ދަތުރުވެރިންގެ މާރުކޭޓުގައި ކާއްޓެއްގެ އަގު 40 ރުފިޔާއަށް އުފުލިއްޖެއެވެ.
ދަތުރުވެރިންގެ މާރުކޭޓުގައި ކުދި ކާށި 25 ރުފިޔާއަށް ވިއްކައެވެ. އަދި 30 ރުފިޔާއަށާއި 40 ރުފިޔާއަށް ވެސް ކާށި ވިއްކައެވެ.
ކާށީގެ އިތުރުން ފިޔާ ކިލޯއެއްގެ އަގު ވެސް މިއަދު ހުރީ އުފުލިފައެވެ. މިގޮތުން، އިއްޔެ ފިޔާ ކިލޯއެއް 15 ރުފިޔާއަށް ވިއްކިއިރު، މިއަދު ފިޔާ ކިލޯއެއް ލިބެން ހުރީ 20 ރުފިޔާއަށެވެ.
ފިޔާއާއި ކާށީގެ އަގު އުފުލުނުއިރު، އެސްޓީއޯއިން ވަނީ އެތަކެތި ބާޒާރަށް ނެރެ ހެޔޮ އަގުގައި ވިއްކަން ވެސް މީގެ ދެތިން ދުވަސްކުރިން ފަށާފައެވެ.
ބާޒާރުގައި ހުރި އިތުރު ބާވަތްތަކުގެ އަގަށް ބަލާއިރު، ގިނަ ބާވަތްތަކުގެ އަގުތައް ހުރީ އިއްޔެއަށް ވުރެ ހެޔޮ ކޮށެވެ. އިއްޔެ 150 ރުފިޔާއަށްއަށް ވިއްކި ލޮނުމެދު ކިލޯއެއްގެ އަގު މިއަދު ހުރީ 130 ރުފިޔާއަށް ދަށްވެފައެވެ. ކެބެޖު ކިލޯއެއްގެ އަގު 40 އިން 20 ރުފިޔާއަށް ދަށްވެފައިވާއިރު، ޓޮމާޓޯ ކިލޯއެއްގެ އަގު ވެސް ވަނީ ދަށްވެފައެވެ. އެއީ 35 ރުފިޔާއިން 25 ރުފިޔާއަށެވެ.

ދަތުރުވެރިންގެ މާރުކޭޓު: މިއަދު ބާޒާރުގައި ގިނަ ބާވަތްތަކުގެ އަގު ހުރީ ހެޔޮވެފައި -- ސަން ފޮޓޯ/ މުޙައްމަދު މާވީ
އޭގެއިތުރުން، ތޮޅި މިރުސް ކިލޯއެއް 70 ރުފިޔާއަށް ވިއްކާއިރު، ކެރެޓު ކިލޯއެއްގެ އަގު ހުރީ 40 ރުފިޔާގައި ހިފެހެއްޓިފައެވެ. ކަނޑޫދޫ މިރުހުގެ 100 ގުރާމު މާރުކޭޓުގައި ލިބެން ހުރީ 20 ރުފިޔާއާ 25 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައި ކަމަށްވާއިރު، ކިއުކަންބާ ކިލޯއެއްގެ އަގު ހުރީ 60 ރުފިޔާއަށް ދަށްވެފައެވެ.
ބާޒާރުގައި ލުނބޯ ކިލޯއެއްގެ އަގު ހުރީ 40 ރުފިޔާގައި ހިފެހެއްޓިފައެވެ. އެއާއެކު، ހިކަނދި ފަތް އަދި ރާނބާފަތް ބޮނޑިއެއް 10 ރުފިޔާއަށް ވިއްކާއިރު، ކުއްޅަފިލާފަތް ބޮނޑިއެއް ބާޒާރުން ލިބެން ހުރީ 15 ރުފިޔާއަށެވެ.
ރޯދަ މަހަށް ފަނި ގިރަން އެންމެ ގިނައިން ބޭނުންކުރާ ދެ ބާވަތް ކަމަށްވާ ޖުމްހޫރީ މޭވާއާއި ކަރާ ކިލޯއެއްގެ އަގު ވެސް ހުރީ ހިފެހެއްޓިފައެވެ. މިގޮތުން، ކަރާ ކިލޯއެއް 25 ރުފިޔާއަށް ގަންނަން ލިބޭއިރު، ޖުމްހޫރީ މޭވާ ކިލޯއެއް ހުރީ އިއްޔެއެކޭ އެއްގޮތަށް 120 ރުފިޔާއަށެވެ.

މަސްމާރުކޭޓުން މީހަކު މަސް ގަނެގެން ނިކުންނަނީ -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން
މަސްމާރުކޭޓުގައި ވިއްކާ މަހުގެ އަގުތަކަށް ބަލާއިރު، ކަޅުބިލަ މަހާއި ކަންނެލި ކިލޯއެއްގެ އަގު ހުރީ 35 ރުފިޔާގައެވެ. ފަރުމަހުގެ ބާވަތްތަކުގެ ތެރެއިން ދޮންނޫ މަހެއް 10 ރުފިޔާއަށް ވިއްކާއިރު، މާނިޔަމަހެއް ވިއްކަނީ 80 ރުފިޔާއަށެވެ.
ފާނަ ކިލޯއެއް 150 ރުފިޔާއަށް ލިބެންހުރިއިރު، ބޯވަ ދިލަ މަސް ކިލޯއެއް ވިއްކަނީ 170 ރުފިޔާއަށެވެ. އަދި ބަނޑު ޕެކެޓެއްގެ އަގު 50 ރުފިޔާގައި ހުރިއިރު، ރަތް މަހެއް ލިބެން ހުރީ 150 ރުފިޔާއަށެވެ.