ރޯދަމަހު ބިލުތަކުން ދޭ ޑިސްކައުންޓު 160 މިލިއަން ރުފިޔާއަށް އަރާނެ: މިނިސްޓްރީ

މި އަހަރުގެ ރަމަޟާން މަހުގެ ފެން ބިލާއި ކަރަންޓު ބިލުން މުޅި ޖުމްލަ 160 މިލިއަން ރުފިޔާ ޑިސްކައުންޓު ރައްޔިތުންނަށް ދޭން ޖެހޭނެ ކަމަށް ޓޫރިޒަމް އަދި އެންވަޔަރަމެންޓް މިނިސްޓްރީން އަންދާޒާކޮށްފިއެވެ.

ދައުލަތުގެ މީޑިއާގައި ކަރަންޓާއި ފެން ބިލުން ޑިސްކައުންޓު ދިނުމާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ޓޫރިޒަމް އަދި އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. މުއާވިއަތު މުހައްމަދު ވިދާޅުވީ، ބިލުތަކުން ޑިސްކައުންޓުދޭ ސީދާ އަދަދު ވިދާޅުވާން އެނގޭނީ ރަމަޟާންމަހުގެ ބިލުތަކުގައި ޑިސްކައުންޓުތައް ހިމެނިގެން އައުމުން ކަމަށެވެ.

ނަމަވެސް، މިހާރު ފެންނަން ހުރި އަދަދުތަކާއި ބިލުތަކަށް އަންނަ ބަދަލުތަކަށް ބަލާއިރު، ރައްޔިތުންނަށް 160 މިލިއަން ރުފިޔާގެ ޑިސްކައުންޓެއް ލިބޭނެ ކަމަށް އަންދާޒާކުރެއްވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"މި އަހަރު އަޅުގަނޑުމެންވަނީ އެސްޓިމޭޓުތަކެއް ހަދާފައި. އެހެންނަމަވެސް ޔަގީންކަމާ އެކު އަދަދު އެނގޭނީ ރަމަޟާން މަސް ނިމި، ޑިސްކައުންޓު އަދަދުތައް ހިމެނިގެން އައިމާ،" މުއާވިއަތު ވިދާޅުވިއެވެ

"އެހެންނަމަވެސް މި ބޭނުންކުރާ އަދަދުތަކުގައި އެވަރެޖު އިންކްރީޒްވަމުން އަންނަ ގޮތާއި މަހުން މަހަށް އަންނަ ބަދަލުތަކާ، މިއަށް ބަލާއިރު އަޅުގަނޑުމެންގެ އަންދާޒާއަކީ ގާތްގަނޑަކަށް 160 މިލިއަން ރުފިޔާ ކަރަންޓާެއި ފެނުނުގެ ޑިސްކައުންޓަށް ސަރުކާރުން ދެއްވާނޭ،"

ކޮންމެ އަހަރަކު ވެސް ރަމަޟާންމަހު ކަރަންޓު ބޭނުންކުރާ މިންވަރު އާންމު ގޮތެއްގައި އިތުރެވެ. މި އަހަރުގެ ރަމަޟާން މަސް ދިމާވަނީ ރާއްޖެއަށް އެންމެ ހޫނުކަމަށް ފާހަގަކުރެވޭ ދުވަސްތަކާއެވެ. ހޫނު ގަދަ ދުވަސްތަކަކީ ވެސް ކަރަންޓު ބޭނުންކުރާ ނިސްބަތް އިތުރުވާ ދުވަސްވަރެކެވެ.

މި އަހަރުގެ ރަމަޟާންމަހު ކަރަންޓާއި ފެންބިލުން 10 ޕަސެންޓު ޑިސްކައުންޓު ދޭން ސަރުކާރުން ވަނީ ނިންމައިފައެވެ.

މުއާވިއަތު ވިދާޅުވީ، ކަރަންޓު ބިލުން ކޮންމެ ގޭބިސީއަކަށް ވެސް އެންމެ ކުޑަކޮށް 10 ޕަސެންޓުގެ ޑިސްކައުންޓު ދޭނެ ކަމަށެވެ. އެވަރެޖު މަސްތަކުގައި ކަރަންޓު ބޭނުންކުރާ ނިސްބަތަށްވުރެ އިތުރަށް ބޭނުންކުރާ ކަރަންޓަށް މި ރަމަޟާންމަހު ޑިސްކައުންޓު ދިނުމަށްވަނީ ނިންމައިފައެވެ.

"ދިމާވާ ގޮތުން ބިލު ބޮޑުނުވާ ގެތަކެއް ވެސް ހުރެދާނެ ކަރަންޓު ބޭނުންކުރުމުގެ ކަންތައްތައް ހުންނަ ގޮތުން. [ކަރަންޓު ބިލު] ބޮޑުނުވާ ގެތަކަށް ވެސް ރަމަޟާން މަހު ޚާއްސަ ޑިސްކައުންޓެއް ލިބޭނެ 10 ޕަސެންޓުން. އޭގެ މާނައަކީ އެންމެ ކުޑަކޮށް [ޑިސްކައުންޓު] ލިބޭ ގޭބިސީއަކަށް ވެސް އަންނަ ބިލުގެ 10 ޕަސެންޓު [ޑިސްކައުންޓު] ލިބޭނެ،" މުއާވިއަތު ވިދާޅުވިއެވެ.

ރަމަޟާންމަހު ކަރަންޓާއި ފެންބިލުން ޑިސްކައުންޓު ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. މިދިޔަ އަހަރު ވެސް އެ މަނިކުފާނުވަނީ ރަމަޟާންމަހުގެ ކަރަންޓާއި ފެންބިލުން ޑިސްކައުންޓު ދެއްވައިފައެވެ.

މިދިޔަ އަހަރު ދިން ޑިސްކައުންޓުގެ ޖުމްލަ ގާތްގަނޑަކަށް 140 މިލިއަން ރުފިޔާއަށް އަރައެވެ.

comment ކޮމެންޓް