ބޮލުގައި ރިއްސުމަކީ އާއްމު ދިރިއުޅުމުގައި ވެސް ދޭތެރެ ދޭތެރެއިން ގިނަ ބަޔަކު ތަހައްމަލުކުރާ ކަމެކެވެ. އެހެންނަމަވެސް ރޯދައަށް ހުންނަ ފުރަތަމަ ދުވަސްކޮޅު ބޮލުގައި ރިހޭ މިންވަރު އިތުރުވާ ކަމަށް ބުނެ ޝަކުވާކުރާ މީހުން ވެސް މަދެއް ނޫނެވެ.
ރޯދަ މަހު ހާރު ކެއުމަށްފަހު އަނެއް ދުވަހުގެ އިރުއޮއްސުމާ ހަމައަށް މުސްލިމުން ކެއިން ބުއިމާ ދުރުހެލިވެ ތިބޭއިރު އާދައިގެ ދުވަސް ދުވަހު ހަށިގަނޑަށް ލިބޭ ކެފެއިން އާއި ލިކުއިޑް ކެއުންތަކުން ތިބެނީ ދުރުހެލިވެގެންނެވެ.
އެމެރިކާގެ ޗިކާގޯއަށް ނިސްބަތްވާ ބޯޑު- ސަޓިފައިޑް އިންޓާނިސްޓް ޑރ. ކޮލީން ދޮހާޓީ ބުނެފައިވާ ގޮތުގައި ރޯދައަށް ހުންނައިރު ތަހައްމަލުކުރާ ބޮލުގެ ރިހުމަށް އާއްމުކޮށް ކިޔަނީ 'ފާސްޓިން ހެޑެކް'އެވެ. މަދުވެގެން އަށް ގަޑިއިރު ނުވަތަ އެއަށްވުރެ ގިނަ އިރު ވަންދެން ނުކައި ހުރެއްޖެނަމަ މިއީ އާއްމުކޮށް ވަރަށް ގިނަ މީހުން ތަހައްމަލުކުރާ ކަމެއް ކަމަށް ޑރ. ކޮލީންގެ ލިޔުމެއްގައި ވަނީ ބުނެފައެވެ.

ބޮލުގައި ރިއްސާނަމަ އަވަސް ފަރުވާގެ ގޮތުގައި ކޯލްޑްކޮމްޕްރެސް ފަރުވާ ހޯދުމުން ރިހުމަށް ލުޔެއް ލިބޭ--ފޮޓޯ/ޑައިނާޕްރޯހެލްތު
ގިނަ ވަގުތު ނުކައި ހުރުމުން އަންނަ ބޮލުގެ ރިހުމާއި އާއްމު ދުވަސް ދުވަހު ތަހައްމަލުކުރާ ބޮލުގެ ރިހުމާ ވެސް ތަފާތުތަކެއް ހުންނަ ކަމަށް ބައެއް މީހުން ބުނެއެވެ. މިކަން ގުޅިފައި ވަނީ ރޯދައަށް ހުރުމުން މީހާ ޑީހައިޑްރޭޓްވެ، ހައިޕޮގްލައިސީމިއާ ނުވަތަ ބްލަޑް ޝުގަ ދަށްވުން ކަމަށް މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.
ބައެއް މީހުންނަކީ އާދަވެގެން ކޮންމެ ދުވަހަކު ހެނދުނު ކޮފީ ބުއިމަށް އާދަވެފައިވާ މީހުންނަށްވުމުން ހަށިގަނޑަށް އާދަވެފައިވާ ކެފެއިން ނުލިބުމުން ވެސް ބައެއް މީހުންނަށް ބޮލުގައި ރިހުމުގެ މައްސަލަ ދިމާވާ ކަމަށް ޑރ. ކޮލީން ވަނީ ފާހަގަކޮށްފައެވެ.
އެހެންނަމަވެސް ރޯދަވީއްލުމަށްފަހު ރަނގަޅު ކެއުމަކަށް އިންސާފުކޮށްލުމުން ބައެއް ފަހަރަށް ބޮލުގައި އިހު ހުރި ރިހުމަށް ލުޔެއް ލިބޭ ކަމަށް މި ލިޔުމުގައި ޑރ.ކޮލިން ވަނީ ބުނެފައެވެ.
މާބޮޑަށް ބޮލުގައި ރިއްސާނަމަ އެކަމަށް ލުޔެއް ހޯދުމުގެ ގޮތުން ގޭގައި ކުރެވިދާނެ ކަންތައްތަކުގެތެރޭ އެރޯމާތެރަޕީ، ބޯ މަސާޖުކޮށްލުން، ފިނި އެއްޗަކުން ބޯ ބޮނޑިތާންކޮށްލުން އަދި ރަނގަޅަށް އަރާމުކޮށްލުން ހިމެނެއެވެ.

ބޯ މަސާޖުކޮށްލުމަކީ ވެސް ބޮލުގައި ހުންނަ ރިހުމަށް ލިޔެއް ލިބިދޭ ކަމެއް--ފޮޓޯ/ޕިންޓްރެސްޓް
އެރޯމާތެރަޕީގެ ގޮތުގައި ލެވެންޑަ ނުވަތަ ޕެޕަމިންޓް ފަދަ އެސެންޝަލް އޮއިލް ޑިފިއުޒައަކަށް އެޅުމަށްފަހު ކޮޓަރީގައި ބެހެއްޓިދާނެއެވެ. ރަނގަޅަށް ބޯ މަސާޖުކޮށްލުމުން ބްލަޑް ސަކިއުލޭޝަން ރަނގަޅުވެ ބޮލުގެ ރިހުމެއް ލުޔެއް ލިބުމަށް އެހީވެދެއެވެ. ކޯލްޑް ކޮމްޕްރެސް ނުވަތަ އައިސް ޕެކް ނޫނީ ފިނިކުރި ތުވާއްޔަކުން ބޯ ނުވަތަ ކަނދުރާގައި އޮޅާލުމުން ލުމުން ވެސް ބޮލުގައި ހުންނަ ރިހުމެއް ލުޔެއް ލިބޭ ކަމަށް ޑރ. ކޮލިންގެ ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.
ރޯދައަށް ހުރުމަށް ތައްޔާރުވަމުން އަންނައިރު ދިމާވެދާނެ މިފަދަ ސިއްހީ މައްސަލަތަކަށް ލުޔެއް ހޯދުމަށް ހާރު ކެއުން ދޫކޮށްނުލާ، ރޯދަވީއްލާ ވަގުތު އެއްފަހަރާ މާގިނައިން ކެއުމުން ދުރުހެލިވުމަށް ސަމާލުވާންވާނެއެވެ.
ހަމައެއާއެކު ހަށިގަނޑަށް ބޭނުންވާ މިންވަރަށް ފެން ބޯން ހަނދާންކުރަންވާނެއެވެ. ރޯދައަށް ހުންނައިރު މާގިނައިން ބޮލުގެ ރިއްސާނަމަ ސިއްހީ މާހިރެއްގެ ލަފާ ހޯދުމުގައި އަވަސްވެގަތުމަކީ ވެސް ޚާއްސަ ސަމާލުކަމެއް ދިނުން މުހިއްމު ކަމެކެވެ.