މިހާތަނަށް ރެކޯޑުކުރެވިފައިވާ 24 ގަޑިއިރުން އެންމެ ބޯކޮށް ވާރޭވެހުނު މިންވަރުގެ ރެކޯޑު ފާއިތުވި 24 ގަޑިއިރު ކ. ދިއްފުށްޓަށް ވެހުނު 296.1 މިލިމީޓަރުގެ ވާރޭއާއެކު އާވެއްޖެއެވެެ.
މެޓު އޮފީހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކައި ގޮތުން 24ގަޑިއިރު ވާރޭ އެންމެ ގިނައިން ވެހިގެން ފުރަތަމަ ރެކޯޑުކުރެވުނީ 2002ވަނަ އަހަރުގެ ޖުލައި ނުވަވަނަ ދުވަހެވެ. އެއީ 219.8 މިލިމީޓަރެވެ.
ކުރިން 24ގަޑިއިރު ތެރޭ އެންމެ ގިނައިން ވާރޭ ވެހުނުކަމަށް ރެކޯޑުކުރެވިފައިވާ އަދަދުތައް:
- ނުވައެއް ޖުލައި 2002: ގދ. ކާޑެއްދޫ، 219.8 މިލިމީޓަރު
- 24 ނޮވެމްބަރު 2015: ސ. ގަން، 228.4 މިލިމީޓަރު
- ފަހެއް، ޑިސެމްބަރު 2018: މާލެ، 228.9 މިލިމީޓަރު
- 12 އޯގަސްޓު 2024: ހއ. ކެލާ، 231.5
މިދިޔަ އަހަރު ރެކޯޑުކުރެވުނު އަދަދަށްފަހު މި އަހަރު މި ރެކޯޑު އާވެފައި މި ވަނީ ވޭތުވެދިޔަ 24 ގަޑީރުގެ ތެރޭ ކ. ދިއްފުއްޓަށް 296 މިލިލީޓަރުގެ ވާރޭ ވެހުނު ރެކޯޑާއެކުގައެވެ.
މެޓް އޮފީހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ވޭތުވެދިޔަ 24 ގަޑީރުގެ ތެރޭގައި ދިއްފުޓަށް 296 މިލިލީޓަރުގެ ވާރޭ ވެހުނުއިރު ދެވަނައަށް އެންމެ ގިނައިން ވާރޭ ވެހުނީ ހުޅުމާލެއަށެވެ. ހުޅުމާލެއަށް 185 މިލިލީޓަރުގެ ވާރޭ ވެހުނުއިރު ފ. ނިލަންދުއަށް ވަނީ 178 މިލިލީޓަރުގެ ވާރޭ ވެހިފައެވެ.
އަދި ހުޅުލެއަށް 177 މިލިލީޓަރުގެ ވާރޭ ވެހުނުއިރު ބ. ގޮއިދޫއަށް ވަނީ 166 މިލިލީޓަރުގެ ވާރޭ ވެހިފައެވެ. އަދި ދަރަވަންދޫއަށް ވަނީ 159 މިލިލީޓަރުގެ ވާރޭ ވެހިފައެވެ.

ވޭތުވެދިޔަ 24 ގަޑީރުތެރޭ ދިއްފުއްޓަށް 296 މިލިމީޓަރުގެ ވާރޭ -- ފޮޓޯ/ މެޓް
މެޓް އޮފީހުން ބުނީ މިހާރު ރާއްޖެއަށް ކުރަމުން މިދަނީ އިރުމަތީގައި އުފެދުނު ސާކިއުލާއެއްގެ ސަބަބުން ކުރާ ވިއްސާރައެއް ކަމަށެވެ. އަދި އެ ސާކިއުލާ މިހާރު އުޅެނީ ހުޅަނގުގެ ހިސާބުތަކުގައި ކަމަށާއި ރާއްޖޭގެ ހުޅަނގުގެ ހިސާބުތަކަށް މާދަމާ ވެސް ކެރީގެ އަސަރު ފޯރާނެ ކަމަށް ލަފާކުރެެވޭ ކަމަށެވެ.
މާލެއަށް ރެއިން ފެށިގެން ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އެމްއެންޑީއެފްގެ ޓީމުން ވަނީ މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން، ފެންހިންދުމުގައާއި، ވެލި ބަސްތާ ޖެހުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ހަރަކާތްތެރިވެފައެވެ.
އަދި އެ އޮޕަރޭޝަންގެ މަސައްކަތް ބައްލަވާލެއްވުމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހީމް ޙިލްމީ ވަނީ މާލެ ސިޓީގެ ބައެއް ސަރަހައްދުތަކަށް ރޭ ޒިޔާރަތްކުރައްވާފައެެވެ.
ރެއާއި އިއްޔެ ކުރި ވިއްސާރައިގައި މާލޭގައި ފެންބޮޑުވެ، ގެތަކުން ނަޖިސް ބޭރުވުމާ ގުޅިގެން ހަތަރު ގެއަކުން 40 މީހަކަށް ވަގުތީ ބޯހިޔާވަހިކަން އެންޑީއެމްއޭއިން ވަނީ ފޯރުކޮށްދީފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ރޭ މޫސުން ގޯސްވެ، މެދުރާއްޖެތެރެއަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން އޮރެންޖު ސަމާލު ވެސް ނެރުނެވެ.
އަދި މޫސުން ގޯސްވުމުގެ ސަބަބުން މިއަދަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހަމަޖައްސަވައިދީފައެވެ.