކަ ދެއްކީ އިނގިރޭސިންނެވެ.
"މިރޭ ކުޑަކޮށް ބޮލުގަ ރިއްސާތީ މިއުޅެނީ." ޒައުލް ވެސް ރައްދުގައި ޖަވާބު ދިނީ އިނގިރޭސިންނެވެ.
"ޔޫލީ އެބަ އަހާ ޒައުލްގެ ވާހަކަ. އަހަރެން ކީކޭ ބުނަންވީ؟" މައިކަލް އަނެއްކާވެސް ސުވާލުކޮށްލިއެވެ.
"ބުނޭ އަހަރެން ބައްޔޭ. ނިދާލަން ބޭނުންވަނީ. ބޭއްވީ." ޒައުލް ފޯނު ބޭއްވިއެވެ. އެއަށްފަހު، އެނދުގައި އޮށޯވެލާ ސީލިންގަށް ބަލަހައްޓައިގެން އިރުގަނޑަކު އޭނާ އޮތެވެ. އެނދުގެ އެއްފަރާތަށް ބަލައިލުމާއެކު، ފަޅުކަމެއް އޭނާއަށް އިޙްސާސްކުރެވުނެވެ. ސާރާ ނެތުމުގެ ހުސްކަން އަދިވެސް އޭނާގެ ހަޔާތުގައި އެބަ ވެޔެވެ. އެ ހުސްކަން ދުވަހަކު ފޫބެއްދޭނެހެނެއް ހިޔެއް ނުވެއެވެ. ކޮންމެ ކަމެއް ކުރިނަމަވެސް، މިހާރަކު އޭނާގެ ހިތަކަށް ހަމަޖެހުމެއް ނުލިބެއެވެ. ލުޔެއް ނުލިބެއެވެ. އަރާމާ ހިތްހަމަޖެހުމަކީ މިހާރު އޭނާގެ ދުޝްމަނެއް ފަދައެވެ. ޒައުލްއަށް ނޭނގުނު ކަމަކީ އޭނާގެ އެ ހިތުގެ ނުތަނަވަސްކަން ގުޅިފައިވަނީވެސް އޭނާ އެ އުޅެމުން ދާ އުޅުމާކަމެވެ.
ފޯނުން ސާރާގެ ފޮޓޯގަނޑެއް ހޯދާލުމަށްފަހު، އެ ފޮޓޯގަނޑަށް އޭނާ ފަރުވާތެރިކަމާއެކު، ބަލައިލިއެވެ. ސާރާ އަކީ ރީތި އަންހެނެކެވެ. ސާރާއާއި، ޒައުލްއާ ދެމީހުން ދިމާވެ، އެކަކު އަނެކަކު ދެކެ ލޯބިވެވި ދެމީހުން ކައިވެންޏަކާ ހިސާބަށް އެ ގުޅުން ގެންދިޔައީއެވެ. ސާރާއަކީ ޕާކިސްތާނަށް ނިސްބަތްވާ އަންހެން ކުއްޖެކެވެ. އެހެންނަމަވެސް ދިމާވި އެކްސިޑެންޓެއްގެ ސަބަބުން ސާރާ މި ދުނިޔެއާ އަލްވަދާޢު ކީއެވެ. ޒައުލްގެ މުޅި ދިރިއުޅުން އަނދިރިވެގެން ދިޔަ ހިސާބަކީ އެއީއެވެ. ދިރިއުޅުން މަތީން ފޫހިވީ ހިސާބަކީވެސް އެއީއެވެ. އީމާންތެރިކަން އެކީގައި ހިތުން ނެރެ އެއްލައިލެވުނު ހިސާބަކީ ވެސް އެއީއެވެ. ތަޤުދީރާ މެދު ޝަކުވާކުރެވި، ހަލާކުގެ މަގު ޚިޔާރުކުރެވުނު ހިސާބަކީވެސް އެއީއެވެ. ސާރާ ވަކިވުމުގެ އިމްތިޙާނުވެގެން ދިޔައީ، ޒައުލްއަށް ކެތްކުރަން ދަތިވިކަމަށެވެ. ދިރިއުޅުމުގެ ރާސްތާ އޭނާއަށް ބަދަލުކޮށްލެވުނީ އެހެންވެގެންނެވެ. މިހާރު އޭނާއަކީ ކުޑަ ގޮތަކަށް ބުނާނަމަ އެއްވެސް ދީނެއް ޤަބޫލުކުރާ މީހެއް ނޫނެވެ. ދިރިއުޅުމުގެ މަޤްސަދާމެދު ވިސްނާ މީހެއްވެސް ނޫނެވެ. އަދި އޭނާއަކީ އެކަހަލަ އެއްވެސް ކަމަކަށް ޝައުޤުވެރިކަން ވެސް ފާޅުކުރާ މީހެއް ނޫނެވެ.
"އައި މިސް ޔޫ…" ދެތުންފަތް ފޫއަޅުވާލާފައި ނުކުތް ލަފުޒާއެކު، މޭމަތީގައި ޒައުލްއަށް ފޯނު ބާއްވައިލެވުނެވެ. ސާރާގެ ހަނދާންތައް އަބަަދުވެސް އޭނާއާއެކު ވާނެއެވެ. އަބަދުވެސް އެހިތުގައި ސާރާގެ ނަން ވާނެއެވެ. އެއްވެސް ފަނޑުވުމެއް ނެތިއެވެ.
ހެނދުނު އެރި އިރާއެކު ޒައުލް އެންމެ ފުރަތަމަވެސް ގުޅީ، އަރީޝްއަށެވެ. އޭނާ ބޭނުންވީ އަރީޝްއާއެކު ކޮފީއެއް ބޯލުމަށް ބޭރަށް ދިޔުމަށެވެ. ދުވަސްވަރަކީ ފިނި މޫސުން ފެށެން އުޅޭ ދުވަސްކޮޅު ކޮޅެވެ. ހޫނުފެނުން ފެންވަރާލައިގެން ފިނިން ރައްކާތެރިވާންވެގެން ބޯ ކޯޓެއް ލަމުން ހޫޑީން ބޯ ވެސް ނިވާކޮށްލާފައި، ޒައުލް ގެއިން ނުކުމެ ދޮރު ޖެހިއިރުވެސް ދުންފިނިން މުޅި ސަރަހައްދުވަނީ ފިނިވެފައެވެ. ނޭވާލާއިރު ފިނި އާތްވެތް ނުކުމެއެވެ. ފޯނުން އަރީޝްއަށް ގުޅައިލީ އޭނާ ވީ ތަނެއް ބަލައިލުމުގެ ބޭނުމުގައެވެ. އަރީޝް ބުނީ އޭނާ އިނީ ކޮފީ ޝޮޕުގައި ކަމުގައެވެ. ޒައުލްވެސް އޭނާގެ ކާރަށް އަރާ ކޮފީ ޝޮޕާ ދިމާލަށް ދުއްވައިލިއެވެ. އެ ހިސާބަށް އާދެވުމުން، ޕާކުކޮށްލާފައި ގޮސް އޭނާ އެތެރެއަށް ވަނެެވެ. ވަށައިގެން ބަލައިލެވުނީ އަރީޝް ފެނޭތޯއެވެ. ތަންކޮޅެއް އެތެރޭގައި ހުރި މޭޒެއްގެ ދޮށުގައި އިން އަރީޝް ފެނުމާއެކު އޭނާ އެ ދިމާލަށް ހިނގައިގަތެވެ.
ޒައުލް އިށީނުމުން އަރީޝް ވެއިޓަރަށް ގޮވާލާފައި ކޮފީއަކަށް އޯޑަރު ދިނެވެ.
"ކިހިނެއްވީ؟ ކީއްވެ ކުއްލިއަކަށް މި ގަޑީގައި ބައްދަލުކުރަން ބުނީ؟" އަރީޝް ސުވާލުކޮށްލިއެވެ.
"އަރީޝް. އަހަރެން ރާއްޖެ ދާން ނިންމައިފިން." ހަމަޖެހިލަމުން ޒައުލް ހާމަކޮށްލިއެވެ. އެއާއެކު އަރީޝްއަށް ލިބުނީ ހައިރާންކަމެކެވެ. އެހާ ފަސޭހައިން ޒައުލްގެ ވިސްނުން ބަދަލުވެދާނެކަމަށް އޭނާއަށް ހީކުރެވިފައި ނެތީތީއާވެސް އެކުގައެވެ.
"ކިހިނެއްވީ؟" އަރީޝްގެ މޫނުމަތިން ފެނުނު އަސަރުތަކުން ޒައުލްއަށް ސުވާލުކޮށްލެވުނެވެ. "ހާދަ ފާޑަކަށޭ ތިބަލަނީ."
"ނޫނޭ. އަހަރެން ހިޔެއްނުކުރަން އެހާ ފަސޭހައިން ޒައުލް ރާއްޖެ ދާން އެއްބަސްވެދާނެކަމަަކަށް." އަރީޝް ބުނެލިއެވެ. އެވަގުތު ވެއިޓަރު އައިސް ކޮފީ ބަހައްޓާފައި ދިޔުމުން ޒައުލް ވާހަކަ ދެއްކިއެވެ.
"އަހަންނަށް ހީވަނީ ބައްޕަ ބަލިހެން. އެހެންވެގެން ކަންނޭނގެ އެހާ ވަރަކުން އަހަރެން ގެންދަން ބޭނުންވެގެން އެ އުޅެނީ. އެހެން ނޫނީ ދުވަހަކުވެސް އެފަދަ ކަމަކު އަހަރެންގެ ކައިރިއަކު ނުކިޔާ. " ޒައުލް ބުނެލިއެވެ. "އަހަރެންގެ ހިތް ބުނަނީ ހަމަ ބޮޑުކަމެއް ވެއްޖެޔޭ."
"ދެން ދިޔައިމަ އެނގޭނެއެއްނު. ގޮސްފަ ބައްޕަ ކައިރިން އޮޅުން ފިލުވާ." އަރީޝް ބުނެލިއެވެ.
"އާނ." ޒައުލް ބުނެލިއެވެ. "ބައްޕައާ އަހަންނާ އޮތް ގުޅުން އެހާ ރަނގަޅު ނޫނަސް، އެހާ ގޯހެއް ވެސް ނޫން. މަންމައާއެކު ވަކީން އުޅެން ފެށި ހިސާބުންވެސް ބަރާބަރަށް ފައިސާ ފޮނުވާނެ. މަދުވީ ހަމަ އެންމެ އެއްޗެއް. އެބައި އަހަންނަށް ފޫބައްދައިދޭން މަންމަ އެހާ މަސައްކަތްކުރީމަ މަންމައާ އަހަރެން އެހާ ގާތްވީ. އެކަމަކު މަންމަވެސް އަހަރެން ދޫކޮށްލާފަ ދިޔައި. އޭގެފަހުން ސާރާވެސް. އަހަންނާ ގާތް އެންމެން އަހަރެން ދޫކޮށްލާފަ ދަނީ. ފަހަރަކު މީހަކު…." ޒައުލް ބުނެލިއެވެ.
އޭނާގެ އުމުރުން އެންމެ ހަތް އަހަރުގައި މަންމައާއި ބައްޕަ ވަކިވެ މަންމަ އޭނާ ގޮވައިގެން އިންޑިއާއަށް ދިރިއުޅުން ބަަދަލުކުރީއެވެ. އެއީ އެއްގޮތަކަށްވެސް ޒައުލް ބޭނުންވި ގޮތެއް ނޫނެވެ. ކުޑައިރު މަންމައާއި ބައްޕައާއެކު އެއް ފުރާޅެއްގެ ދަށުގައި އުޅެން ބޭނުންވެގެން އޭނާ ވަރަށް ރުޔެވެ. ކްލާސް ކުދިން އޭނާއާ ދިމާލަށް އެކިއެކި އެއްޗެހި ކިޔާފައި މަލާމާތްކުރި ހަނދާން އަދިވެސް އޭނާ އެބަ ހުއްޓެވެ. އިންޑިޔާގައި އުޅުނު ދުވަސްވަރުވެސް ބައްޕަ ނެތުމުގެ ފަޅުކަން އޭނާއަށް އިޙްސާސްވިއެވެ.
ޒައުލްގެ މަންމަ ޝަމްލާ ނިޔާވީ މީގެ ދެ އަހަރުކުރީން އިންޑިޔާގައި ހިނގި އެކްސިޑެންޓެއްގައެވެ. އޭރު އޭނާ ހުރީ ކެނެޑާގައި ކިޔަވާށެވެ. ސާރާއާއި ދިމާވީ މަންމަ ނިޔާވުމުން އިންޑިއާއަށް ކުރި ދަތުރަށްފަހު، ކެނެޑާއަށް އައި ދުވަސްކޮޅުގައެވެ. ސާރާގެ ސަބަބުން އެހިތާމަތަކާ ކުރިމަތިލާން އޭނާއަށް ފަސޭހަވެގެން ދިޔައެވެ. އެހާ ބޮޑަށް ސާރާ ދެކެ ލޯބިވެވެނީވެސް އެހެންވެގެން ކަންނޭނގެއެވެ. އޭނާގެ ޙަޔާތުގައި އައި އެންމެ ނާޒުކު ވަގުތު ކޮޅު ސާރާ އޭނާއާއެކު ވީމަ ކަންނޭނގެެެއެވެ.
ޒައުލް ކުޑައިރު މަންމައާއި ބައްޕައަކީވެސް ދީނީ ކަންތައްތަކަށް މާ އިސްކަން ދިން ބައެއް ނޫނެވެ. ބައްޕަ އުޅުނީ އަބަދުވެސް މަސައްކަތުގައެވެ. އާއިލާއަށް ވަގުތު ދިނުމަކީ އަދި މާ އުނދަގޫކަމެކެވެ. ގިނައިން މަންމައާއި ބައްޕައާ ދެމީހުންގެ ދެމެދު މައްސަލަ ޖެހޭ ސަބަބަކީވެސް އެއީއެވެ. މަންމަވެސް ދީނީ ތަޢުލީމް ހާސިލްކޮށްދޭކަށް ޒައުލްއަކަށް ބާރެއް ނާޅައެވެ. ސްކޫލުގެ ނަތީޖާ ރަނގަޅު ކުރުވަންވެގެން، ހުރިހާ މާއްދާއަކަށް ޓިއުޝަންވެސް ނަގުވައެވެ. އިސްލާމާއި ޤުރުއާން ފިޔަވައެވެ. އެއީ މާ މުހިންމު މާއްދާއެއްކަމަށް ޝަމްލާ ޤަބޫލު ނުކުރީކަމަށް ވެސް ވެދާނެއެވެ. ނޫނީ މަތީ ފާސް ނެގުމަށް މޮޅެތި ޔުނިވާސިޓީތަކަށް ދާން އެ ދެ މާއްދާ ބޭނުންނުވާނެކަމުގައި ވިސްނުނީ ކަމަށް ވެސް ވެދާނެއެވެ. ކަންތައްތައް އެހެން ހުރުމާއެކު، ބޮޑުވަމުން އައިއިރު ދީނީ މައުލޫމާތެއް ޒައުލްއަކަށް ނޭނގެއެވެ. ނަމާދުކުރުމަކީވެސް އޭނާ ކުރާކަމެއް ނޫނެވެ. އަޤީދާ އެފަަދަ ބަލިކަށި ޙާލަތެއްގައި ހުއްޓާ މަންމަ ނިޔާވުމުން، އަދި މާ ބޮޑަށް އިމާންތެރިކަން ބަލިކަށިވީއެވެ. ތަޤުދީރާ މެދު ޝަކުވާކުރެވެން ފެށީއެވެ. އެހެން ހުއްޓާ ސާރާއާ ދިމާވެ ސާރާގެ ސަބަބުން، އީމާންކަމުގެ ހުޅުކޮޅެއް ހިތުގައި ދިއްލުނެވެ. ހިތުގައި އުފެދުނު ޝައްކުތައް ސާރާގެ ސަބަބުން ފުހެވެން ފެށިއެވެ. ދެމީހުން ކައިވެނި ކުރިއިރުވެސް ޒައުލްގެ ހިތުގައި ޝައްކު ކޮންމެވެސް ވަރަކަށް ވިއެވެ. އެހެންނަމަވެސް ސާރާ ދައްކާ ވާހަކަތަށްވެސް ޤަބޫލުކުރެވެއެވެ. ސާރާ އޭނާ ދޫކޮށްލާފައި ގޮސްފާނެތީ އެ ހިތުގެ ޝައްކުތައް އޭނާ ވަންހަނާކުރީއެވެ. އެހެން ހުއްޓާ ސާރާ ނިޔާވުން ވެގެން ދިޔައީ އަނެއްކާވެސް އަނދިރީގެ ތެރެއަށް ޒައުލް ދާން މެދުވެރުވި ސަބަބަށެވެ.
(ނުނިމޭ)