މާލޭގައި ފެންބޮޑުވެ، ނަޖިސް ބޭރުވުމާ ގުޅިގެން 40 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި

މާލޭގައި ފެންބޮޑުވެ، ބައެއް ގެތަކަށް ފެން ވަދެފައިވޭ: ނަޖިސް ބޭރުވުމާ ގުޅިގެން 40 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި -- ސަން ފޮޓޯ/ މުޙައްމަދު މާވީ

މޫސުން ގޯސްވެ، ރެއާއި އިއްޔެ ކުރި ވިއްސާރައިގައި މާލޭގައި ފެންބޮޑުވެ، ގެތަކުން ނަޖިސް ބޭރުވުމާ ގުޅިގެން ހަތަރު ގެއަކުން 40 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފިއެވެ.

ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި، މާލެއަށާއި އަތޮޅުތެރޭގެ ގިނަ ރަށްތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ހާދިސާތައް ހިނގަމުންދާ ކަމަށެވެ. އަދި ގިނަ އަދަދެއްގެ ގޭގެއަށް ފެންވަންނަމުން ދާތީ، އެކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެ އޮތޯރިޓީން ކުރަމުންދާ ކަމަށް ބުންޏެވެ.

އިއްޔެއާއި ރޭ ކުރި ވިއްސާރައިގައި މުޅި މާލެ އޮތީ ފެންބޮޑުވެފައެވެ. އެންޑީއެމްއޭއިން ބުނީ ފެންބޮޑުވުމުގެ ސަބަބުން ނަޖިސް ބޭރުވުމުގެ ހާދިސާތައް ދިމާވެފައިވާ ކަމަށެވެ. އެގޮތުން ހަތަރު ގެއަކުން 40 މީހަކު ރައްކާތެރި ތަންތަނަށް ބަދަލުކޮށްފައިވާ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.

މާލޭގެ އިތުރުން އަތޮޅުތެރޭގެ ވަރަށް ގިނަ ރަށްތަކުގައި ވެސް އިއްޔެ ވަނީ ފެންބޮޑުވެފައެވެ. އެންޑީއެމްއޭއިން ބުނީ ކ. ހިންމަފުށި، ކ. ހުރާ އަދި ކ. ގުރައިދޫއަށް އިއްޔެ ވަރަށް ބޯކޮށް ވާރޭވެހުނު ކަމަށެވެ. އަދި ކ. ތުލުސްދޫގައި ބޯކޮށް ވާރޭވެހި ފެންބޮޑުވެ ބައެއް ގެތަކުން ނަޖިސް ލީކުވެގެން ރިޕޯޓްކޮށްފައިވާ ކަމަށް އެ އޮތޯރިޓީން މައުލޫމާތުދިނެވެ.

އެންޑީއެމްއޭއިން ބުނީ ކުރީގެ ހައުސިން މިނިސްޓްރީ ހުރި ބިމުގައި އާއްމު ފަރާތްތަކަށް ވެލިބަސްތާ ދޫކުރުމުގެ އިންތިޒާމް އެ އޮތޯރިޓީއާއި ލޯކަލް ގަވަނަންސް މިނިސްޓްރީ ގުޅިގެން ހަމަޖައްސާފައިވާ ކަމަށެވެ.

ފެންބޮޑުވުމުގެ ސަބަބުން ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމަށް ވެލިބަސްތާ ޖަހަނީ --- ފޮޓޯ/ އައްޑޫސިޓީ ކައުންސިލް

ކުރިއަށް އޮތް ދެތިން ދުވަހު މޫސުން ގޯސްވާނެ ކަމަށް މެޓުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ލަފާކޮށްފައެވެ. މޫސުން އަލިވާނެ ކަމަށް މެޓުން ލަފާކުރަނީ މާދަމާއަށެވެ.

"ސަން" އަށް މައުލޫމާތުދެމުން އެންޑީއެމްއޭއިން ބުނީ މިއަދު ވެސް މޫސުން ގޯސްވާނެ ކަމަށް މެޓުން ލަފާކޮށްފައިވާތީ އެ އޮތޯރިޓީން އެކަމަށް ތައްޔާރުވެފައިވާ ކަމަށެވެ. އެހެންކަމުން ވިއްސާރައިގައި ވި ގެއްލުމުގެ "ތްރެޓް އެސެސްމަންޓެއް" ހަދާނީ މާދަމާ ކަމަށް ވެސް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ރޭ މޫސުން ގޯސްވެ، މެދުރާއްޖެތެރެއަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން އޮރެންޖު ސަމާލު ވެސް ނެރުނެވެ.

މޫސުން ގޯސްވުމުގެ ސަބަބުން މިއަދަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހަމަޖައްސަވައިފައެވެ.

comment ކޮމެންޓް