'ނަފުސު ހޭލައްވައިލަދޭށޭ، އަންނަނީ ރަމަޟާން ކަރީމް،' ނީވެންޏާ ރޯދަމަސް އައިހެން ވެސް ހީނުވެއެވެ. ޖަޒީރާވަންތަ ރީތި ރަށެއްގެ ވީޑިއޯއަކަށް އަދިވެސް އެންމެ އަރާމީ 'އޯ ވަޒަނެ މިއީ ލޯބިވާ'އެވެ. ހަނދުގެ ފުރިހަމަކަން ފެނުނީމާ ހިތް މަޑުމަޑުން ،'އެ ރީތި ހަނދެކޭ ނުބުނެވޭނެހޭ' ކިޔަން ފަށައެވެ.
ނ. ހޮޅުދޫ، އަބްދުﷲ ހަސަނަކީ ލަވައިގެ ރަސްގެފާނެވެ. މިއުޒިކީ ދުނިޔޭގައި އޭނާ ނުހޯދި އުފަލެއް އެހެން މީހަކަށް ނުލިބޭނެއެވެ. އެއީ، ފަނޑުވުމެއް ނެތް ރަން އަޑެކެވެ. އެ ލަވަތައް އަދިވެސް އެންމެ ހިތްގައިމެވެ. އެ މަދަހަތައް އަދިވެސް މާ އުފާވެރިއެވެ.
އޭނާގެ މޮޅުކަމަކީ، މީގެ ހަތަރު އަހަރު ކުރިން ނޮވެންބަރު 19، 2021 ގައި އަވަހާރިވީ ފަހުން ވެސް އެ އަޑު ފަނޑުނުވުމެވެ. އޭނާގެ މަޝްހޫރުކަމަކީ، ބޮޑު ކަމެއް ކުރަންޏާ ހޮޅުދޫ އަބްދުﷲގެ ލަވައެއް އިވެންޖެހުމެވެ.
'ވަޑައިގަންނަވާށޭ ކިލާހަށް އަސާސީ،' އެއީ އޭގެ ފަޚުރުވެރި މިސާލެކެވެ.
ރާއްޖޭން ލިޔަންކިޔަން ނުދަތުން ނައްތާލަން އޭރު ހުންނެވި ރައީސް މައުމޫން އަބްދުލްގައްޔޫމް ގައުމީ ކެމްޕޭނެއް އިއުލާނުކުރެއްވީ 1980 ވަނަ އަހަރެވެ. އޭރު، ލިޔަންކިޔަން ނުދަންނަ މީހުން އެތައް ހާހުން ގުނެއެވެ. ގިނަ މީހުންނަށް އޭރު ހީވެފައި އޮތީ ތައުލީމަކީ މާ މުހިންމު އެއްޗެއް ނޫނޭއެވެ.
މީހުންގެ ވިސްނުން ހުރި ގޮތުން އެ މަޝްރޫއު ކުރިއަށް ގެންދަން ދަތިވިއެވެ. ދެން އެދުނީ އަބްދުﷲ ހަސަންގެ އެހީއަށެވެ.
'ވަޑައިގަންނަވާށޭ ކިލާހަށް އަސާސީ،
ފިލާވަޅު ކިޔައިދެއްވުމަށް އަންގަވާ،'

ހޮޅުދޫ އަބްދުﷲ: އޭނާއަކީ ރާއްޖޭގެ މިއުޒިކީ ލެޖެންޑެއް --
އެއީ އެ މަޝްރޫއަށް ހޮޅުދޫ އަބްދުﷲ ދެއްވި ހަދިޔާއެކެވެ. އެ އެކަންޏެއް ނޫނެވެ. 'ދަންނާށޭ ތާނަ މި ކިޔައިދޭ އަކުރު' އެއީ ކާމިޔާބުކަމާ އެކު ހިންގި މަޝްރޫއުގެ ސިއްރެވެ. މުޅި ދުނިޔޭގައި ވެސް ނިސްބަތުން ލިޔަންކިޔަން ދަންނަ މީހުން ރާއްޖޭގައި ގިނައެވެ. ދިވެހި އާބާދީގެ 99 އިންސައްތަ މީހުން ލިޔަންކިޔަން ދަނެއެވެ. އޭގައި ހޮޅުދޫ އަބްދުﷲގެ ހިއްސާ ތަންމިނަށް އެބައޮތެވެ.
ހޮޅުދޫ އަބްދުﷲގެ ރަން އަޑަކީ ގައުމީ ތަރިކައެކެވެ.
ރޯދަ މަހެއްގައި އޭނާގެ މަދަހައެއް ނީވި ނުދާނެއެވެ. ގައުމީ ދުވަހު އިރުއަރާނީ އޭނާގެ ޖޯޝު ވަރުގަދަ ލަވައަކުންނެވެ. މިނިވަން ދުވަހެއްގައި އެ އަޑު ކެނޑިގެންނުދާނެއެވެ. ޢީދު ވެސް އަންނާނީ އެ އަޑުންނެވެ. ހަމައެކަނި އޭރަކު ނޫނެވެ. މިހާރު ވެސް އެ އަޑު ކޮންމެ ދުވަހަކު އިވެއެވެ. އޭނާގެ ތަރި އެރީ 1970 ގެ ތެރޭގައެވެ. މޮޅު ޅެންތަކާއި ފުރިހަމަ ރާގުތަކުގެ ގިނަ ލަވަތަކުން މީހުންގެ ހިތްތައް ކަތިލަމުންނެވެ.
އުމުރުން 15 އަހަރުގައި ފެއްޓެވި ގޮތަށް މެދުނުކެނޑި 50 އަހަރު ލަވަ ވިދާޅުވިއެވެ. ދެހާހަށްވުރެ ގިނަ ލަވަ ރިކޯޑުކުރެއްވިއެވެ. އެންމެ ގިނައީ މަދަހައާއި ނަސޭހަތްތަކެވެ. އެ ދޭތެރޭގައި ހަތަރު ކައިވެނިކުރެއްވިއެވެ. ފަސް ކުދިން ތިއްބަވައެވެ. މޮޅުކަމުން މައުމޫނާއި ރައީސް އިބްރާހިމް ނާސިރު ވެސް ޕާސަނަލް ލަވަކިޔުންތެރިއެއްގެ ގޮތުގައި ގެންގުޅުއްވިއެވެ.
އެންމެ އުފާވީ ކޮން ދުވަހަކުހޭ އެއްސެވީމާ ހޮޅުދޫ އަބްދުﷲ ވިދާޅުވި ކަމަށްވެއެވެ. އެންމެ އުފާވީ 1981 ގައި ލަވަކިޔުމުގެ ރޮނގުން ހިތްވަރުދިނުމުގެ ގައުމީ އިނާމު ލިބުނު ދުވަހެވެ. އެއީ، އެ ރޮނގުން އެ އިނާމު ލިބުނު ފުރަތަމަ މީހާއެވެ.
ގާތްގަނޑަކަށް 15 ވަރަކަށް އަހަރު ބަލި އެނދުގައި އާލާސްކަންފުޅާ އޮންނެވިއެވެ. އަވަހާރަވީ އުމުރުފުޅުން 82 އަހަރުގައެވެ. އެކަމަކު، އެ އަޑަށް ފަނޑުވުމެއް ނެތެވެ. އެ ބްރޭންޑަށް ދެ ގޮތެއްނުވެއެވެ.
އެ އަޑު ނީވޭ މީހަކު ނުހުންނާނެއެވެ. އޭގެ ޖާދޫގައި ނުޖެހޭ މީހަކު މަދުވާނެއެވެ.